بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، އަޅުގަނޑުމެން މިއަދު މި ބާއްވާ ޙަފްލާއަކީ، ކުޅިވަރުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤު ކުރުމުގެ ޙަފްލާ.
އާދެ، ޚާއްޞަގޮތަކަށް މި ރަސްމިއްޔާތު މި ބާއްވަނީ، މީގެ މުހިންމުކަން ވަރަށްބޮޑުވީމަ. ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް، މިއަދު މި ތަޞްދީޤު ކުރެވިގެންދާ ބިލުގެ ސަބަބުން، އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ.
މިއަދުގެ މި ޙަފުލާ ކުރިއަށްދާނެ ގޮތް ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނަން. މި ބިލާ ބެހޭގޮތުން އަޅުގަނޑު ކުރުގޮތަކަށް، އުސްއަލިތައް، މުހިންމު ކަންތައްތައް ފާހަގަކޮށްލާފައި، ތަޞްދީޤު ކުރާނީ. ދެން އެއަށްފަހު، މި ބިލާ ބެހޭގޮތުން، ނޫނީ މި ޤާނޫނާ ބެހޭގޮތުން، ނޫސްވެރިންގެ ސުވާލުތަކަށް، ދެތިން ސުވާލަކަށް އަޅުގަނޑު ޖަވާބުދީފައި ނިންމާލާނީ.
އާދެ، އަޅުގަނޑާ އެކީގައި، ކުޅިވަރުގެ ދާއިރާގެ އެކިއެކި ޖަމުޢިއްޔާތަކާއި، އެކިއެކި ވެރިން، ކަމާގުޅޭ ބޭފުޅުން ވަޑައިގެން އެބަ ތިއްބެވި. އެ ބޭފުޅުން ވަޑައިގެންނެވި ކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ ފުންމިނުން ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
އާދެ، މި ޤާނޫނަށް ގެނެވުނު އިޞްލާޙަކީ، ވަރަށް ގިނަ ބޭފުޅުން އެދިވަޑައިގަންނަވަމުން ގެންދެވި ކަމެއް. ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން، ޖަމުޢިއްޔާތަކުން، ކުޅިވަރު ކުޅުއްވާ ބޭފުޅުން، އެތައް އަހަރެއް ވަންދެން އެދިވަޑައިގަންނަވަމުން ގެންދެވި ކަންކަން، ތަރައްޤީ ގެނައުމަށްޓަކައި. އިރާދަކުރެއްވީތީ މިއަދު މިކަން ހާސިލުވެގެން މިދަނީ.
މައިގަނޑު ކަންކަން ލާމަރުކަޒީ ކުރެވިގެން އެބަދޭ، އިރާދަކުރެއްވީތީ މި އިޞްލާޙުގެ ސަބަބުން. ރާއްޖޭގައި ރައްޔިތުން އެކި އަތޮޅުތަކުގައި ދިރިއުޅެމުންދާއިރުގައި، އަބަދުވެސް ހަމަ ގާތްގަނޑަކަށްހެން ވެފައި މި އޮންނަ ގޮތަކީ، ޤައުމީ ޓީމުތަކަށް މާލޭގެ، ނޫނީ މާލޭ ސަރަޙައްދުގައި އުޅޭ ކުޅުންތެރިންނަށް ފުރުޞަތު ލިބޭގޮތްވެފައި މި އޮންނަނީ. މުޅިން އެހެންނެއްނޫން. ގާތްގަނޑަކަށް އެހެންވެފައި މި އޮންނަނީ.
އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން، ކުޅިވަރު ކުޅޭ ކުޅުންތެރިން އުފެއްދުމާއި، ހުނަރު އިތުރުކުރުމާއި، ކުޅިވަރު ކުޅޭ ކުޅުންތެރިން އައިޑެންޓިފައި ކުރެވޭނެގޮތް ވުމާއި، ޤައުމީ ޓީމުތަކަށް ކުޅިވަރު ކުޅޭ ކުޅުންތެރިން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ޝާމިލުވާގޮތަށް އެންމެ މޮޅު ކުޅުންތެރިން ހޮވޭގޮތްވުން އެއީ، މީގެ ތެރެއިން ހާސިލުވާނެ ކަމެއް. ފުރުޞަތު ފަހިވެގެންދާނެ ކަމެއް.
އެހެންވީމާ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދޭ. އެގޮތުން ބަލާއިރުގައި، ސަރަޙައްދީ ޖަމުޢިއްޔާތައް، އެސޯސިއޭޝަންތައް، އެކި ކުޅިވަރުތަކުގެ އެސޯސިއޭޝަންތައް އުފެދިގެންދާނެ، ޤާނޫނުގެ ތެރެއިން. އެކި ކުޅިވަރުތަކުގެ ތެރެއިން. ކޮންމެ ކުޅިވަރެއްގައިވެސް އެކި ސަރަޙައްދީ އެސޯސިއޭޝަންތައް އުފެއްދޭނެ.
އެހެންވީމާ، އޭގެ ނަތީޖާއަކަށްވާނީ، އަތޮޅުގެ ލެވެލްގައި، އެންމެ ގިނަ މީހުންނަށް، ކުޅުންތެރިންނަށް ފުރުޞަތުދެވި، އެންމެ މޮޅު ޓެލެންޓްތައް ދެނެގަނެވި، ޓްރެއިން ކޮށްދެވި، އެ ހުރިހާ ދިމާއަކުން ކުޅުންތެރިން ހޮވިގެންއައިސް، ރާއްޖެއަށް އެންމެ ރީތި ނަން ހޯދައިދިނުމުގައި، ކުޅިވަރުގެ ދާއިރާއިން އެކިއެކި ކުޅިވަރުތަކުގެ ދާއިރާއިން، ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތަކުގައި، ރަން ވަނަތައް މިހާރަށްވުރެ ގިނައިން މަތީ ވަނަތައް ހޯދުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމުގެ ފުރުޞަތު ލިބިގެންދިޔުން. ޕޮޒިޓިވް ގޮތުގައި ވާދަވެރިކަން އުފެދި، އެކި ޖަމުޢިއްޔާތަކުގެ ތެރެއިން، އެކި އެސޯސިއޭޝަންތަކުގެ ތެރެއިން، ސަރަޙައްދީ ލެވެލްގައި، ކުޅިވަރުތައް ކުރިއެރުމުގެ ފުރުޞަތު ލިބޭނެ.
ހަމަ އެއާއެކީގައި، ކުޅިވަރުގެ ޤައުމީ ފަންޑެއް ޤާއިމުކުރެވިގެންދާނެ. ޤައުމީ ފަންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި، ކުޅިވަރު ތަރައްޤީކުރުމަށްޓަކައި، ޤާއިމުކުރެވޭ ފަންޑެއް. މި ފަންޑުގެ ނަތީޖާއަކަށްވާނީ، ހަމަ ދެންމެ މި ދެންނެވި ގޮތަށް، ލާމަރުކަޒީކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ކަންކޮޅުތަކެއްގައި، އެއް ފެންވަރެއްގައި، އެތުލީޓުން، ކުޅިވަރު ކުޅޭ ކުޅުންތެރިން ތަރައްޤީކުރުން. އެއީ ކުޅުންތެރިންނާއި، ކޯޗުންނާއި، ވަސީލަތްތަކާއި، މި ހުރިހާ ގޮތަކުންވެސް ކަންކަން ކުރުމުގައި، މި ޤައުމީ ކުޅިވަރު ފަންޑުގެ ބޭނުންހިފޭނެ.
ހަމައެއާއެކީގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ކުޅިވަރު ކުޅެންޖެހޭ ފަރާތްތައް. ކުޅިވަރު ކުޅޭހިތްވާ އެތައްބަޔަކު އެބަތިބި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރޭގައިވެސް. އެހެންނަމަވެސް، އެ ފަރާތްތައް ރެޕްރެޒެންޓް ކުރެވޭނެ އަދި ހައިސިއްޔަތު ލިބިފައި އޮންނަވަރު ވަރަށް ކުޑަ މިހާރު އޮންނަގޮތުން. އެހެންނަމަވެސް، މި ޤާނޫނުގެ މި އިޞްލާޙުގެ ތެރެއިން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް އަޅުގަނޑުމެން އެބަދެން ޤާނޫނީ ބާރުވެރިކަން. ޤާނޫނީ ވަކި ޝަޚްޞަކަށް އެބަ ހެދޭ. ވެގެންދޭ. އެއީ، ވަރަށް މުހިންމު ބަދަލެއް.
އަޅުގަނޑުމެން ގެންނަން ބޭނުންވާ ތަރައްޤީއަކީ، އިންކްލޫސިވް ތަރައްޤީއެއް. ހަމަހަމަ ތަރައްޤީއެއް. އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަމަކީ، އެ މީހަކު ބާކީވާންޖެހޭނެ، ތަފާތުތަކެއް އޭގެ ސަބަބުން، އައިސްގެންވާނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން.
އެހެންވީމާ، މި ޕެރަލިމްޕިކް ކޮމިޓީއަށް ޤާނޫނީ ޝަޚްޞަކަށްވުމުގެ ފުރުޞަތު އަދި އެ ހައިސިއްޔަތު ލިބިގެންދިޔައިމާ، އިރާދަކުރެއްވިއްޔާ އޭގެތެރެއިން، ކުރިން މި ދެންނެވިހެން މި އުފެދޭ އެސޯސިއޭޝަންތަކުގެ ތެރޭގައި ވަކި ޑިވިޝަންސްތައް އުފެދިގެންދާނެ ޕެރަލިމްޕިކް ތަރައްޤީކުރުމަށް. ހަމަ ރާއްޖޭގެ ހުރިހާ ރަށްތަކުގައި. ހަމަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ހުރިހާ ރަށެއްގައި، ހުރިހާ ދާއިރާތަކެއްގައި، އަތޮޅުތަކެއްގައި އިރާދަކުރެއްވިއްޔާ، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީންވެސް ހަރަކާތްތެރިވުމުގައި، މި ދެންނެވި ހައިސިއްޔަތު ލިބި، ފުރުޞަތު އިތުރުވެގެންދާނެ.
އަދި އޭގެ ސަބަބުން، ރާއްޖޭގެ ފަރާތުން، ދުނިޔޭގެ އެކި ތަންތާނގައި ބޭއްވޭ، ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް މިހާރަށްވުރެ ބޮޑަށް އެންމެ މޮޅު ކުޅުންތެރިން ބައިވެރިކޮށް، އެންމެ ގިނަ ވަނަތައް، ރަނގަޅު ވަނަތައް، މަތީ ވަނަތައް ހޯދުމުގައި އިރާދަކުރެއްވިއްޔާ ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ.
ހަމައެއާއެކީގައި، ނުކުޅެދުންތެރިކަމުގެ ވާހަކަ ދައްކާއިރު، އެ ފަރާތްތައް ތަމްސީލު ކުރާނެ މެންބަރަކު، ޤައުމީ ކުޅިވަރާ ބެހޭ މަޖިލީހުގައި، މި އިޞްލާޙުގެ ދަށުން، މިއަދު ތަޞްދީޤު ވެގެންދާ ޤާނޫނުގެ ދަށުން ހިމެނިގެންދާނެ. މިއީވެސް ވަރަށް މުހިންމު ކަމެއް، ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރިޕްރެޒެންޓް ކުރާނެ މެންބަރަކު ހިމެނޭގޮތަށް ހަމަޖެހިގެން ދިޔުން. އެއީ، ޙަޤީޤަތުގައި މިއިން ވަރަށް ބޮޑަށް ހާސިލުވެގެންދާ ކަމެއް.
އާދެ، އެހެންވީމާ، ލާމަރުކަޒީ އެބަ ކުރެވޭ. ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހަމަހަމަ ފުރުޞަތު އެބަދެވޭ. އެއާއެކީގައި، ޖިންސީ ތަފާތުކުރުން ނައްތާލުން، މި ޤާނޫނުގެ ތެރެއިން އެބަ ކަށަވަރުކުރެވޭ. އަޅުގަނޑުމެންގެ ތެރޭގައި ކުޅިވަރު ކުޅޭއިރުގައި، މިއަދާ ހަމައަށް އައިއިރުގައި، ހަމަ ޢާންމުކޮށް މިކަން އޮތީ ރަނގަޅަށް. ދެ ޖިންސަށްވެސް ފުރުޞަތުތައް ހަމަހަމަކޮށް ލިބޭ. އެކަމަކު، އެކަން ޤާނޫނީގޮތުން ނެތް މިހާތަނަކަށް އެންޝުއަރ ކުރެވިފައެއް، ނޫނީވިއްޔާ، އެ ޔަޤީންކަން ޤާނޫނީ ހައިސިއްޔަތުގެ ތެރެއިން، ހައިސިއްޔަތު ދެވިގެނެއް ނެތް ކަށަވަރު ކުރެވިފައެއް.
އެހެންނަމަވެސް، މިހާރު މި ޤާނޫނީގޮތުން ލާޒިމުކުރަނީ، ތަފާތުނުކުރެވޭނެ ކަމަށް. ޤާނޫނީގޮތުން މި މަޖުބޫރުވަނީ ތަފާތުނުކުރަން. އެއީ، ވަރަށްބޮޑު ބަދަލެއް. އެހެންވީމާ، އެ ބަދަލު އިރާދަކުރެއްވިއްޔާ މި ޤާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް ހާސިލުވެގެންދާނެ.
އާދެ، އެއާއެކީގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ބައެއް އިތުރު ކަންކަން މީގެތެރެއިން ހާސިލުވެގެންދާ. އެގޮތުން ބަލާއިރުގައި، މިހާރު ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކިކަހަލަ މައްސަލަތައް އެބަ ދިމާވޭ. ޙައްލުކުރުމަށްޓަކައި ދާނެ އަރބިޓްރޭޝަން ނިޒާމެއް، ބޭނުންކުރާ ނިޒާމެއް ރާއްޖެއަކު ނެތް. ކަމެއް ކުރަން ޖެހިއްޖިއްޔާ، މި ޖެހެނީ ބޭރު ޤައުމަކަށް ގޮސްގެން، ވަރަށް އަގުބޮޑު ނިޒާމެއްގެ ތެރެއިން އަރބިޓްރޭޝަން ކަންކަމުގެ ތެރޭގައި މަސައްކަތް ކުރަން. އެހެންނަމަވެސް، މި ޤާނޫނުގެ ތެރެއިން، ރާއްޖޭގައި ސްޕޯޓްސް އަރބިޓްރޭޝަން ނިޒާމު ޤާއިމުކުރެވިގެންދާނެ. މިއީ، ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ، އޭރުން ޙައްޤުތައް ހިމާޔަތްކުރެވި، އިންޞާފު ޤާއިމުކުރުމަށް ވަރަށް ފަސޭހަވެގެން އެބަދޭ.
އާދެ، އަޅުގަނޑުމެންގެ ތެރޭގައި ކުޅިވަރާ ބެހޭ ދާއިރާގެ އެކިއެކި މުއައްސަސާތައް އެބަހުރި. އެކި މަގާމުތައް އެބައޮތް އުފެއްދިފައި. ކޮމިޝަނަރ އޮފް ސްޕޯޓްސް، ކުޅިވަރާ ބެހޭ ޤައުމީ މަޖިލިސް، ކުޅިވަރާ ބެހޭ ވަޒީރު. މި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ފުށުއަރާގޮތަށް، މިއަދާ ހަމައަށް ކޮންމެވެސްވަރަކަށް ހުރީ. އޭގެ ސަބަބުން ދިމާވާ ދަތިތައް އެބަހުރި. އެންމެން އެކުގައި ހަމަ މަސައްކަތް ކުރޭ. އެހެންނަމަވެސް، ޤާނޫނު އޮތްގޮތުން ހަމަ ދަތިތައް ހުރި. އެހެންނަމަވެސް، މިހާރު މި އިޞްލާޙު ގެނެވިގެން މިދަނީ، މި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ފުށުނާރާގޮތަށް، ވަރަށް ސާފުކޮށް ބަޔާންކުރެވި، ވަރަށް އެކުގައި މަސައްކަތް ކުރެވޭގޮތަށް. އޭގެ ނަތީޖާ ހަމަ ޔަޤީނުންވެސް ރަނގަޅުވެގެންދާނެ.
ހަމައެއާއެކީގައި، އަޅުގަނޑުމެން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދަށުން، ކުޅިވަރު ޖަމުޢިއްޔާތައް ރަޖިސްޓްރީ ކުރެވި، ގިންތިކުރުން ކަށަވަރު ކުރެވިގެން އެބަދޭ، މި ޤާނޫނުގެ ތެރެއިން. އަދި ހަމަ އަޅުގަނޑު ފާހަގަކޮށްލަން، ޔުނެސްކޯ ކޮންވެންޝަނާއި، ވާރލްޑް އެންޓި ޑޯޕިންގ ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޤާއިމުކުރެވިފައިވާ، މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިންގ އޭޖެންސީއަށް މުސްތަޤިއްލުކަން، މި ޤާނޫނުގެ ތެރެއިން އެބަ ކަށަވަރުކޮށްދޭ. މުސްތަޤިއްލު މުއައްސަސާއަކަށް އެބަ ހަދައިދެވޭ. މިއީވެސް ވަރަށް މުހިންމު ކަމެއް. މިހާތަނަށް ހަމަ ކުޑަކުޑަ ޑެސްކެއް ޤާއިމުކުރެވި، ވަރަށް އާދައިގެ ގޮތަކަށް ހައިސިއްޔަތު ދެވިފައިވާ ފަރާތެއް، މުއައްސަސާއެއް. އެހެންނަމަވެސް، މިހާރު މުސްތަޤިއްލުކޮށް ދެވުނީމާ، އޭގެ ސަބަބުން، ކުޅިވަރުގެ ޑިސިޕްލިން ރަނގަޅު ކުރުމުގައި ވަރަށް ބޮޑަށް އެބަ ބާރުއެޅިގެންދޭ. ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން، ކުޅިވަރުގެ ތެރޭގައި ވަރަށް ބޮޑަށް ޝާމިލުވެ މަސައްކަތްކުރޭ. މި ޤާނޫނުގެ ތެރެއިން، އިރާދަކުރެއްވިއްޔާ، މި ދެންނެވި ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގައި، މިހާރަށްވުރެ ބޮޑަށް އެ ތަންތަނުގައި އޮންނަ އެކެޑަމީ ކަލަންޑަރާ ފުށުނާރާގޮތަށް ރޭވިގެން ފޯރިއާއެކީގައި، ވާދަވެރިކަމާއެކީގައި ކުޅިވަރު ކުޅެވޭނެގޮތް ފަހިވެގެންދިޔުން، މި ޤާނޫނުގެ ތެރެއިން އެބަ ކަށަވަރު ކުރެވޭ. އިންޓަރ ސްކޮލަރސްޓިކް ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބުތައް އުފައްދައި ޙަރަކާތްތެރިވުމުގެ ފުރުޞަތު އެބަ ފަހިވެގެންދޭ.
އާދެ، އަޅުގަނޑު ހަމަ ކުރުގޮތަކަށް މި ދަންނަވާލީ، މިއަދު މި ތަޞްދީޤު ކުރެވޭ ބިލުގެ ޤާނޫނުގެ ސަބަބުން އަޅުގަނޑުމެންނަށް ހާސިލުވާ ކަންތައްތައް. އިރާދަކުރެއްވިއްޔާ، މިއަދު މި އެޅެނީ ވަރަށް މުހިންމު ފިޔަވަޅެއް. މިއަދު މި ހުޅުވެނީ، ވަރަށް މުހިންމު ޞަފްޙާއެއް ރާއްޖޭގެ ކުޅިވަރުގައި. އަޅުގަނޑުމެން އެންމެން، ހުރިހާ މުއައްސަސާތަކާއި، ހުރިހާ އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ ކޮމިއުނިޓީ ގުޅިގެން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ކުޅިވަރު މުޅިން އާ ހަރުފަތަކަށް، ރަނގަޅު މިޞްރާބަށް ގެންދިޔުމަށް އެޅޭ މުހިންމު ފިޔަވަޅެއް. އެހެންވީމާ، އެކަމަށްޓަކައި ކުޅިވަރުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، އަޅުގަނޑު ދެން އަވަސްވެގަންނާނަން، އިރާދަކުރެއްވިއްޔާ މީގެ އުފާވެރިކަން، ކާމިޔާބު، ރައްޔިތުންނަށް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ، ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ކުޅިވަރާ ބެހޭ ޤާނޫނުގެ އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރަން.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ