ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. މާއެނބޫދޫ، ދ. ބަނޑިދޫ އަދި ދ. މީދޫގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން، އޭޓީއެމްގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.
އެ ތިން ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމްތައް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިން އަދި އެ ރަށްރަށުގެ ރައްޔިތުން ބައިވެރިވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތްތައް ރަށްރަށުގައި ގާއިމުކުރަނީ ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ލިބޭނެ މަގު ތަނަވަސް ކުރުމަށް ކަމަށާއި މުޖުތަމައުއަށް ފަސޭހަ ކަމާ އެކު މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި ހިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ހިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުއާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އަޅުގަނޑުމެން ދާނީ ކުރަމުން،" ބަނޑިދޫ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރީފް އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 155 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ދެމުންނެވެ.
މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ދ. މީދޫ، މާއެނބޫދޫ، ބަނޑިދޫގައި ފަށައިފި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ދ. މީދޫ، މާއެނބޫދޫ، ބަނޑިދޫގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ