ގައުމުގައި ހަމަނުޖެހުން އުފައްދަން ފުރުސަތު ނުދިނުމަށް ޒުވާނުންނަށް ރައީސް ގޮވާލައްވައިފި ގައުމުގައި ހަމަނުޖެހުން އުފައްދަން ފުރުސަތު ނުދިނުމަށް ޒުވާނުންނަށް ރައީސް ގޮވާލައްވައިފި

އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން އިސްނަގައިގެން މާލެ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ގައުމުގައި ހަމަނުޖެހުން އުފައްދަން ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ޒުވާނުން މުޒާހަރާ ކުރަނީ ޔުމްނުގެ މައްސަލައިގެ ތަހުގީގު ގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. އެ މުޒާހަރާތަކުގައި ސަރުކާރަށް ޑިމާންޑުތަކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުން ހިމެނެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ އެންމެ ފުރަތަމަ ސިޔާސީ ކުރެއްވީ ރައީސް މުއިއްޒު ކަމަށްވާއިރު މުޒާހަރާގެ ބައިވެރިން މެދުވެރިކޮށް ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
"ތި ކުދިންގެ ތި ކަންބޮޑުވުމާއި، ތި ޖަޒުބާތާއި ތިއީ ހަމަ ޖެނުއިން ކޮންސާންގެ މިސްޔޫސް ކުރިޔަ ނުދޭށޭ އެއްވެސް ފަރާތަކަށް. މިހާރު ފެނިގެން މިދަނީއޭ، އެބަ ދޭ ނޫންހެއްޔޭ ސިޔާސީ ފަރާތްތަކުން ތި ކުދިންގެ ބޭނުން ތި ޝުއޫރުތަކުގެ ބޭނުންކޮށްގެން ސިޔާސީ ގޮތުން ގައުމު ހަލަބޮލިކަން އުފައްދަން އުޅޭ ތަން އެބަ ފެނޭ ނޫން ހެއްޔޭ،" މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އެއްވެސް އެހެން މީޑިއާއަކަށް ފުރުސަތު ނުދީ ޕީއެސްއެމްއަށް ރައީސް ވިދާޅުވި އެވެ.
އެ ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވުމުގެ ޒިންމާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނަގަން ޖެހޭ ފަދަ މޭރުމަކުން ރައީސް ވާހަކަ ދެއްކެވީ ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގަ އެވެ. އެއީ އެ ޕާޓީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހުށަހެޅި "މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" ސިޔާސަތުގެ ސަބަބުން ހިނގައިގެންދިޔަ ކަމެއް ކަމަށް ރައީސް އެރޭ ވިދާޅުވި އެވެ.
"އަޅުގަނޑަށް މި ފެންނަނީ އެކަން ކުރާ މަސައްކަތް ކުރާ ބަޔަކު އުޅޭ ތަން. އެއީއެއް ނޫން އަޅުގަނޑު ހިތުން އެ ކުދިން ވެސް ބޭނުންވާނެ ގޮތަކީ. އަދި އެއްވެސް އިންސާފައި ހަމައަށް ލޯބިކުރާ އެއްވެސް މީހަކު ބޭނުމެއް ނުވާނެ. ގައުމުގައި ހަމަނުޖެހުން އުފައްދަން އެއްވެސް ފަރާތަކަށް އެއްވެސް ފަރާތަކުން ފުރުސަތު ނުދޭށޭ." މެދުކެނޑުމެއް ނެތި ސަރުކާރުގެ ޕްރޮޕަގަންޑާ ގެނެސްދޭ ދައުލަތުގެ ބަޖެޓުން ހިންގާ ޕީއެސްއެމްއަށް ރައީސް ވިދާޅުވި އެވެ.
މި މުޒާހާރަތަކަށް އޮތް އިތުބާރު ގެއްލުވައިލުމަށް ވެރިކަން ކުރާ ޕާޓީ އަޑީގައި އޮވެ ސޯޝަލް މީޑިއާގައި އަންނަނީ ވަރަށް ގަދައަށް ހަރަކާތްތެރިވަމުންނެވެ. މި މުޒާހަރާތަކަކީ ސިޔާސީ މުޒާހަރާތަކެއް ކަމަށާއި، އިސްވެ ހަރަކާތްތެރިވަމުން ދަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒުވާނުން ކަމަށް ބުނެ މުޒާހަރާތަކުގައި ބައިވެރިނުވުމަށް ސަރުކާރުގެ މަގާމުތަކާއި ޕީއެންސީއަށް ނިސްބަތްވާ މީހުން އަންނަނީ ކެމްޕޭން ކުރަމުންނެވެ.
ނަމަވެސް، މި މުޒާހަރާތަކުގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދިދަ ބޭނުންކޮށްފައި ނުވެ އެވެ. އަދި، ޒުވާނުން ބުނަމުން ދަނީ މިއީ ޔުމްނުއަށް އިންސާފު ހޯދައިދީ އިހުމާލުވި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލާ ގައުމީ މުޒާހަރާތަކެއް ކަމަށެވެ. ރޭގެ މުޒާހަރާ ފެށީ ވެސް ގައުމީ ސަލާމުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
މި މުޒާހަރާތަކުގައި ގިނައިން ބައިވެރިވަމުން ވެސް ވަނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ޒުވާނުންނެވެ. މި ހާދިސާ ފެންމަތިވެ އަމަލުކޮށްފައިވާ ގޮތްތަކުގައި ބާރުގަދަ މީހުންގެ ނުފޫޒު އޮތް ކަމަށާއި ހަމަހަމަކަމާއެކު މިކަމުގައި އަމަލުކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން ޒުވާނުންގެ އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ