ކިތަންމެ ހިތްހަމަނުޖެހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށްވުރެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން މާ ރަނގަޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ސޯލިހުގެ ވެރިކަމުގައި ހަމަތަކުގައި ހިފަހައްޓައި ގާނޫނީ ވެރިކަމެއް ކުރަން އިސްކަން ދެއްވި ކަމަށެވެ.
"ގުންފައި ޖަހާފައި މިދަނީ ގަދީމީ ޒަމާނަށް [މިހާރު]. މިއަށްވުރެ ރަނގަޅު އެނގޭތޯ ރޫލް އޮފް ލޯ އަޕްހޯލްޑް ކުރެވުނު. ގަވަނަންސް ސްޓްރަކްޗާ އަޕްހޯލްޑް ކުރެވުނު މިއަށްވުރެ ރަނގަޅު އަޅުގަނޑުމެން ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނަސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ވެސް މިއަށްވުރެ ރަނގަޅު އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ޑިޖިޓަލައިޒް ކުރަން ރައީސް މުއިއްޒު އުޅުއްވި ނަމަވެސް މިހާރު އޮތް ވެރިކަމުގައި ރޯމާދުވާލު ކުރާ ވައްކަމަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިހާރު މިކުރަނީ ޑޭލައިޓް ވައްކަން ދެއްތޯ. ހަމަ ދިމްޔާތުގެ ޒުލެއް ގޮތަށް ރައްޔިތުންގެ މަޖިލިސް އެ ހިނގަނީ އެނގޭތޯ. އެހެންވީމަ ޑިޖިޓަލައިޒް ކުރިއަސް އެހެން ކަމެއް ކުރިއަސް މިކުރާ ވައްކަމަކަށް ބަދަލެއް ނާންނާނެ. އެސްއޯއީތަކުން ބޮޑެތި އަދަދުން ފައިސާ ނަގާފައި ގެންދާ ދިމަދިމާލަށް ބޮޑެތި މީހުންނަށް ގެންދާ ދިމަދިމާލަށް އެއަކަށް ބަދަލެއް ނާންނާނެ،" ޔާމީން ވިދާޅުވި އެވެ.
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވުނީ އޭރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރަމުންދިޔުމާ ގުޅިގެންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒު ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވީ ޔާމީނުގެ ވެސް ތާއީދާ އެކުގަ އެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެމަނިކުފާނާއި ޔާމީނާއި ދެމެދު މައްސަލަ ޖެހި ޕީޕީއެމް ދޫކުރައްވައި ޔާމީން ވަޑައިގެންނެވި އެވެ. އެއަށްފަހު އަމިއްލަ ޕާޓީ، ޕީއެންއެފް އުފައްދަވައި ޔާމީން ގެންދަވަނީ ރައީސް މުއިއްޒުއަށް ދަނީ އެކި ޕްލެޓްފޯމްތަކުގައި ފަޑުވިދާޅުވަމުންނެވެ.
ހިތްހަމަނުޖެހުނަސް ރައީސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން ހިތްހަމަނުޖެހުނަސް ރައީސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ