މަތިވެރީގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އއ. މަތިވެރީގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް، ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ހުޅުވާލައިފިއެވެ. މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައިވަނީ އެ އެއާޕޯޓުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް، މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ، ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމަށް އެދި ހުށަހެޅުމަށް ދައުވަތު ދީފައެވެ. އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލްގެ ދަށުން ކަމަށެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް މި ކެޕިޓަލް އަދި އޮޕަރޭޝަނަލް ޚަރަދުތައް އަނބުރާ ހޯދުމަށްޓަކައި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން ވެސް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ. މި މަޝްރޫއުގެ ޝަރުތުތައް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިނިސްޓްރީއަށް މެއިލްކުރަން ޖެހޭނީ 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިންނެވެ. މަތިވެރީ ފަޅު ހިއްކައިގެން އެ ތަނުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިދިޔަ އަހަރު އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި މި މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ