ސުއޫދު ސުވާލު އުފެއްދީ މަޖިލީހުގެ އިމްތިޔާޒާ މެދު؛ މަޖިލީހުގެ އިމްތިޔާޒުގެ ހައްގުގައި ކުރަން ޖެހުނު ކަމެއް ކުރާނަން: ނާޒިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު އުފެއްދީ މަޖިލީހުގެ އިމްތިޔާޒުތަކާ މެދު ކަމަށާއި މަޖިލީހުގެ އިމްތިޔާޒުތަކުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކުރުމަށް ފަސްނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ބެންޗު ކުރަން ބިލެއް މަޖިލީހަށް ހުށަހެޅި މިއަދު ބަހުސް ފެށި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގެ ބަހުސްގައި، ދިއްގަރު ދާއިރާ ތަމްސީލްކުރައްވާ މެންބަރު ނާޒިމް ވާހަކަ ދެއްކެވީ ވެސް މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައިގެ ޝަރީއަތާ ގުޅޭ ގޮތުންނެވެ.
ތަފްސީލް - ނާޒިމްގެ ވާހަކަ ފަައްޓަވަމުން ފުރަތަމަ ވެސް އިޝާރާތްކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނާޒިމް 25 އަހަރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ހާދިސާއަށެވެ. އޭރު ނާޒިމްގެ ވަކީލެއް ގޮތުގައި މަސައްކަތް ކުރެއްވީ ސުއޫދުކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
އޭރު ނާޒިމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އެ ކޯޓުން ޝަރީއަތް ހިންގައިގެންނެވެ. ޝަރީއަތް ހިންގާނީ ދަށު ކޯޓުން ކަމާއި އެއީ އިސްތިއުނާފުގެ ކޯޓަކުން ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ނާޒިމް މިއަދު ވިދާޅުވި އެވެ. އެއީ ސުޕްރީމް ކޯޓަށް ލިބިދޭ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ސުޕްރީމް ކޯޓުގައި އިންނެވި ފަނޑިޔާރަށް [ސުއޫދަށް] ސުޕްރީމް ކޯޓުން ކަންތައް ކޮށްގެން ނުވާނެ ގޮތް ވަރަށް ގާތުން، އަޅުގަނޑުގެ ވަކީލަކަށް އިންނެވި ދުވަހު ފެނިވަޑައިގަންނަވާނެ ބޭފުޅެއް. އެ ދުވަހު އަޅުގަނޑުގެ ވަކީލަކީ ހުސްނުއްސުއޫދު،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ދެން އިޝާރާތްކުރެއްވީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރަށެވެ. އެއީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތެއްގެ މަތީން، ބޭނުންވެއްޖެ ކޮންމެ ކަމެއްގައި ގާނޫނު ހެދުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމެވެ.
އެއީ މަޖިލީހަށް ލިބިދޭ އިމްތިޔާޒެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ އިމްތިޔާޒާ މެދު ސުވާލު އުފެއްދިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ބެންޗުން އެ ކަމާ ގުޅޭ ގޮތުން ސުވާލު އުފެއްދުމުން އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޖިލީހުގެ އިމްތިޔާޒުތަކާ ގުޅޭ ގޮތުން ވެސް މިހާރު އޮތް ސުޕްރީމް ކޯޓުން ސުވާލު އުފެއްދި މަންޒަރު ފެނުނު. ސުވާލަކީ މިހާރު ގާނޫނުއަސާސީގައި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް އޮއްވައި އިސްލާމް ދީން ނޫން ކަމަށް ނިންމައިފިއްޔާ ދެން މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ހެއްޔެވެ؟،" ސުއޫދުގެ ސުވާލަކަށް އިޝާރާތްކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ބެންޗާ މެދު ވިސްނާލަން ޖެހޭ. އިސްލާމް ދީނާ ހިލާފު ކަމެއް މަޖިލީހަށް ބަލައިނުގަނެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮއްވައި އެ ހާލަތުގައި ވެސް އެ ސުވާލު އުފެއްދީ. މި މަޖިލީހުގެ އިމްތިޔާޒުތަކުގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ފަސްނުޖެހޭނެ އަޅުގަނޑުމެންނެއް."
ސިޔާސީ މަސްރަހުގެ އޮއިވަރުގައި މިހާރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖެހިފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"މި ފެންނަނީ ސިޔާސީ އޮއިވަރުގައި ޖެހެން ނުޖެހޭ ބަޔަކު އެ އޮއިވަރުގައި ޖެހޭ ތަން. ސިޔާސީ ވެރިން ޖަހާ ބެރަކަށް ނަށަން ތައްޔާރުވާން ތިބޭ ތަން. މިއީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އެންމެ މުނާސަބަތު ވަގުތު ނޫން ކަމަށް ބައެއް ބޭފުޅުން ދެކުނަސް، މި ބިލު ބަލައިގަނެ ދިރާސާކުރަން ތާއީދުކުރަން،" ނާޒިމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އިއްޔެ މެންދުރުފަހު މި ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އެއްވި އެވެ. އެ ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް ރޭގެ ވަގުތެއްގައި އެ ބިލަށް ތާއީދުކުރުމަށް މެންބަރުންނަށް ޕީއެންސީގެ ލީޑާޝިޕުން އެންގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ