ގަވާއިދާ ހިލާފަށް އެމެރިކާގައި އުޅޭ މީހުން އަމިއްލައަށް ފުރަން ނިންމައިފި ނަމަ 1،000 ޑޮލަރު ދޭން ހުށަހަޅައިފި

ގަވައިދާ ހިލާފަށް އެމެރިކާގައި ދިރިއުޅޭ ހިޖުރަވެރިން އަމިއްލައަށް ފުރަން ނިންމައިފި ނަމަ 1،000 ޑޮލަރުގެ އަގެއްދީ، ދަތުރު ހަރަދު ދިނުމަށް އެމެރިކާ ސަރުކާރުން ހުށަހަޅައިފި އެވެ.
"ހައްޔަރުން ސަލާމަތްވުމަށް އޮތް އެެންމެ ރަނގަޅު ގޮތަކީ އެމެރިކާ ދޫކޮށް އަމިއްލައަށް ދިއުން. އެންމެ ރައްކާތެރި އަދި އެންމެ ހަރަދު ކުޑަ ގޮތަކީ ވެސް އަމިއްްލައަށް ބޭރުވުން،" ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ހޯމަ ދުވަހު ކުރެއްވި އިއުލާނެއްގައި ވިދާޅުވި އެވެ.
އެ ހުށަހެޅުން ނަގާ މީހުންނަށް ކޮންމެ ވެސް އެއް ދުވަހަކުން އެނބުރި އެމެރިކާއަށް ދިއުމަށް ގާނޫނީ މަގެއް ހުޅުވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހު އެނބުރި ވެރިކަމަށް ވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ވަރުގަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވައިފަ އެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ގާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަމިއްލައަށް ޑިޕޯޓްވާން އެއްބަސްވެ، މާލީ ކަންކަމަށް ސޮއިކުރާ މީހުން އިމިގްރޭޝަންގެ އޮފިޝަލުން ބަންދުގައި ބެހެއްޓުމަށް އިސްން ނުދޭނެ ކަމަށެވެ.
އެ ތަނުން އެ ހުށަހެޅުން ސިފަކުރީ ޝަރަފުވެރި މަގެއްގެ ގޮތުގައި ކަމަށާއި އޭގެ ސަބަބުން ޑީއެޗުއެސްއަށް ޑީޕޯޓް ކުރުމުގެ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ. ބިދޭސީއަކު ހައްޔަރުކޮށް، ހިފަހައްޓައި ޑީޕޯޓް ކުރުމަށް އެވްރެޖްކޮށް މިހާރު މީހެއްގެ މައްޗަށް 17،000 ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ހިނގާ ކަމަށް ޑީއެޗުއެސް އިން ބުނެ އެވެ.
އެ ޕްލޭނަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޑޮމިނިކަން-އެމެރިކާގެ ކޮންގްރެސް މެންބަރު އެޑްރިއާނޯ އެސްޕައިލެޓް އެކްސްގައި ވިދާޅުވީ "އަޅުގަނޑުމެން ރިޝްވަތު ދީގެން މީހުން ބޭރުކޮށްގެން ނުވާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ