ސައިކަލް ދުއްވަމުން ފޯނު ބަލަމުން ދިޔަ މީހެއްގެ ސައިކަލް 30 ދުވަހަށް ޓޯކޮށް، 2000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސައިކަލް ދުއްވަމުން ފޯނު ބަލަމުން ދިޔަ މީހެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން، ފުލުހުން އެ މައްސަލަ ބަލައި، އެ ފަރާތާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
މި މައްސަލައިގައި އެ ފަރާތުގެ ސައިކަލް 30 ދުވަހަށް ޓޯކުރުމާއެކު، 2000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ލައިސަންސް ވަނީ ހިފަހައްޓާފައެވެ. ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯގައި ފެންނަނީ ސައިކަލުގެ ފަހަތުގައި މީހަކު އިންދާ، ދުއްވާ މީހާ އެއްއަތުން ފޯނު ހިފައިގެން ބަލަމުން ދުއްވާ މަންޒަރެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގެ ދަށުން، އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އުޅަނދު ދުއްވުމާއި، ހެޑްސެޓް ބޭނުންކޮށްގެން ނުވަތަ އެހެން މީހެއްގެ އެހީތެރިކަމާއެކު ފޯނުން ވާހަކަދެއްކުމަކީ މަނާކަމެކެވެ. މިފަދަ ޢަމަލުތަކަކީ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިފަދަ ޤަވާއިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްދާކަން ވެސް ފާހަގަކުރެވެއެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ