ޕީއެންސީއަށް ވުރެ ގިނައިން ވަގު ފޯމު ވެއްދީ އެމްޑީޕީން: އިހުސާން

މިިހާރު ވެރިކަމުގައި އޮތް ޕިއެންސީއަށް ވުރެ ގިނައިން ވަގު ފޯމު ވެއްދީ އެމްޑީޕީން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާން އެގޮތަށް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުންނެވެ.
ތަފްސީލު - އެމްޑީޕީން ހުށަހެޅި މައްސަލައިގައި މައިގަނޑު އެއް ކަމަކަށް ފާހަގަކޮށްފައި އޮތީ އިހުސާންގެ މިިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި މައުލޫމާތުތަކުން 'ވައްކަންކޮށް' އެތައް ބަޔަކަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތެވެ.
އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އިހުސާން ފުރަތަމަ ދެއްކެވީ އެމްޑީއާ ގުޅޭ ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަގު ފޯމު މައްސަލައިގައި އޭނާ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ހުރި ޑޭޓާތައް ހޯދައި ބެލިއިރު، މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭރު އެ ޕާޓީއަށް މާ ގިނައިން ވަގު ފޯމު ވެއްދި ކަމަށެވެ.
"2018 އިން ފެށިގެން 2023ގެ ނިޔަލަށް އެމްޑީޕީއަށް ވެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 520 މީހުންނަށް ނޭނގި އެ މީހުން އެ ޕާޓީއަށް ވައްދާފައިވާ ކަމަށްވޭ. އޭރު އަޅުގަނޑުތޯ ވަޒީރަކަށް ހުރީ؟،" އިހުސާން ވިދާޅުވި އެވެ.
އޭރު އެމްޑީޕީން ވެރިކަމުގައި ތިބެގެން އެ އަދަދަށް ފޯމު ވެއްދިއިރު، އޭރުގެ ހޯމް މިނިސްޓަރު ވެސް އަދި ޑީއެންއާރުގެ ވެރިން ވެސް މަޖިލީހަށް ހާޒިރު ނުކުރާ ކަމަށް އިހުސާން ވިދާޅުވި އެވެ. 
"ތަފާތަކީ އޭރުގެ ހޯމް މިނިސްޓަރު [އިމްރާން އަބްދުﷲ] ހުންނެވީ ޑީއެންއާރުގެ އޮފީސް ތެރޭގައެއް ނޫން. އެއީ ތަފާތަކީ،" ނިޒާމީ ނުކުތާއެއް ނަންގަވައިގެން އިހުސާންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން އިހުސާން ވިދާޅުވީ:
މިދިޔަ އަހަރު ޕީއެންސީއަށް 40،000 މެންބަރުން އިތުރުވެފައިވާކަން އީސީގެ ރިކޯޑުތަކުން ދައްކާ؛ "އޭގެ ތެރެއިން އެ މީހުންނަށް ނޭނގި ވައްދާފައި ވަނީ 183 މީހުން"
ހަމަ އެ މުއްދަތުގައި އެމްޑީޕީން މަދުވެފައި ވަނީ 9،000 މެންބަރުން
"[އެމްޑީޕީން އެހާ ގިނަ މެންބަރުން ވަކިވުމުގެ ސަބަބަކީ]، އެއީ ވެސް އަޅުގަނޑުތޯ ސުވާލަކީ. ތަނެއްގައި ކަމެއް ހިނގާއިރަށް އެއީ އަޅުގަނޑުގެ ބޮލުގައި އަޅުވަން ޖެހޭ ޒިންމާއެއް ނޫންހެން އަޅުގަނޑަށް ހީވަނީ،" އިހުސާން ވިދާޅުވި އެވެ.
"ޑިއެންއާރުގެ ޑޭޓާތައް [ވަގަށް ނަގައިގެން] އަބަދު ތަކުރާރުކޮށް ގަވައިދާ ހިލާފަށް ވައްދަމުން މިދަނީ. އަޅުގަނޑުމެން ކުރާ ކަމެއް ނޫން އެއީ."
ވަގު ފޯމު މައްސަލައިގައި އީސީން މިފަހުން މީޑިއާތަކާ ހިއްސާ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ވަގު ފޯމު ހުށަހަޅައިގެން ގިނައިން ޝަކުވާ އައިސްފައި ހުރީ ޕިއެންސީން ހުށަހެޅި ފޯމުތަކާ ގުޅިގެންނެވެ.
އިހުސާން ވިދާޅުވީ:
'ވޯޓުވިއު'ގެ ނަމުގައި ސޮފްޓްވެއާއެއް ހަދައި އޭގައި ޑީއެންއާރު، އިީސީގެ ދަފްތަރު، އެންސްޕާ އަދި އާސަންދައިގައި ހުރި މައުލޫމާތު ނަގައިގެން މިދިޔަ ސަރުކާރުގައި އެމްޑީޕީން މަސައްކަތް ކުރި ކަމަށް އޭރު ތުހުމަތު އަމާޒުވި
އެމްޑީޕީގެ ސަރުކާރުގައި މާޗު 2019ގައި ޑީއެންއާރުގައި ހުރި މައުލޫމާތުތައް ނަގައިގެން، ބަޔަކު ވިއްކަމުންދާ މައްސަލަ ބަލަމުންދާ ކަމަށާއި އެކަން ތަކުރާރު ނުވާނެ ގޮތަށް ހައްދަވާނެ ކަމަށް ކަމަށް އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވޭ
"އެކަން ނުވާނެ ގޮތަށް ހެއްދެވި ނަމަ، މިއަދު މިވާހަކަ ދައްކަވަން ނުޖެހޭނެ ނޫންތޯ؟"
"ދަންނަވަން މިއުޅޭ ވާހަކައަކީ، 2014 އިން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ޒާތީ މައުލޫމާތު އެކި ގޮތްގޮތުން ނަގައި ވިއްކަމުން، މިގޮތަށް ހިނގަމުން އައި ކަމެއް މިއީ،" އިހުސާން ވިދާޅުވި އެވެ.
ޕީއެންސީއަށް އާންމުންގެ ފާޑުކިޔުން އާމާޒުވި އެއް ސަބަބަކީ، ޑީއެންއާރު އޮފީސް ތެރޭ އެ ޕާޓީއަށް ފޯމު ފުރުމުގެ ހަރަކާތް ކުރިއަށް ދިއުމުންނެވެ. ޑީއެންއާރުގެ އޮފީހުގެ މީޓީން ރޫމެއް ތެރޭ އެ ފޯމު ފުރަމުން ދިޔައިރު ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ފޯޓޯތަކުން މިނިސްޓަރު އިހުސާން ވެސް ފެނެ އެވެ.
އެ ވާހަކަތާ ގުޅޭ ގޮތުން އިހުސާން ވިދާޅުވީ ދައުލަތުގެ އިދާރާއެއްގެ ތެރޭ ސިޔާސީ ޕާޓީއަކަށް ފޯމު ފުރުމަކީ ގާނޫނީ ކުށެއް ނޫން ކަމަށެވެ. ނަމަވެސް "ސިޔާސީ މުވައްޒަފުން ދައުލަތުގެ އިދާރާއެއްގައި ސިޔާސީ މަސައްކަތެއް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން" އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ހާއްސަކޮށް، ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއް ތެރޭ މިފަދަ ކަންތައްތައް ކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިދާނެ [ނުވަތަ] ސުވާލު އުފެދިދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އެކަމާ ގުޅިގެން އަޅުގަނޑު ވާނީ މީގެ ފަހުން އެއްވެސް އިދާރާއެއްގައި މިކަން ނުކުރުމަށް އަންގާފައި. އަދި މިފަދަ ކަމެއް އިތުރަށް އަޅުގަނޑުމެންގެ އިދާރާއެއްގައި ނުހިނގާނެ."
އެއާ އެކު، އިހުސާން ވިދާޅުވީ އެފަދަ ސިޔާސީ ކަންކަން ސަރުކާރުގެ އިދާރާތަކުގައި ހިނގުމަކީ އަލަށްވީ ކަމެއް ވެސް ނޫން ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ވެސް އެކަން އެގޮތަށް ހިނގި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މި ސަރުކާރުގައި ދެން އެފަދަ ކަމެއް ނުހިގާނެ ކަމުގެ ޔަގީންކަން އޭނާ ތަކުރާރުކޮށް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ