ވާދަވެރި ކުޅުމަކަށްފަހު ޕާކިސްތާން އަތުން ޒުވާން ނެޓްބޯޅަ ޓީމު ބަލިވެއްޖެ

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހު މެޗުގައި ވާދަވެރި ކުޅުމަށްފަހު 39-49 ގެ ނަތީޖާއަކުން ދިވެހި ޒުވާން ޓީމު ބަލިވެއްޖެއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު، ދެ ޕޮއިންޓްގެ ލީޑަކާއެކު 12-14 ގެ ނަތީޖާއަކުން ކުރީގައި އޮތީ ޕާކިސްތާން އެވެ. ނަމަވެސް ދެވަނަ ކުއާޓާގައި ރާއްޖެ ޓީމުން 14 ޕޮއިންޓް ހޯދައި މެޗުގެ ލީޑު ހޯދިއިރު، މިކުއާޓާގައި ޕާކިސްތާން ޓީމަށް ސްކޯކުރެވުނީ 10 ޕޮއިންޓެވެ.
މެޗުގެ ތިންވަނަ ކުއާޓާގައި ޕާކިސްތާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރުކޮށްފައެވެ. އަދި މިއުކާޓާގައި އެޓީމުން އިތުރު 11 ޕޮއިންޓް ހޯދިއިރު، ދިވެހި ޓީމަށް ސްކޯކުރެވުނީ އަށް ޕޮއިންޓެވެ. އަދި މެޗުގެ ފަހު ކުއާޓާގައި ޕާކިސްތާނުން އިތުރު 14 ޕޮއިންޓް ހޯދިއިރު، ދިވެހި ޓީމަށް މިކުއާޓާގައި ސްކޯކުރެވުނީ ހަތް ޕޮއިންޓެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 10 ޕޮއިންޓްގެ ލީޑަކާއެކު 39-49 ގެ ނަތީޖާއަކުން ޕާކިސްތާން ކުރީގައި އޮވެގެންނެވެ. 
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅުވެފައިވާއިރު، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މިމެޗަށް ނިކުތްއިރުވެސް ދިވެހި ޓީމަށް އޮތީ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި ސެމީފައިނަލުގައި ބްރާސްފަތި ދުވަހު ރާއްޖެ ގަޑިން 10:00 ގައި ދިވެހި ޓީމު ނުކުންނާނީ ޗައިނީސް ޓައިޕޭ އާއި ދެކޮޅަށެވެ. އަދި މިދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 51-26 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދިވެހި ޓީމުންނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 11 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އެގާރަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ރާއްޖެ ހިމެނުނީ، ދެކުނު ކޮރެއާ، ޖަޕާން، ޗައިނީސް ޓައިޕޭ އަދި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ 
މިމުބާރާތުގައި ރާއްޖޭން ވާދަކުރަމުން އަންނަނީ، ތަޖުރިބާކާރު ކޯޗު، ނީޝާ ހަލީމްގެ އިތުރުން، ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ކޯޗިން ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ. އަދި މިމުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ