އިންޑިއާގެ ގްރާންޓް 13 މަޝްރޫއުއެއް ހިންގަނީ، އަގު 100 މިލިއަން

އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްެންޓް"ގެ ތިންވަނަ ފިޔަވަހީ ގެ ދަށުން 13 މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 13 ފަހުމްނާމާ ގައި މިއަދު ސޮއި ކޮށްފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
މިއަދު ސޮއިކުރި ފަހުމްނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ދިވެހި ރުފިޔާ އެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާނެ މުހިންމު މަޝްރޫއުތަކެކެވެ.
އިންޑިއާގެ ގްރާންޓް 13 މަޝްރޫއުއެއް ހިންގަން އެއްބަސްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ
މި ފަހުމްނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއުތަކުގެ ތަންފީޒީ އިދާރާއެެއްގެ ގޮތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ހަލީލް ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވޭ އަދި ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒްކޮށްދޭ މިސާލެއް ކަމުގައި ވިދާޅުވެފަ އެވެ.
މިއަދު މި ސޮއިކުރެވުނު މަޝްރޫއުތަކަކީ މުޖުތަމައުގެ އުމްރާނީ ތަރައްްގީ އަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާ ލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫއުތަކެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ގްރާންޓް 13 މަޝްރޫއުއެއް ހިންގަން އެއްބަސްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ
ސަރުކާރުން ބުނީ މިއީ އެެއްބަސްވުމުގެ ދަށުން ރާއްޖޭގެ ނުވަ އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ކުރިން މުޅި މަޝްރޫއު 2027 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތައް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައިވެ އެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް ސްކީމްގެ ތިންވަނަ ފިޔަވަހި އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ