ވެނިސްޑޭގެ އާ ސީޒަނުގައި ލޭޑީ ގާގާ
ނެޓްފްލިކްސްއިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނިފައިވާ އެއް ޝޯ ކަމަށްވާ "ވެނިސްޑޭ"ގެ ދެވަނަ ސީޒަން ރިލީޒް ކުރުމަށް ތައްޔާރުވެއްޖެއެވެ. ނެޓްފްލިކްސްއިން މިއަހަރުގެ ތެރޭގައި ދައްކަން ތައްޔާރުވަމުން އަންނަ ވެނިސްޑޭގެ އާ ސީޒަން އާ ގުޅޭގޮތުން އަންނަނީ ތަފާތު މައުލޫމާތުތައް ހިއްސާކުރަމުންނެވެ. ދާދިފަހުން ނެޓްފްލިކްސްއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ނެރޭ ސީޒަންގައި ގެސްޓު ރޯލަކުން، ހޮލީވުޑްގެ މަޝްހޫރު ޕަފޯމަރު އަދި އެކްޓަރު ލޭޑީ ގާގާ ފެނިގެންދާނެއެވެ. ނަމަވެސް, އޭނާގެ ރޯލު ފެންނާނީ ކިތައް އެޕިސޯޑުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނެޓްފްލިކްސްއިން ބުނާގޮތުގައި ލޭޑީ ގާގާގެ ރޯލަކީ ޝޯގެ ޕްލޮޓަށް ވަރަށް މުހިއްމު ރޯލެކެވެ. އެހެންވީމާ އޭނާގެ ކެރެކްޓަރު ކޮންމެހެންވެސް ޝޯއިން ފެނުން މުހިއްމު ކަމުގައި ނެޓްފްލިކްސްއިން ބުނެއެވެ. ވެނިސްޑޭގެ އާ ސީޒަން ނެރުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، ދެވަނަ ސީޒަންގެ ފުރަތަމަ ބައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ހަވަނަ ދުވަހެވެ. އަދި އެއަށް ފަހު ދެވަނަ ބައި ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގައެވެ. ޓިމް ބާޓަން ޑައިރެކްޓުކުރި މި ޝޯއަކީ އެމްޖީއެމް ޕްރޮޑަކްޝަންްގެ ދަށުން އުފެއްދި ޝޯއެކެވެ. މި ޝޯގެ އާ ސީޒަންގެ ލީޑުން ފެންނާނީ ޖެނާ އޯޓޭގާއާއި ކެތުރީން ޒެޓާ ޖޯންސްއާއި ލުއީސް ގޫޒްމަންއެވެ. މަޝްހޫރު ކާޓޫން ކަމަށްވާ "އެޑަމްސް ފެމިލީ"ގެ ވާހަކައަށް ބިނާކޮށް އޭގައި ހިމެނޭ ކެރެކްޓަރު ވެނިސްޑޭ އެޑަމްސް ލީޑުން ފެންނަ އާ ޝޯ ފުރަތަމަ ރިލީޒްކުރީ 2023ގައެވެ. އެއާއެކު ޝޯ ވަގުތުން ހިޓަކަށް ވެގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ