ބީއެމްއެލްއިން ރިނބިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
ދ. ރިނބުދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަށްޓަވައި ދެއްވައިފި އެވެ."މުޅި ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރިނބިދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފުކުރެވުމަކީ ލިބުނު އުފަލެއް. މި ހިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގެ މުއާމަލާތްތައް ފަސޭހަކަމާ އެކު 24 ގަޑިއިރު ކުރެވޭނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ. ރިނބުދޫގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފަ އެވެ. އެގޮތުން ދ. އަތޮޅުގެ މާއެނބޫދޫގައި މިއަދު އޭޓީއެމް ހިދުމަތް ވަނީ ފަށާފައެވެ. ރައީސް ވަނީ ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސާވިސް ބޭންކިން ސެންޓަރު، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އަންނަ މަހުން ފެށިގެން ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ