ބަންކަރިންއިން 7 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދީ މުޅިން އަލަށް ރާއްޖެއަށް ލޯ ސަލްފާ އޮއިލް އެތެރެކޮށްގެން: ސައީދު

ބަންކަރިންއިން މިހާތަނަށް ހޯދުނު ހަތް މިލިއަން ޑޮލަރުގެ އާމްދަނީ ހޯދީ، ރާއްޖެއަށް ވެރީ ލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ) ބަންކަރުކޮށްގެން ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19ގައެވެ. މި މަހުގެ ތިންވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން އެހައިތަނަށް 7.4 މިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށެވެ. ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ޖަލްސާއެއްގައި، ބަންކަރިންގެ ޚިދުމަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފަސް މަހާއި ދުވަސްކޮޅެއްގެ ތެރޭގައި އެ ޚިދުމަތުން އާމްދަނީގެ ގޮތުގައި ލިބުނު އެ ހަތް މިލިއަނެއްހާ ޑޮލަރަކީ ކުޑަ އަދަދެއް ނޫން ކަމަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 114 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށައިގެން އާމްދަނީ ހޯދީ މުޅިން އަލަށް ރާއްޖެ ގެނައި ވީއެލްއެސްއެފްއޯ ބަންކަރުކޮށްގެންނެވެ. ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީގެ 95 ޕަސެންޓަކީ ހަމަ އެކަނި ވީއެލްއެސްއެފްއޯ ބަންކަރުކޮށްގެން ލިބުނު ފައިސާ ކަމަށް އޭނާ ވިދަޅުވިއެވެ. "...އަޅުގަނޑުމެންނަށް އަމާޒުކޮށްގެން ދައްކާ ވާހަކައެއް، ކައިރި ތަންތަނުން ވެސް އަޑުއަހާފައި ވިދާޅުވަނީ ކޮބާހޭ ތި ފެށި ބަންކަރިންއަކީ. ވަރަށް ގިނައިން ދައްކާ ވާހަކައެއް. އަޅުގަނޑު ވަރަށް އުފާ ކުރަން އެކަމާ. އެއީ އެ ކަމަށް އޮންނަ ޝައުގުވެރިކަން. ކޮންމެ ދުވަހަކު ވެސް އަޅުގަނޑު ބަލައިލަން މިއަދު ބަންކަރިންއިން ލިބުނީ ކިހާވަރެއްތޯ" ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި ވީއެލްއެސްއެފްއޯއަށް އޮންނަ ޑިމާންޑު ދަނީ އިތުރުވަމުންނެވެ. ސައީދު ވިދާޅުވީ، މި ކަމަށް ބޭނުންވާ ގާނޫނުތަކާއި ދައުލަތުގެ ތެރެއިން ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު ރައީސްގެ ވިސްނުންފުޅަކީ އެ ކަން ފުޅާކުރުން ކަމަށެވެ. https://sun.mv/205049 މިދިޔަ އޭޕްރީލް 21ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީއާ ގުޅޭގޮތުން ސުވާލު ކުރުމުން ސައީދު ސީދާ ޖަވާބެއް ނުދެއްވައެވެ. އެ ދުވަހު އޭނާ ވިދާޅުވީ އެ ޚިދުމަތުން ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށާއި، އޭގެ އަދަދުތައް ދޭނީ އެސްޓީއޯއިން ކަމަށެވެ. ރާއްޖެއިން މި ޚިދުމަތް ފެށީ، މަޑުމަޑުން މި ޚިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެމްބަރުގައެވެ. އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ. އޭގެ ދޮޅު މަހެއްހައި ދުވަސް ފަހުން، 13 ނޮވެމްބަރުގައި ސައީދުވަނީ ބަންކަރިން ޚިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ މުއްދަތުގައި ލިބުނުކަމަށް ވިދާޅުވެފައެވެ. އެއާއެކު، ބަންކަރިންނަށް ޚާއްސަކޮށްފައި އޮތް، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމާ އެއްކޮށް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރުވަނީ ހާމަ ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ