މިއުޅެނީ ރައީސްކަން ނުލިބިގެންނެއް ނޫން: ޔާމީން

އިދިކޮޅުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަމުންގެންދަވަނީ ކޮންމެހެން ރާއްޖޭގެ ރައީސްކަން ލިބިވަޑައިނުގަނެގެން ނޫން ކަމަށާއި މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަންމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔާމީންގެ ފަރާތްޕުޅުން ރޭ ބޭއްވެވި ބާބަކިއު ފަރިއްކޮޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި އެ ފަރިއްކޮޅުގައި ޔާމީންއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.
ބުނީ ކީކޭ؟ - އެ ތަނުގައި ހުންނަވާ ޔާމީން ވިދާޅުވީ އެ މަނިކުފާނާކީ މިއަދު ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ރާއްޖެއަށް ގެއްލެމުންދާ ކަންކަމުގައި ވަކާލާތުކޮށް އަޑުއުފުލުމުގައި އެންމެ ވަރުގަދައަށް އިދިކޮޅުގައި މިވަގުތު ހުންނެވި އެކަކު ކަމަށެވެ.
އިދިކޮޅުގައި ހުންނަވައިގެން އަޑުއުފުއްލަވަނީ، ޔާމީން ވިދާޅުވި ގޮތުން:
ރާއްޖޭގައި މިހާރު ހިނގާ ބޭއިންސާފުތައް ކަމުނުދާތީ
ރާއްޖެ ހަލާކުވެގެންދާ ތަން ބަލަހައްޓައިގެން ހުންނަވަން ބޭނުންނުވާތީ
ގައުމު ހިންގަންޖެހޭ ގޮތް ރައީސް މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގެންނެވުމުގެ ހިތްދަތިކަމާއި އުނދަގޫ އިހުސާސް ކުރަން ޖެހެނީ ރައްޔިތުން ކަމަށް ވާތީ
"އެކަމުން އަޅުގަނޑަށް ކޮންމެހެން ފައިދާތަކެއް ވަނީކީ ވެސް ނޫން. އަދި ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑު މިއުޅެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނުލިބިގެންނެެއް ވެސް ނޫން. އެއެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޑޮލަރުގެ ރޭޓު މަތިވެގެން ދިއުމާއި ޑޮލަރު ގަންނަން ނުލިބުމާއި މުދާ އަގުބޮޑުވެގެން ދިއުން ފަދަ ކަންކަމުގެ އުނދަގޫ ރައްޔިތުން ތަހަަންމަލު ކުރަމުން ދާއިރު، ދައުލަތުގެ އިސްވެރިން އުޅުއްވަނީ ތިން ހަތަރު ފްލެޓު ބައްލަވައިގެން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެކަންކަން އެ މަގުން ކުރައްވާ ތަން ބަލަން ރައްޔިތުން ތިބެން ނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އުޅެން ބޭނުންވެގެން ނުވާނެ ކަމަށާއި އަރާމާއި ލައްޒަތުގައި އުޅެންޖެހޭނީ ހަމައެކަނި ވެރިން ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް އޮތް ސިޔާސީ ދައުވާތަކާ އެކު ވެސް މިއަދު ވެސް ހުންނެވީ މިނިވަނެއްގެ ގޮތުގައި ކަމަށާއި، އެކަމަކު އެ މަނިކުފާނު ދައްކަވާ ގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ވާހަކަދައްކަވަން ކެރިވަޑައިގަންނަވާނެ ދެވަނަ ސިޔާސީ ލީޑަރަކު ނުހުންނަވާނެ ކަމަށެވެ.
"އައްސަވާ އަޅުގަނޑު ކުރެން މިހުރީ ޖަވާބުދޭން ތައްޔާރަށް ކޮންމެ ސުވާލެއް ވެސް ކުރެވޭނެ. ހަމައެކަނި ޝަރީއަތުގެ މަޖިލީހަކު ނޫން އަޅުގަނޑަށް ޖަވާބުދާރީ ވެވޭނީ. ޝަރީއަތުގެ މަޖިލީހުގައި ޖަވާބުދާރީވުމަށް ވުރެ އަޅުގަނޑަށް މާ މުހިންމު ރައްޔިތުންގެ ދަރުބާރުގައި، ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހިނގަމުންދާ ނާއިންސާފުތަކާ ދެކޮޅަށް އަޑުއުފުއްލަވަން އެ މަނިކުފާނު ނުކުމެ ހުންނެވި ޕާޓީއަކީ ކުޑަ ޕާޓީއެއް ކަމަށެވެ. އެކަމަކު އެ ޕާޓީއަށް އޮތް ތާއީދު ކުޑަނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތުގައި ނުކުމެ ހުންނެވީ އެކަނި ނޫންކަން ވެސް އެ ތަނަށް ޖަމާވެފައިވާ މީހުންގެ އަދަދުން އެނގިވަޑައިގެން ހިނގައްޖެ ކަމަަށް ޔާމީން ވިދާޅުވި އެވެ.
އެއަށް ފަހު ޔާމީން ދެން އެދިވަޑައިގަތީ:
ރާއްޖޭގައި މިވަގުތު ހިނގަމުންދާ ނޭދެވޭ އަދި ބޭއިންސާފުތަކާ ދެކޮޅަށް މަގުމައްޗަށް ނުކުމެ އަޑުއުފުއްލަވަން ބޭނުންނުވިޔަސް، ގައުމު ދެކެވާ ލޯބި އަންނަ ރިޔާސީ އިންތިހާބުގައި ދޭ ވޯޓުން ކޮންމެ ރައްޔިތަކު ވެސް ދައްކައިދިނުމަށް
ކަންކަން ހިނގާ ގޮތާ ބެހޭ ގޮތުން އެ މަނިކުފާނު ދައްކަވާ ވާހަކަ ގަބޫލުނުކުރެވޭ ނަމަ، އޭގެެ ތެދުދޮގު އެހެން މީހުުން ކައިރި އަހައިގެން ވިޔަސް ސާފުކުރުމަށް
"އަޅުގަނޑުމެން މިދައްކާ ވާހަކައަށް ތާއީދުކުރާނެ މީހުން އިތުރުކުރުމަކީ އަޅުގަނޑުމެން ކުރާނެ އެންމެ ވަރުގަދަ މަސައްކަތް،" ޔާމީން ވިދާޅުވި އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ