ތަހުގީގު ރިޕޯޓުން ހާމަވީ އަޒްމިރާލްދާ ވަކިކުރަން ނިންމީ ޖޭއެސްސީގެ ކުޑަ ކޮމިޓީން އުފެއްދި ހިޔާލީ ތުހުމަތުތަކަކަށް ބިނާކޮށް ކަން ތަހުގީގު ރިޕޯޓުން ހާމަވީ އަޒްމިރާލްދާ ވަކިކުރަން ނިންމީ ޖޭއެސްސީގެ ކުޑަ ކޮމިޓީން އުފެއްދި ހިޔާލީ ތުހުމަތުތަކަކަށް ބިނާކޮށް ކަން

ދިފާއުގައި ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ނިންމުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އެ މައްސަލަ ތަހުގީގު ކުރި "ކުޑަ ކޮމިޓީ" އިން އުފަންކުރި ހިޔާލީ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެއްޖެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ ވަކިކުރަން ޖޭއެސްސީން ނިންމި ޑިސެމްބަރު 4، 2024، ގައި އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް "ޑައިމަންޑް ފިންގާސް" ނަމަކަށް ކިޔާ ސްޕާއެއްގެ ތެރެއިން ހައްޔަރުކުރި މައްސަލައިގައި އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހަމައެކަނި އަޒްމިރާލްދާ ގުޅުއްވީ އިސްމާއީލް ލަތީފްގެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލު އައްފާން ޝާފީއަށް ކަމަށާއި، އެ މައުލޫމާތު ލިބުނީ ވަކީލު މޫސާ އާލިމްގެ ފަރާތުން ކަމަށް ތަހުގީގުގައި އަޒްމިރާލްދާ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި އަޒްމިރާލްދާގެ ފަރާތުން ކްރިމިނަލް ކޯޓަށް ގުޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކަމަށް ޖޭއެސްސީން ތުހުމަތު ކުރާއިރު އެ ތުހުމަތުތައް އަޒްމިރާލްދާ ދޮގު ކުރެއްވި އެވެ. އެގޮތުން، އިސްމާއިލްގެ ވަކީލު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ކަމެއް ބެލުމަށް ނުވަތަ ނުފޫޒެއް ފޯރުވުމަށް އެދިފައި ނުވާނެ ކަމަށާއި، އަދި އެހެން އެއްވެސް ފަނޑިޔާރާކާ ވެސް އެކަން ހިއްސާކޮށްފައި ނުވާނެ ކަމަށް އަޒްމިރާލްދާ ވަނީ ޖޭއެސްސީއަށް އަންގައިފަ އެވެ.
"އޭނާގެ ބަންދުގެ ކަންކަން ހިނގައިދިޔަ ގޮތް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ބަލާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތުން އެކަމަށް އެދިގެންކަން ނުވަތަ އަޒްމިރާލްދާ ޒާހިރުގެ ބައިވެރިވުން ވެސް އޮވެގެން ކަމަށް ބެލުމުގެ ފުރުސަތު، އެފަދަ ބައިވެރިވުމެއް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ކިބައިގައި ނެތް ކަމަށް ބެލުމަށް ވުރެ ބޮޑުކަމަށް ބުރަވެވޭ،" ސަރުކާރުން ކޮންޓްރޯލް ކުރާ ޖޭއެސްސީގެ ކުޑަ ކޮމިޓީގެ ރިޕޯޓުގައި ލިޔެފައިވެ އެވެ.
ފަނޑިޔާރު މަހާޒު މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ގުޅާފައިވާ ކަމަށް ޖޭއެސްސީގެ ކުޑަ ކޮމިޓީން ނިންމީ ފޯނުން މުވާސަލާތު ކުރުމުގައި އެއް ނަންބަރަށް ވުރެ ގިނަ ނަންބަރު ފަނޑިޔާރު އަޒްމިރާލްދާ ގެންގުޅޭ ކަމަށް ތަހުގީގަަށް ހޯދިފައިވާތީ ކަމަށް ބުނެ އެވެ.
"މި ޒަމާނުގައި މޯބައިލް ފޯނުން މުވާސަލާތު ކުރުމުގައި ތަފާތު އިންޓަނެޓް އެޕްލިކޭޝަން ބޭނުން ކުރެވޭ ކަމީ އެނގެން އޮތް ހަގީގަތެއް ކަމުން، އެފަދަ ކޮންމެ އެޕްލިކޭޝަނެއް މެދުވެރިކޮށް ވެސް ފިރިމީހާ ޑރ. އިސްމާއީލް ލަތީފްގެ ބަންދާ މެދު ގޮތެއް ކަނޑައަޅާ ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ގާތު އެދުމުގެ ފުރުސަތު ފަނޑިޔާރު ޑރ. އަޒްމިރާލްދާއަށް އޮތްކަމަށް ބުރަވެވޭ،" ތަހުގީގު ރިޕޯޓުގެ ނަންބަރު 3.7.3 ގައި ބަޔާންކޮށްފައިވެ އެވެ.
އެ މައްސަލައިގެ މައުލޫމާތު ފަނޑިޔާރު މަހާޒަށް ލިބުނީ ފަނޑިޔާރު ހުސްނުއްސުއޫދު އެ މައުލޫމާތު ދެއްވުމުން ކަމަށް ތަހުގީގުގައި އޭނާ ވިދާޅުވި ނަމަވެސް، އެ މައުލޫމާތު ލިބިފައިވަނީ ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ކަމަށް ޖޭއެސްސީގެ ކުޑަ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
".... ފަނޑިޔާރު މަހާޒު އަލީ ޒާހިރު ބުނެފިނަމަ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ދެކޮޅަށް ހެކިބަސް ދެވުނީ ކަމަށް ބެލެވޭނެތީ، އެފަދައިން ބަޔާން ދީފައިނުވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސުލޫކީ މައްސަލައަކުން ސަލާމަތް ކުރުމަށް ކަމަށް މި ކޮމިޓީއަށް ބުރަވެވޭ،" އެ ރިޕޯޓުގައި ލިޔެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މިންވަރަކަށް ފަނޑިޔާރަކާ ނުވަތަ އެހެން އިދާރާއަކާ ވެސް އަޒްމިރާލްދާ މުއާމަލާތް ކުރެއްވި ކަމެއް ތަހުގީގަށް ހޯދިފައިނުވެ އެވެ. އޭގެ ބަދަލުގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވާ ނުކުތާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ހުރީ އެ ކޮމިޓީއަށް ބުރަވެވޭ ހިޔާލީ ތުހުމަތުތަކެއްގެ މައްޗަށެވެ.
މި މައްސަލަ ހިނގި ދުވަހުގެ ޓައިމްލައިނަށް ބަލާއިރު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވާފައިނުވާކަން ހާމަވެ އެވެ. މި ޓައިމްލައިނަކީ ޖޭއެސްސީގެ ކުޑަ ކޮމިޓީގެ ރިޕޯޓުގައި ހުރި މައުލޫމާތުތަކަށް ބަލައި ތައްޔާރުކޮށްފައިވާ ޓައިމްލައިނެކެވެ.
ސުލޫކީ މައްސަލައާ ދެކޮޅަށް ޖުމުލަ 28 ހެއްކެއް އަޒްމިރާލްދާ ހުށަހެޅުއްވި ނަމަވެސް އެއިން އެއްވެސް ހެއްކެއް ބަލައިގެންފައި ނުވެ އެވެ. އެއީ ހެކިތައް ތަހުގީގަށް ހާޒިރު ކުރި ނަމަވެސް، "ފަނޑިޔާރާ މެދު ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ތަހުގީގަށް ހޯދިފައިވާ ހެކިތަކުން ފެންނަން ހުރި ނުވަތަ ސާބިތުވާން ހުރި ވާގިއާތައް ނަފީ ނުކުރެވޭނެތީ" ކަމަށް ކުޑަ ކޮމިޓީގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
އެހެންކަމުން، މި މައްސަލަ ތަހުގީގު ކުރަން ފެށިއިރު ވެސް ޖޭއެސްސީގެ ކުޑަ ކޮމިޓީން މައްސަލައިގެ ނިޔާ ކަނޑައަޅާފައި އޮތްކަން ސާފުވެ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ހުޅުވާލާއިގެން ކުރިއަށްގެންދިޔުމަށް އަޒްމިރާލްދާގެ ފަރާތުން އެދުނު ނަމަވެސް އެ އިންތިޒާމުތައް ހަމަޖައްސައި ނުދިނީ ލިބޭ އިހުތިޔާރުގެ ދަށުން ކަމަށް ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތަށް ނިންމީ މި މައްސަލައިގައި ހިމެނޭ ޖިނާއީ ތަހުގީގަށް ހުރަސް އެޅި މުޖުތަމައުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުން ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި މައްސަލަ ޖޭއެސްސީއަށް 'އަމިއްލަ ފަރާތަކުން' ހުށަހެޅީ ފެބްރުއަރީ 19، 2025، ގަ އެވެ. އެއީ ކޮން ފަރާތެއްކަން ނޭނގެ އެވެ. މި މައްސަލަ ޖޭއެސްސީން ބަލަން ނިންމީ ފެބްރުއަރީ 26، 2025، ގަ އެވެ. އެއީ ޑރ. އިސްމާއީލް ހައްޔަރުކޮށް ބަންދުން ދޫކޮށްލިތާ 84 ދުވަސް ފަހުންނެވެ.
ސިޔާސީ ޕާޓީއެއްގެ ކކޮމިޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އޭރު އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އޭގެ އިތުރުން، އެ މައްސަލަ ބަލަމުން ދަނިކޮށް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި އޮތް މައްސަލައިގެ އަޑުއެހުން އޮތީ ފެބްރުއަރީ 26، ގެ ހެނދުނު 11:00 އަށް ތާވަލުކޮށްފަ އެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ. ދުސްތޫރީ މައްސަލަތައް ބަލަން ޖެހެނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކަމަށްވާއިރު އެ ސަސްޕެންޝަންތަކާއެކު އެ މައްސަލަ އޮތީ ހުއްޓިފަ އެވެ.
މި މައްސަލައިގައި ހިމެނޭ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދީފައިވާއިރު ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު އަޒްމިރާލްދާ ވަކިކުރަން މަޖިލީހަށް އޮތީ ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ ދިފާއުމުގެ ފުރުސަތެއް ހޯދުމަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ