އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރީ ބަރަހަނާ ހާލުގައި ކަމަށް ބުނެ ޖޭއެސްސީން ހެދި ދޮގު: ވަކީލު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފު މަސާޖު ޕާލާއަކުން ހައްޔަރުކޮށްފައިވަނީ ބަރަހަނާ ހާލުގައިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކައަކީ ދޮގެއްކަމަށާއި، ލަތީފު މިނިވަންކުރަން އަޒްމިރަލްދާ މަސައްކަތް ކުރަން ޖެހޭ ސަބަބެއް ވެސް ނެތްކަން މުޅި މައްސަލައިން ހާމަވާކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން އަޒްމިރަލްދާ ސަސްޕެންޑުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ލަތީފު ސްޕާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން، އޭނާ މިނިވަންކުރުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ބަލަމުން އަންނައިރު، ޖޭއެސްސީން މި މައްސަލަ ތަހުގީގުކޮށް، މިދިޔަ އާދިއްތަ ދުވަހު ވަނީ އަޒްމިރަލްދާ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީލް ވިދާޅުވީ، ޖޭއެސްސީގެ ރިޕޯޓު އެންމެ ފުރަތަމަ އަޒްމިރަލްދާއަށް ފޮނުވިއިރު އޭގައި އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ސާބިތުވާ ކަމަށް ބުނެފައި ނެތް ކަމަށެވެ. އަދި ރިޕޯޓުގައި ތަފްސީލީ މައުލޫމާތެއް ނެތް ކަމަށާއި އޭގައި ހަމައެކަނި އޮތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބަޔާންތަކެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓު ލިބުނުއިރު އޭގައި، އަޒްމިރަލްދާގެ ފިރިކަލުން އޮންނެވީ ބަރަހަނާ ހާލުގައިކަމަށް އޮތް ކަމަށް ޝަމީލް ވިދާޅުވިއެވެ. އަދި "ބަރަހަނާކޮށް އޮންނަ މީހަކު ދުވަހަކު ވެސް ދޫކޮށްލައިފައި ނެތްކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދުގެ ބަޔާނުގައި" ވިދާޅުވެފައިވާކަމަށް، ރިޕޯޓުގައި އޮތް ކަމަށް ޝަމީލް ފާހަގަކުރެއްވިއެވެ. ޝަމީލް ވިދާޅުވީ އެއީ ބޮޑު އޮޅުވައިލުމެއް ކަމަށެވެ. "ޑރ. އިސްމާއީލް ލަތީފު އޮތީ ބަރަހަނާ ހާލަތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކުރައްވައިފައި އޮތް އޮތުމަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް،" ލަތީފް އޮންނެވި ސްޕާއަށް ފުލުހުން ވަތްއިރު، އެ ފުލުހުންގެ ގައިގައި ހުރި ބޮޑީ ކެމެރާގެ ފުޓޭޖުން ވެސް، އޭނާ އޮންނެވީ ބަރަހަނާކޮށް ނޫންކަން އެނގޭކަަން ފާހަގަކުރައްވައި ޝަމީލް ވިދާޅުވިއެވެ. އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް -- ސަން ފޮޓޯ/ މުޙައްމަދު މާނިއު ޝަމީލް ވިދާޅުވީ ހަމަ އެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ސްޕާގެ ކޮޓަރިއަކުން ބަރަހަނާކޮށް ތިބި އަންހެނަކާއި ފިރިހެނަކު ހައްޔަރުކުރިކަން އެނގޭ ކަމަށެވެ. އެ ދެ މީހުންނަށް ދައުވާކުރަން ފުލުހުން ހުށަހެޅުމުން، ފިރިހެން މީހާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، އަންހެން މީހާއަށް ހަށިވިއްކުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އުފުލީކަމަށް ޝަމީލް ވިދާޅުވިއެވެ. އެހެންކަމުން ލަތީފު ވެސް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައިކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނާ ނަމަ، ޕީޖީން ލަތީފުގެ މައްޗަށް ދައުވާ އުފުލާފައި ނުވަނީ ކީއްވެތޯ ޝަމީލް ސުވާލު އުފެއްދެވިއެވެ. އަދި އެ ކަމުން ހާމަވަނީ ޑރ. އިސްމާއީލާ ދެކޮޅަށް ހެއްކެއް ނެތްކަން ކަމަށާއި ކްރިމިނަލް ކޯޓުން އޭނާ މިނިވަންކުރީ ރަނގަޅަށްކަން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގޯސް ގޮތަކަށް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުނުކުރާކަން، އެ އަމުރު އިސްތިއުނާފުކުރަން ފުލުހުންގެ ފަރާތުން ހައިކޯޓުގައި އެދިފައިނުވުމުން ވެސް ހާމަވާ ކަމަށް ޝަމީލް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގައި، ލަތީފުގެ އަނބިކަނބަލުންކަމަށްވާ ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވީކަމަށް ބުނާނަމަ، އެ ބުނެވެނީ ހެއްކެއް ވެސް ނެތް ކަމެއްގައި ގާނޫނާ އެއްގޮތަށް ބަންދުން ދޫކޮށްފައިހުރި މީހަކު، ބަންދުން ދޫކުރި ފަހުން ނުފޫޒު ފޯރުވީކަން ކަމަށް ޝަމީލް ވިދާޅުވިއެވެ. https://sun.mv/205686 "ހެއްކެއް ގަރީނާއެއް މިކަމުގައި ނެތް ކަމެއްގައި ނުވެސް ހިނގާ ކަމެއްގައި މިއޮތީ ފަނޑިޔާރުގެ މައްޗަށް ހަދަހަދައިގެން ދޮގު ތުހުމަތެއް [ޖޭއެސްސީން] ކުރައްވައިފައި، ފަނޑިޔާރު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން. މިއީ ކަނޑައެޅިގެން ބޭއިންސާފެއް،" ޝަމީލް ފާހަގަކުރެއްވިއެވެ. ޖޭއެސްސީން ވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ވެސް، ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުކޮށް، އޭނާ ވެސް މަގާމުން ވަކިކުރަން ފާސްކޮށްފައެވެ. އެ ދެ ބޭފުޅުންނާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކުރިއިރު، އޭނާ ވަނީ މީގެ ކުރިން މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ދެ ފަނޑިޔާރުންނަށް އެ ތުހުމަތު ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުން އެނގޭ ގޮތުގައި މަހާޒް އައްސަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު، ޒިހުނީއަށް ގުޅުއްވީ އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލި ފަހުންނެވެ. އަދި ސަފްވަތު އެއްސެވީ ލަތީފް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އެކަނިކަން ވެސް އެ ބަޔާނުން އެނގެއެވެ. އެހެންވެ، މަހާޒާއި އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަށް އެ ދެ ބޭފުޅުންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތްކަން އެ ބަޔާނުން ހާމަވެއެވެ. ޖޭއެސްސީގައި އަޒްމިރަލްދާގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ އޭނާގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވައިލަން ވެސް އެދިވަޑައިގެންފައެވެ. އަދި ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން ވެސް އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަަތަކަށް އެދިވަޑައިގަތެވެ. ނަމަވެސް އެ ކަންކަމަށް ޖޭއެސްސީން ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް އުންމީދުކުރައްވަނީ، މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކައި، ޝަކުވާތައް އިއްވަން އަޒްމިރަލްދާއަށް ފުރުސަތެއް ލިބުންކަމަށް ޝަމީލް ވަނީ މިއަދު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ