ކޯޓުތައް "ސައިޒުކުރަން" އުޅެނީ ސަރުކާރުން ބޭނުންވާ ކަންތައްނުވެ "އިތުބާރުގެއްލުމުން": ނާޒިލް
ކޯޓުތަކަށް އޮތް އިތުބާރު ގެއްލިގެން ސަރުކާރުން އުޅެނީ މިވަގުތު ސަރުކާރުން ބޭނުންވާ ކަންތައްތައް ކޯޓުތަކުން ނުކުރެވޭތީ ކަމަށާއި، އެހެންވެ ސަރުކާރުން މިހާރު އުޅެނީ ކޯޓުތައް "ސައިޒުކޮށްލަން" ކަމަށް އިދިކޮޅު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސެވެ. ބަހުސްގައި ވާހަކަދައްކަވަމުން ނާޒިލް ވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ވާހަކައަށް ރައްދުދެއްވައިފައެވެ. ނާޒިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސިޔާސީ ކަންތައްތަކުން ބަރީއަވެގެން ތިބެންޖެހޭނެ ބައެއް ކަމަށާއި، އެހެންނަމަވެސް ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔުމުން ރައްޔިތުންގެ މަޖިލީހުން ވެސް ކުރަން ޖެހުނު ކަމެއް އެކަން ހުއްޓުވުމަށް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/203009 ނާޒިމް ވަނީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު އޭރު ވެސް މަޖިލީހުގެ ނައިބު ރައީސްކަމުގައި އޭނާ ހުންނެވި އިރު އޭނާގެ މައްޗަށް މުޅި އުމުރަށް ޖަލަށް ލުމަށް ސުޕްރިމް ކޯޓުން ކުރި ހުކުމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ނާޒިލް ވިދާޅުވީ ނާޒިމް ވިދާޅުވީ، އޭނާއާމެދު ކަންތައްތައް ވީގޮތް ކަމަށެވެ. "މިއަދު އަނެއްކާވެސް އަޅުގަނޑު އެބަ ހިތަށް އަރާ ނައިބު ރައީސަށް އަލުން އެ ގޮނޑިއަށް އާދެވުނީ ވެސް ސުޕްރިމް ކޯޓުން އެ ހުކުމް ބާތިލުކުރީމައޭ. އެހެންވީމާ ކޯޓު ތެރޭގައި ކަންތައްތައް ހިނގާގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅެއް ނައިބު ރައީސަކީ،" ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ އަބަދުވެސް ދައްކާ ވާހަކައަކީ ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރު އޮންނަ ވާހަކައާއި އެ އިތުބާރު ވަކި ހިސާބަކުން ގެއްލޭ ވާހަކަ ކަމަށެވެ. އިތުބާރު ގެއްލޭ ވާހަކަ ދައްކަނީ އަބަދުވެސް އެބަޔަކު ބޭނުންވާ ގޮތަކަށް ޝަރުއީ ދާއިރާއިން ކަންތައްތައް ނުކުރެވިއްޖެނަމަ ކަމަށް ނާޒިލް ވިދާޅުވިއެވެ. "މިއަދު މިއޮތީ އެ އިތުބާރު ގެއްލިފައި އިއްޒަތްތެރި ރައީސް. އެއީ މިވަގުތު ސަރުކާރުން ބޭނުންވާ ކަންތައްތަކެއް ކޯޓުތަކުން ނުކުރެވުނީމަ އިތުބާރު ގެއްލުނީ. އިތުބާރު ގެއްލުނީމާ ކޯޓުތައް ސައިޒުކޮށްލަންވީ. މިއަދު މިއީ އެ ދުވަސް،" ނާޒިލް ވިދާޅުވިއެވެ. "މިގޮތަށް އަޅުގަނޑުމެން މި މަޖިލިސް މެންބަރުން ލައްވާ އެކަން ކުރުވުމަކީ މި މެންބަރުން ލައްވާ އަބަދުވެސް އެ އޮންނަ ސަރުކާރަކުން އަޅުވާ ބޮޑު، ބޮޑު، ބޮޑު ސިންގާ ކަމެއް އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިއަދު މިހާ ހިސާބުން އެކަން ދޫކޮށްލީމާ އަނެއްކާ ވެސް އެނބުރި އަޅުގަނޑުމެންނާ ހިސާބަށް އެބަ އާދޭ...،" ނާޒިލް ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން -- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ބިލެއް ހުށަހެޅުއްވީ އިއްޔެއެވެ. ޕީއެންސީން އެ ބިލު ހުށަހަޅައިފައިވަނީ، ޕާޓީން ވަކިކުރާ ނުވަތަ އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މި މަޖިލީހުން ފާސްކުރި އިސްލާހާ ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް މިފަދަ ބިލެއް ހުށަހެޅުމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ. އެ ތުހުމަތުތަކަށް ރައްދު ދެމުން ޕީއެންސީން ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ކަނޑާލުމުގެ ބިލެއް ހުށަހެޅިޔަސް އެއީ މަޖިލިސް ހަތިޔާރަކަށް ބޭނުންކުރުން ނޫން ކަމަށާއި އެފަދަ ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ