ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކުރީ 'ހިތުހުރި ގޮތަކަށް'، އާންމުންގެ ޚިޔާލު ހޯދަންޖެހޭ: ޑިމޮކްރެޓްސް
ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ހިއްކަން ފެށި ކ. ގުޅީފަޅުން ގޯތި ހަވާލުކުރުން އަވަސްކުރުމަށް ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ބަދަލުގެނައީ 'ހިތުހުރި ގޮތަކަށް' ކަަމަށް ބުނެ، އެ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ދަ ޑިމޮކްރެސްޓްސްއިން ގޮވާލައިފިއެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ ލޭންޑް ޔޫސް ޕްލޭނެއް ހަދާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވަނީ ވިދާޅުވެފައެވެ. https://sun.mv/206141 ގުޅިފަޅުގެ ބިން ހިއްކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ނަމަވެސް، 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން މީގެ ކުރިން އިއުލާންކުރައްވައިފައެވެ. މި ސަރުކާރުން މީގެ ކުރިން ވެސް ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު މިފަހަރު ގެނައި ބަދަލު ގެޒެޓްކޮށްފައިވަނީ އިއްޔެއެވެ. އެ ކުރެހުމުން ދައްކާ ގޮތުގައި، ހުރިހާ ގޯއްޗެއް ވެސް މިހާރު ދޭ ގޮތަށް ހަމަޖެހިފައިވަނީ މިހާތަނަށް ހިއްކައި ނިމިފައިވާ ސަރަހައްދުންނެވެ. އެކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ޚިޔާލު ފާޅުކޮށް، މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ޑިމޮކްރެޓުން ވަނީ އެ ޕްލޭން އިސްލާހުކު -- ފޮޓޯ/ ޕީއެސްއެމް އެޕާޓީން ބުނީ، މިފަހަރު ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައީ ހަމައެކަނި ހައުސިން މިނިސްޓްރީއާއި ސަރުކާރުގެ ޚިޔާލުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ދިރިއުޅޭނޭ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބިދިނުމަކީ އެންމެ އަސާސީ ހައްގެއް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި މި ޒަމާނުގައި މުޖުތަމައުތައް ބަލައިގެންފައިވާ ޕްލޭން ކުރުމުގެ އެންމެ އަސާސީ އެއް ކަމަކީ ރައްޔިތުންގެ މަޝްވަރާ ކަންކަމުގައި ހިމެނުން ކަމަށް އެޕާޓީން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެ މަޝްވަރާއަކީ "މޮހޮނަށް އޮޑި ދިނުން" ބާވަތުގެ މަޝްވަރާއަކަށް ވެގެންނުވާނެ ކަމަށް ޑިމޮކްރެޓުން ދެކެއެވެ. ނަމަވެސް، އެ ޕްލޭން އާންމުކުރިއިރު ގުޅީފަޅުގައި ދިރިއުޅެން ތިބި މީހުންނާއި އެތަނާ ގުޅޭ ޖަމިއްޔާތަކާއި މާލެ ސިޓީ ކައުންސިލްގެ ބަހެއް ސަރުކާރުން ނުހޯދުމަކީ މިޒަމާނުގެ ޑިމޮކްރެޓިކް ހަމަތަކާއި އާބަން ޕްލޭނިންގް ހަމަތަކާ ސަރުކާރު ބީރައްޓެހި މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ބަޔާނުގައިވެއެވެ. ކޮންމެ ހައެއްކަ މަހަކުން ޕްލޭނަށް ބަދަލު ނުގެނެސް ސަރުކާރަށް 'ފަރުނުޖެހުމަކީ' ސިޔާސަތާއި ޕްލޭންކުރުމުގެ ދޯހަޅިކަން ދައްކުވައިދޭ ކަމެއްކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. ސިއްރިއްޔާތުގައި ތިބެ، މަޝްވަރާއެއް ނުހޯދައި، ހިތުހުރި ގޮތަކަށް އެކުލަވާފައިވާ ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގައި އާންމު ހުސް ޖާގަތަކާއި ޕާކުތަކާއި ކުޅިވަރު ދަނޑުތަކާއި މައިދާންތަކާއި ވިޔަފާރި ޖާގަތަކާއި، ސްކޫލް ހޮސްޕިޓަލާއި މިސްކިތްފަދަ ދުޅަހެޔޮ ރަށްވެހިކަމަކަށް ބޭނުންވާ ވަސީލަތްތައް އެކަށޭނަ ގޮތުގައި އެކަށޭނަ މިންވަރަށް ހިމަނާފައި ނެތްކަން ފާހަގަކުރެވޭ. ޒަމާނުގެ އާބަން ޕްލޭނިންގްގެ ކުޑަ ކަންފުޅެއްވެސް ފެންނާކަށް ނެތް އޭގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުށުން ފެންނަނީ ލާމަރުކަޒީ އުސޫލަށް ރިއާޔަތް ނުކޮށް ރައްޔިތުން ބައިވެރި ނުކޮށް ގޮތް ނިންމައި ހުދުމުހުތާރު ބޯދާ ސިފައެއް ކަމަށް އެޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. އެއީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ހުރި ބޮޑު ނުރައްކަލެކަން ފާހަގަކޮށް، ޑިމޮކްރެޓުން ވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އާންމު ޚިޔާލާ މަޝްވަރާ ހޯދުމަށް ގޮވާލާފައެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލާއި ގުޅީފަޅު ރަށްވެހިންގެ ޖަމިއްޔާފަދަ ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދުމަށާއި ޒަމާނުގެ އާބަން ޕްލޭނިންއާއި ޑިޒައިންގެ ސިފަތައް ހިމެނޭހެން ސްޓޭކްހޯލްޑަރުންނާއެކު ގުޅީފަޅުގެ އެ ޕްލޭން އިސްލާހުކުރުމަށް ވެސް ޑިމޮކްރެޓުން ގޮވާލިއެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އިދިކޮޅުން ނުރުހުން ފާޅުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ