އަތުހަރުގެ މަރުގެ މައްސަލައިގައި އެޗްއާރްސީއެމްއިން އެދުނު ދެ ފުލުހުންނަށް ދައުވާ ނުކުރަން ނިންމައިފި އަތުހަރުގެ މަރުގެ މައްސަލައިގައި އެޗްއާރްސީއެމްއިން އެދުނު ދެ ފުލުހުންނަށް ދައުވާ ނުކުރަން ނިންމައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު، 2، 2024، ގައި މަރުވި އާދަމް އަތުހަރު، 32، އާ ގުޅޭ މައްސަލައިގައި ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރްސީއެމް) އިން ދައުވާ ކުރަން އެދުނު ދެ ފުލުހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.
ދެ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން އެޗްއާރްސީއެމް އިން އެދުނީ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން މަރުވަންދެން ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށްފަހު އެވެ.
ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަތުހަރު މަރުވި މައްސަލައިގައި ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށެވެ.
"އަތުހަރު ނިޔާވި މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން އެ މައްސަލައިގައި ދައުވާ ނުކުރަން ޖެނުއަރީ 12، ގައި ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
އަތުހަރުގެ މައްސަލައިގައި އެޗްއާރްސީއެމް އިން ތަހުގީގު ކުރުމަށްފަހު ދެ ފުލުހަކަށް ދައުވާ ކުރަން ހުށަހެޅުމުން އިތުރު ކަންކަން ފުރިހަމަ ކުރުމަށް ޕީޖީން އެދުނެވެ. އެ މައްސަލައިގައި ޕީޖީން ދައުވާ ނުކުރަން ނިންމީ އެޗްއާރްސީއެމް އިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ފޮނުވި ފަހުންނެވެ.
އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޯގަސްޓު 29، 2024، ގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައިގަ އެވެ. ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެއީ ފުލުހުން އޭނާގެ ބޮލުގައި މުގުރުން ތެޅުމުންނެވެ.
އެ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް އަތުހަރު ފުރަތަމަ ގެންދިޔައީ މިދިޔަ އޯގަސްޓު 30، 2024، ގަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓު ކުރީ ހަމަ އެ ދުވަހު ހަވީރެވެ.
ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ސެޕްޓެމްބަރު 1، ގަ އެވެ. އެއާއެކު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ސެޕްޓެމްބަރު 2، ގަ އެވެ.
އަތުހަރުގެ މަރުގެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓަގިރިޓީ ކޮމިޝަނުން ތަހުގީގު ކުރި އެވެ. އަދި އޭނާގެ އަމިއްލައަށް މަރުވާން ފުރުސަތު ލިބުނު ގޮތާ ގުޅިގެން ފުލުހުންގެ އިންޓާނަލް ތަހުގީގެއް ވެސް ހިންގި އެވެ.
ނަމަވެސް މިހާތަނަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ފުލުހުންގެ އިންޓާނަލް ތަހުގީގާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ފުލުހުން ހާމަކުރި ގޮތުގައި އޭނާ މަރުވީ އަމިއްލައަށް މަރުވާން ކުރި މަސައްކަތުން ލިބުނު ޒަހަމްތަކުންނެވެ. ނަމަވެސް އަތުހަރު މަރުވުމުގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް އޭނާގެ އާއިލާގެ އިތުރުން އާންމު ވެސް ދިޔައީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ