ﷲ ތަޢާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވެވީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރަންކަމަށް އޮތުން ޤަބޫލުނުކުރެވެނީ އެބަސްފުޅުގެ މާނަ ރަނގަޅަށް ނުއެނގޭތީއެވެ. މާނައެނގުމުން އެއީ ކިހައި ލުއިމަގުން ކުރެވެން އޮތް ކަމެއްކަން އެނގޭނެއެވެ.
ﷲ ތަޢާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވެވީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ސުވާލަކީ ހަމައެކަނި އަޅުކަންކުރުމުގައި މުޅި ދުވާލާއި ރޭތައް މުޅި އުމުރުގެ ހުރިހާ ދުވަހަކު ހޭދަކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟
ޖަވާބު ވަރަށް ސާފުވެފައި ވަރަށް ކުރެވެ. ފަތިހު ހޭލެވުނީންސުރެ ނިދަންވަންދެން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމެއް ނުކުރުމާއި ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމާއި ހެޔޮ ބަހެއް ނޫނީ ނުބުނުމާއި ނިދަންވުމުން ސުންނަތުގައިވާފަދައިން ކަންކަންކޮށް ޛިކުރުކޮށް ދުޢާކޮށްގެން ނިދުމުން މުޅި ދުވަސް އެހޭދަކުރެވުނީ އަޅުކަންކުރުމުގައެވެ.
އެއްވެސް ޙާލެއްގައި މުޅި ދުވަހު އަޅުކަންކުރުމުގެ މާނައަކީ މުޅި ދުވަހު ނަމާދުކޮށް ޛިކުރުކުރުމެއް ނޫނެވެ.
ތިރީގައިވާ ޝައިޚް މުޖުތަބާ ޙަމީދުގެ މިލިޔުއްވުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ވިދާޅުވެލައްވާށެވެ!
އަދުގެދުނިޔެ މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސެނީ މުޅިން އައު ކަންތައްތަކާއި ވާހަކަތަކުން ދުނިޔޭގެ ހަތަރު ބިތް ފުރާލަމުންނެވެ. މުޅިން އައު ގޮތަކަށް ރެސްޓޯރެންޓެއް ހުޅުވަފާނެއެވެ. މުޅިން އައު ޕުލެނެޓެއް ފެނިދާނެއެވެ. އެތައްސަތޭކައަހަރެއް ކުރިން ފޮރުވިފައިވާ ރަށެއް އަލުން ފެނިދާނެއެވެ. އެތައް ބިލިއަން އަހަރުވެފައިވާ ބިހެއް ފެނިދާނެއެވެ. މިހެންގޮސް އެތައް އައުކަމެއް އެބަ ދިމާވެއެވެ. މިގޮތުން ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވާ މީހުންވެސް މީސްތަކުންގެ ސަމާލުކަން ހޯދުމަށް އައު ތަފާތުކަންތައްތައް ކުރެއެވެ. އެގޮތުން 24 ގަޑިއިރު ދުވުން ނުވަތަ ފެތުން ނުވަތަ ފަލިޖެހުން ނުވަތަ ފުންމުން ކަހަލަ ކޮންމެވެސް ޒާތެއްގެ ކަމެއް ކޮށްފާނެއެވެ. ބައެއް ފަހަރު މިޚަބަރުތައް އިވުނީމާ ނުވަތަ ފެނުނީމާ މިކަން ކުރެވޭތޯ އެޚަބަރުތައް އަހާ ނުވަތަ ބަލާ ބައެއް މީހުން އުޅެއެވެ. އެފަދަ ޒުވާނުން އަޅުގަނޑުމެންގެ ޤައުމުގައިވެސް އުޅެއެވެ.
މިފަދަ ކަންކަމާއިމެދު ވިސްނީމާ އަޅުގަނޑުގެ ހިތަށް މިވެރިވާ ބޮޑު ސުވާލަކީ މަތީގައި އެވާ ސުރުޚީއެވެ. 24 ގަޑއިރު އަޅުކަން ކުރެވިދާނެތަ؟ މި ސުވާލެވެ. އެއްދުވަހަކު އަޅުގަނޑު މިސުވާލު މަދަރުސާއެއްގައި ކިޔަވާ ކުދިންނާ ކުރިމަތި ކުރީމެވެ. ލިބުނީ އެންމެ ޖަވާބެއް ނޫނެވެ. ފުރަތަމަ ޖަވާބަކީ 24 ގަޑިއިރު އަޅުކަން ނުކުރެވޭނެކަމަށް ބުނެ ދިން ޖަވާބެވެ. މިއީ ކުލާހުގެ ގިނަ ކުދިންގެ ޖަވާބެވެ. ދެވަނަ ޖަވާބަކީ ކަންފަތަށް އަޑުނީވޭ ޖަވާބެކެވެ. އެއީ ހަނުހިމޭނުން ތިބެގެން ދިން ޖަވާބެވެ. މިވެސް ހަމަ ފުދޭވަރެއްގެ ޢަދަދެއްގެ ކުދިންގެ ޖަވާބެކެވެ. ދެން އޮތީ ތިންވަނައަށް ލިބުނު ޖަވާބެވެ.
އެއީ ދެތިން ކުދިންގެ ޖަވާބެވެ. އެކުދިންގެ ޖަވާބަކީ 24 ގަޑިއިރު އަޅުކަން ކުރެވިދާނެކަމެވެ. އަޅެ ތިޔަބޭފުޅާ ދަންނަވަބައްލަވާށެވެ. މިތަނުން ތިބޭފުޅާގެ ޖަވާބަކީ ކޮބައިހެއްޔެވެ؟ ކޮންމެއަކަސް ޖަވާބުތައް އިވުމުން އަޅުގަނޑު އަނެއްކާވެސް އިތުރު ސުވާލެއް ކުރިމަތިކޮށްފީމެވެ. އެކަމަކު މިފަހަރު ކުދިންނަކަށް ނޫނެވެ. ފުރަތަމަ ޖަވާބާއި އަދި ތިންވަނަ ޖަވާބު ދިން ދެގްރޫޕަށެވެ. އެކުދިން ގާތު އަޅުގަނޑު އެހީ ތިކުދިން ދެންމެ ޖަވާބު ތިޔަ ދިނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ގުރޫޕަކަށްވެސް ވިސްނާލަން ފަސްވަރަކަށް މިނެޓު ދިނީމެވެ. އަދި އެއަށްފަހު ގްރޫޕު ތަމްޘީލުކުރާ އެއްކުއްޖަކު ތެދުވެ ޖަވާބުދިނުމަށް ބުނެފީމެވެ. ކަންދިމާކުރިގޮތުން ފުރަތަމަ ޖަވާބުދިނުމަށް އިސްނެގީ ތިންވަނަ ޖަވާބު ދިން ގުރޫޕެވެ. އެއީ 24 ގަޑިއިރު އަޅުކަން ކުރެވިދާނެކަމަށް ޤަބޫލުކުރާ ގްރޫޕެވެ.
”އެއީ ރަނގަޅު ހެޔޮކޮންމެ ކަމަކީ އަޅުކަމަކަށްވާތީ 24 ގަޑިއިރު އަޅުކަން ކުރެވިދާނެއެވެ.“ އެގްރޫޕު ތަމްޘީލުކުރި ލީޑަރު ބުންޏެވެ. ލީޑަރުގެ ޖަވާބަށް ގްރޫޕުގައި ތިބި އަނެއް ކުދިންކޮޅު އެއްބަސްވިއެވެ. ދެން އަނެއް ގްރޫޕުގެ ޖަވާބު އަޑުއައްސަވާށެވެ.
”އަހަރެމެން 24 ގަޑިއިރުގެތެރޭގައި ކުރަނީ ވަރަށް މަދު އަޅުކަމެކެވެ. އެއީ ނަމާދުކުރުމާއި ޤުރްއާން ކިޔެވުމެވެ. ދެން މިއޮންނަނީ ހުސް ދުނިޔެވީ ކަންތަކެވެ. އަބަދު އެއްވެސްމީހަކަށް 24 ގަޑިއިރު މިސްކިތުގައި ނީނދެވޭނެއެވެ. ނިދަންވެސް ޖެހޭނެ ނޫންހެއްޔެވެ؟“ ސުވާލެއް ކުރިމަތި ކުރުވާފައި އެގްރޫޕުގެ ކުއްޖާ ޖަވާބުދިނެވެ. މިއީ 24 ގަޑިއިރު ހުއްޓާނުލައި އަޅުކަން ކުރެވިދާނެކަމަށް ޤަބޫލު ނުކުރާ ގްރޫޕުގެ ފަރާތުން ބަޔާންކުރާ ސަބަބެވެ.
މިހާހިސާބުން ދެން އޮތީ ފައިޞަލާކުރުމެވެ. ރަނގަޅު ޖަވާބެއް ދިނީ ކޮންބައެއްތޯ ބެލުމެވެ. އެކަން ކުރަންޖެހޭނީ ކޮންމެވެސް މީހަކު ހޯދަންތާއޭ ހިތަށް ހަމަ އެރި ބާރުމިނުގައި އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓުނީ އެއްވެސް އެއްޗެއް ނުކިޔާ ތިބި ގްރޫޕުގެ ކުދިންގެ މައްޗަށެވެ.
”ކޮބާ. ތިކުދިން މިހާރު ބުނެބަލަ 24ގަޑިއިރު އަޅުކަން ކުރެވިދާނެތަ؟ ފުރަތަމަ ޖަވާބު ދިން ލީޑަރުގެ ޖަވާބުތަ ރަނގަޅީ ނޫނީ ދެވަނައަށް ޖަވާބު ދިން ގްރޫޕުގެ ޖަވާބުތަ ތިކުދިންނަށް ރަނގަޅީ؟“ އަޅުގަނޑު އެކުދިންނާއި މުޚާޠަބުކޮށް ބުނެފީމެވެ. އެކަމަކު މީހަކު އެއްޗެކޭ ކިޔާހެނެއްވެސް އެކުދިންނަކަށް ހިއެއްނުވިއެވެ. ކަހާތަށް ހިރުވާވެސް ނުލައި ފާޑަކަށް ހިނިއައިސްފައި އެކުދިން ތިއްބެވެ. މިޖެހުނީ ވަރުގަދަ ބަޔަކާ ތާއޭ ހިތަށް އެރިއެވެ. ހަމަ އެހިނދު މިކުދިން ލައްވާ ކޮންމެވެސް ޖަވާބެއް ހޯދާނަމޭ ހިތާހިތުން ބުނެލީމެވެ. ދެން ކަންތައްކުރިގޮތް ތިރީގައި އެވަނީއެވެ.
”ފުރަތަމަ ގްރޫޕުގެ ލީޑަރު ދިނީ ރަނގަޅު ޖަވާބުކަމަށް ފެންނަ ކުދިން އަތް މައްޗަށް ހިއްލާލާ.“ މިހެން ބުނުމުން ދެކުއްޖަކު އަތްހިއްލާލި އެވެ. ދެން ބާކީ އެތިބީ ދެވަނަ ގްރޫޕުން ދިން ޖަވާބު ރަނގަޅުކަމަށް ބުނާ ކުދިންކަމަށް ނިންމަންވީހެއްޔޭ އަހާލީމެވެ. އެކަމަކު މިފަހަރުވެސް ޖަވާބެއް ނީވުނެވެ.
”ދެވަނަ ގްރޫޕު ކުއްޖާ ދިނީ ރަނގަޅު ޖަވާބުކަމަށް ފެންނަ ކުދިން އަތް މައްޗަށް ހިއްލާލާ.“ މިހެން ބުނުމުން ބާކީ ތިބި ކުދިންގެތެރެއިން އެއްކުއްޖަކު ނޫނީ އެންމެން އަތްހިއްލާލައިފި އެވެ. މުޅި ކްލާހުގެ ނަޒަރު ގޮސް ހުއްޓުނީ އަތް އުފުލާނުލައި އިން ވަރަށް ލަދުވެތި ކުއްޖަކަށެވެ. ދެން އަޅުގަނޑު ހިތަށް އެރީ އެހެންވީމާ މިކަމުގެ ގޮތެއް ނިންމަން ހަވާލުކުރަންވާނީ މިކުއްޖާއަށްކަމެވެ. އެހެންވެ މަޑުމަޑުން އޭނާގެ ގާތަށް ގޮސް ސިއްރުން ކުޑަ ވާހަކަ ކޮޅެއް ދައްކާލައިގެން އޭނާ ގޮނޑިން ނަގައިގެން ހުރިހާކުދިން ކުރިމައްޗަށް ގެނެސް ކޮޅަށް ބަހައްޓައިފީމެވެ. ދެން އަނެއްކާވެސް ސުވާލު ތަކުރާރު ކުރީމެވެ. 24 ގަޑިއިރު އަޅުކަން ކުރެވިދާނެތަ؟ މިކުއްޖާ ބޯޖަހާލިއެވެ. އިތުރަށް ހަމަ ލަފުޒެއްވެސްނުބުންޏެވެ. އޭނާ ލައްވާ ވާހަކަ ދެއްކުވޭތޯ އުޅެއުޅެ ކުރި އެރުމެއް ނުލިބުނެވެ.
ކޮންމެއަކަސް މިފަދަ ޙާލެއްގައި އުޅެނިކޮށް އަޅުގަނޑަށް އެކުދިންނާއި މުޚާޠަބުކޮށް ވާހަކަ ދައްކަން މަދަރުސާއިން ދީފައިވާ ވަގުތުކޮޅު ހަމަވެއްޖެއެވެ. ސުވާލުގެ ޖަވާބު ނުދީ އެކުދިން ފޮނުވާލުމަކީ ރަނގަޅުގޮތެއް ނޫންކަމުން އަޅުގަނޑު ބުނެފީމެވެ.
”ކުދިންނޭ! އަސްލު އަޅުގަނޑުމެން އެންމެން މިދުނިޔޭގައި ލައްވާފައި މިވަނީ ﷲ އަށް އަޅުކަން ކުރުމަށްކަމަށް ޤުރްއާނުގައި އެއިލާހުވަނީ އަންގަވާފަ. ވީމާ، އެ މަޤްޞަދު އިންސާނާގެ ޙަޔާތުގެ ކޮންމެ ވަގުތެއްގައިވެސް ޙާޞިލުކުރެވޭނެ ގޮތަށް އެއިލާހުވަނީ އެކަމަށް މަގު ދައްކަވާފަ. އެހެންވެ އިސްލާމްދީނުގައި ﷲ އާއި އެއިލާހުގެ ރަސޫލާ –صلى الله عليه وسلم– ރުއްސަވާ ކޮންމެ ޢަމަލެއް އަދި ބުނާ ކޮންމެ ބަހަކީ އަޅުކަމެއް. ދެން އެހެންވީމާ ސާރ އަށް ބުނެވޭނީ ފުރަތަމަ ގްރޫޕުގެ ލީޑަރުގެ ޖަވާބު ދެވަނަ ގްރޫޕުގެ ކުއްޖާގެ ޖަވާބަށް ވުރެ ރަނގަޅުކަމަށް.
ވީމާ ތިޔަކުދިން ކުރާ ހުރިހާކަމެއްވެސް، އެއީ ކުޅިވަރުކުޅުންކަމަށްވިޔަސް އަދި ކެއުން ކަމަށްވިޔަސް އަދި ކިޔެވުން ކަމަށްވިޔަސް އެއީ ﷲއަށްޓަކައި ކުރާ ހެޔޮކަމެއްކަމަށް ނިޔަތް ގަންނާށޭ. އަދި އެކަމެއް ކުރާއިރު ﷲ ޙަރާމްކުރެއްވި ކަމެއް އެކަމުގައި ނުހިމަނާށޭ. މިސާލަކަށް ކާއިރު ވާއަތުން ނުކާށޭ. ބިސްމި ކިޔައިގެން ކަނާއަތުން ކާށޭ. އޭރުން ސަބްމެރިން ކެއުމަކީވެސް އަޅުކަމެއްކަމަށް ވާނޭ.“
ދެން މާގިނައިރަކު ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އެހިސާބުން އެކުދިންނާއި ވަކިވީއެވެ. އެއަށްފަހު ދެން އެކުދިންނާ އަދި ދިމައެއް ނުވެއެވެ. އެކަމަކު މިއަދުވެސް އެސުވާލު އަޅުގަނޑުގެ ހިތުގައި އޮވެއެވެ. އަޅެ ތިބޭފުޅާ ވިދާޅުވެ ބައްލަވާށެވެ. 24 ގަޑިއިރު އަޅުކަން ކުރެވިދާނެހެއްޔެވެ؟
--ޝައިޚް މުޖްތަބާ ޙަމީދު
ދުވާލު ހަތަރުދަމާ މުޅި ރޭގަނޑު އަޅުކަމުގަ ހޭދަކުރެވޭނެ މަގު- އެއްވެސް ބުރަކަމެއް ނެތް ވަރަށް ފަސޭހަ މަގެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ