ވައިގެ ހަމަލާތަކުން އާންމުން ސަލާމަތްކުރާނެ ގޮތުގެ ތަމްރީންތައް އިންޑިއާއާއި ޕާކިސްތާނުން ބާއްވަނީ
ނިއުދިއްލީ (6 މެއި 2025): ވައިގެ ހަމަލާތަކުން ސަލާމަތްވުމަށް ޓަކައި ރައްކާތެރި ތަންތަނަށް އާންމުން ގެންދިޔުމާއި ވައިގެ ހަމަލާތަކާ ގުޅިގެން އުފެދޭ އަލިފާނުގެ ހާދިސާތައްފަދަ ކަންކަމުން ރައްކާތެރިވުމުގެ މަދަނީ ދިފާއީ ކަންކަމަށް އާންމުން ތަމްރީން ކުރުމުގެ ކަންކަން ކުރުމަށް އިންޑިއާގެ ދާޚިލީ ވުޒާރާއިން އެގައުމުގެ ބައެއް ސްޓޭޓްތަކަށް އަންގައިފިއެވެ. އިންޑިޔާގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މަދަނީ ދިފާއީ ކަންކަމުގައި އަމަލީގޮތުން ތަޖުރިބާތަކެއް ކުރަން ބައެއް ސްޓޭޓުތަކަށް އަންގާފައިވާނެ ކަމުގައެވެ. ނަމަވެސް އެއީ ކޮން ސްޓޭޓުތަކެއްކަން އިންޑިއާގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. ޕާކިސްތާނުން ވެސްވަނީ، ކުރިމަތިވެދާނެ ވައިގެ ހަމަލާތަކެއްގެ އިންޒާރުތަކާ ގުޅިގެން ރައްކާތެރި ސަރަހައްދުތަކަށް އާންމުން ގެންދިޔުމުގެ ކަންކަން ތަޖުރިބާކުރުމުގެ ޑްރިލްތައް އެގައުމުގެ ޕްރޮވިންސްތަކުގައި ބާއްވާފައެވެ. އިންޑިއާާއާއި ޕާކިސްތާނުން މަދަނީ ދިފާއުގެ މިޑްރިލްތައް ބާއްވާފައިވަނީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއްގެ ފެށިދާނެ ކަމުގެ ބިރު ހީވެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ހޫނުވީ މިދިޔަ އެޕްރީމް މަހުގެ 22 ވަނަ ދުވަހު، ޖަންމޫ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި 26 މީހުން މަރުވުމުން އެކަމުގެ ޒިންމާ އެއްވެސް ހެއްކެއްނެތި އިންޑިއާއިން ޕާކިސްތާނުގެ ބޮލުގައި އެޅުވުމަށްފަހު އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފިޔަޅުތައް އަޅަން ފެށުމުންނެވެ. ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސިންދު ކޯރުގެ ފެން ހިއްސާ ކުރުމަށް ޕާކިސްތާނާއެކު ސޮއިކޮށްފައިވާ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލުމާއި ޕާކިސްތާނާއެކު ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލުމާއި ޕާކިސްތާނު މީހުން އިންޑިއާއަށް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ. ރައްދުގައި ޕާކިސްތާނުވަނީ އެގައުމުގެ ވައިގެ ސަރަހައްދު އިންޑިއާގެ މަތިންދާ ބޯޓުތަކަށް ބަންދުކޮށްފައެވެ. އަދި އިންޑިއާގެ ކޮންމެ ތަނަކަށްވެސް ފޯރާ ވަރުގެ ބާރުގަދަ ދެ މިސައިލްވެސް ޕާކިސްތާންވަނީ ތަޖުރިބާކޮށްފައެވެ. އަދި ޕާކިސްތާން ވަނީ އިންޑިއާގެ ޖާސޫސީ ޑްރޯނެއްވެސް ވައްޓާލާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އާ މިއަދު އިސްލާމް އާބާދުގައި ބައްދަލުކުރައްވަނީ މީގެއިތުރުން ޕާކިސްތާނާއި އިންޑިއާގެ ސިފައިން ގެންދަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ކޮންމެ ދުވަހަކުވެސް ހަމަލާތައް ބަދަލުކުރަމުންނެވެ. އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު މިހާބޮޑަށް ހޫނުވެފައިވާއިރު ހިނގާ ކުޑަކުޑަ ކަމަކުންވެސް ދެގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. މިސައިލް ތަޖުރިބާ ކުރުމަށްފަހު ޕާކިސްތާނުން ބުނެފައިވަނީ މިއީ ދުޝްމަނުންގެ ފަރާތުން އަތުވެދާނެ ހަމަލާތައް ދިފާއު ކުރުމުގެ ގާބިލުކަން އަސްކަރިއްޔާގައި ހުރި މިންވަރު ވަޒަން ކުރުމަށް ކުރި ތަޖުރިބާއެއްކަމުގައެވެ. އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު ފިނި ކުރުމުގެ މަސައްކަތް އެދެގައުމުގެ އަވަށްޓެރިއެއް ކަމަށްވާ އީރާނުންވަނީ ފަށާފައެވެ. މިކަމަށްޓަކައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ މިހާރުވަނީ ޕާކިސްތާނަށް ވަޑައިގެންފައެވެ. އޭނާ މާދަމާ އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ