ފޮނުވާލި 74 އިންޑިއާ ސިފައިން އަތުގައި ހަތިޔާރެއް ނެތް: ގައްސާން

އިންޑިއާއާ އެކު ރާއްޖެއިން ވި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ގާއިމުވެ ތިއްބައި ފޮނުވައިލި 74 އިންޑިއާގެ ސިފައިން ވެސް ހަތިޔާރު ގެންގުޅެފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެއެވެ. އިންޑިއާ ސިފައިންގެ ވާހަކައަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އޭރު އިދިކޮޅުގައި އޮތް ޕީއެންސީން އެންމެ ގަދައަށް ދެއްކި އެއް ވާހަކައެވެ. މިދިޔަ އެމްޑީޕީގެ ވެރިކަން ބަދަލު ކުރުމަށްޓަކައި ޕީއެންސީއާއި އެ ޕާޓީއަށް ތާއީދު ކުރާ ނޫސްތަކުން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިންނެއް ތިބި ކަމަށެވެ. އެ ސިފައިން ތިބީ ހަތިޔާރާ އެކު ކަމަށް ވެސް ޕީއެންސީން އޭރު ތުހުމަތުކުރިއެވެ. އެކަމަކު، މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި 14 ގަޑިއިރުގެ ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ނުރައްކަލެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓަރު ޣައްސާން ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓަރު ޣައްސާން ވިދާޅުވީ، ރާއްޖޭގައި އޭރު ތިބި އިންޑިއާގެ ސިފައިން ހަތިޔާރު ގެންގުޅެފައިނުވާ ކަމަށެވެ. "އޭރު ހަރަކާތްތެރިވި އެއްވެސް އިންޑިއާ ސިފައިންގެ މީހަކު ހަތިޔާރެއް ނުގެންގުޅޭ،" ޣައްސާން ވިދާޅުވިއެވެ. އިންޑިއާއާއެކު ވި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ގާއިމުވެ ތިބި ހުރިހާ ސިފައިން ފޮނުވައިލި ކަމަށާއި އޭގެ ތަފުސީލު ވެސް ވަނީ ދެއްވައިފައެވެ. އެގޮތުން: ހަނިމާދޫން އޭޕްރިލް 7، 2024ގައި 12 ސިފައިން ފޮނުވާލި ހަނިމާދޫން އޭޕްރިލް 9، 2024ގައި 13 ސިފައިން ފޮނުވާލި ލ. ކައްދޫން މެއި 7، 2024ގައި 13 ސިފައިން ފޮނުވާލި ލ. ކައްދޫން މެއި 9، 2024ގައި 12 ސިފައިން ފޮނުވާލި ސ. ގަމުން މާރިޗު 7، 2024ގައި 12 ސިފައިން ފޮނުވާލި ސ. ގަމުން މާރިޗު 9، 2024ގައި 12 ސިފައިން ފޮނުވާލި ނަސްރުގެ ދުވަހު ރައީސާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން -- ފޮޓޯ/ ރައީސް އޮފީސް ފާހަގަކޮށްލެވޭ ގޮތުގައި އޭރު ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ އެއް ކަމަކީ ރާއްޖެއާއި ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އިންޑިއާ އަސްކަރިއްޔާ އެކު އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުންތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. ނަމަވެސް، ފަހުން މި ސަރުކާރުން ވަނީ 'އިންޑިއާ އައުޓް' ހަރަކާތަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ބުނެފައެވެ. އަދި މި ސަރުކާރުން މިހާރު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ވެސް ރަނގަޅުކޮށްފައެވެ. ނަމަވެސް އެމްޑީޕީއާއި އިދިކޮޅުގެ އެހެން ބޭފުޅުން ދަނީ އެކަމުގެ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ އެމްޑީޕީ ސަރުކާރުން ވެފައިވާ އަސްކަރީ އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅުވާލައި، މުތުލަގަށް ދޮގު ހައްދަވައިގެން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ