ރައުދު ބަންދުކުރިގޮތް ގޯސްކަމަށް ބުނެ އަމުރު ބާތިލުކުރަން ހައިކޯޓަށް

ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައުދު އަހުމަދު ޒިލާލް، ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރިގޮތް ގޯސްކަމަށް ބުނެ، އެ އަމުރު ބާތިލުކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް، އެ މައްސަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާގޮތާ މެދު އާންމުންގެ ފާޑުކިއުންތައް ބޮޑުވެފައިވަނިކޮށް ރައުދު ހައްޔަރުކުރީ މިދިޔަ އެޕްރީލް 25ގަ އެވެ.
އޭގެފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދު މުރާޖައާކޮށް، އެ އަމުރު ކްރިމިނަލް ކޯޓުން ދަމަހައްޓާފައި ވެއެވެ. އެއީ:
30 އޭޕްރީލް - 10 ދުވަސް ބަންދަށް ޖަހާފައިވޭ
މިމަހުގެ 10 ވަނަ ދުވަސް - ފަސް ދުވަސް ބަންދަން ޖަހާފައިވޭ
މިދިޔަ ބުރާސްފަތި ދުވަސް - އިތުރު 20 ދުވަސް ބަންދަށް ޖަހާފައިވޭ
ތަފްސީލް - ރައުދުގެ ވަކީލު 'ދައުރު' އަށް ވިދާޅުވި ގޮތުގައި ރައުދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިމަހުގެ 10ވަަނަ ދުވަހު ބަންދުގެ މުއްދަތު ދެމެހެއްޓި ގޮތް ގާނޫނީ އިޖުރާއަތުތަކާ ހިލާފު ކަމަށް ދެކޭތީ އެވެ.
އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ނިންމައިދިނުމަށް އެދި މި އިސްތިއުނާފް ހުށަހެޅީ މިދިޔަ ހަފްތާގަ އެވެ. އެ އިސްތިއުނާފް ހައި ކޯޓުން މިއަދު ވަނީ ބަލައިގެންފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިތުރު 20 ދުވަހަށް ބަންދު ދެމެހެއްޓި އަމުރު ވެސް އިސްތިއުނާފް ކުރާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.
ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ