ކުރިއަށްއޮތް ތިންދުވަހު މޫސުން ގޯސްވާނެ:މެޓް އޮފީސް

ކުރިއަށްއޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނޭކަމަށް ބެލެވޭނެތީވެ، މާދަމައިން ފެށިގެން ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން އެ ދުަވސްތަކުގައި ވައިގަދަވެ، ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރައިގަ މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނޭކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، ރާއްޖޭގެ އެންމެ ދެކުނަށް މއިަދު ވަނީ ވައިޓް އެލާޓް ނެރެފައެވެ. 
ހިނގަމުން މިދަނީ ހުޅަނގުމޫސުމުގެ "ކެތި" ނަކަތެވެ. މިއީ ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތެވެ. މި ނަކަތުގައި އުޑުމަތި ބަނަވެފައި ދޭތެރެއަކުން ވިއްސާރަކުރާނެއެވެ. އިހުގެ ނަކަތް ލަފާކުރާ މީހުން ބުނާގޮތުގައި ކެތި ނަކަތުގައި 7 ކޮޅިގަނޑެއް ލައްވާލާނެއެވެ. އެހެންކަމުން މި ނަކަތަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށޭ ނަކަތުގެ ގޮތުގައި އެމީހުން ސިފަކުރެއެވެ. މޫސުން ގޯސްވުމާއެކު، މި ނަކަތުގައި މަސްވެރިކަންވެސް ދަށްވާނޭކަމަށް އިހުގެ މޫސުން ލަފާކުރާ މީހުން ބުނެއުޅެއެވެ.
ކެތި ނަކަތް ދެމިގެންދާނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ