ރާއްޖެ މަތީ އެންމެ ވިލާކޮޅެއް ވެސް ނެތް؛ ވަރަށް ހޫނު ގަދަ

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް، މިދުވަސްކޮޅު ވަރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓުން އާއްމުކޮށްފައިވާ އިއްޔެ އާއި މިއަދުގެ ސެޓެލެއިޓް ފޮޓޯއަށް ބަލާއިރު ރާއްޖެ މަތިން އުޑުމަތި އޮތީ ވަރަށް ސާފުކޮށެވެ. ހާވިލާކޮޅެއް، ހާފުސްކަމެއް ފެންނަން ވެސް ނެތެވެ. އެހެންވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަ އެވެ.
ތަފްސީލް - މެޓުން ބުނި ގޮތުގައި:
މާލެ އާއި އުތުރުގެ ރަށްތަކަށް އިއްޔެ ހޫނުމިން ހުރީ 32.7 ޑިގްރީ ސެލްސިއަސްގައި
އެކަމަކު އިހުސާސް ކުރެވޭ ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްގައި
މިއީ އާއްމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު
މެޓުން ބުނި ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ މެދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، ރާއްޖެ ސަރަހައްދުގައި ވައިމަޑުވެ އެވެ. އިރުވެސް ހުންނަނީ ސީދާ ރާއްޖެއާ ދިމާ މަތީގަ އެވެ. ވިލާ މަދުވެ އެވެ. އޭގެ ސަބަބުން ތެތްހޫނުވައި ގިނަ ވަގުތު ދައުރުނުވެ، އެއް ސަރަހައްދެއްގައި މަދު ޖެހޭ ކަމަށާއި އެހެންވެ، 'ހީޓް އިންޑެކްސް' މަތިވާ ކަމަށް އެތަނުން ބުންޏެވެ.
ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން، އިންސާނާގެ ހަށިގަނޑު ފިނިވުމަށްޓަކައި ބޭނުންވާ ދާހިއްލުމަށް ދަތިވެ، ވައިގެ އަސްލު ހޫނުމިނަށްވުރެ ވެސް އިތުރަށް ހޫނުކަން އިހުސާސްވޭ
އެ އިހުސާސްކުރެވޭ ހޫނުމިނަކީ، ވައިގެ އަސްލު ހޫނުމިނާއި ވައިގެ ތެތްލަން އަދި ވައި ޖެހޭ ބާރުމިނަށް ބަލައި ހިސާބު ކުރެވޭ އަދަދު
އެންމެ ހޫނު ގަދަވާނީ މެންދުރު ފަހު 1-2އާ ދެމެދުގައި؛ އެކަމަކު ވިލާހުންނަ ގޮތުން މި ގަޑިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާ ކަމަށް މެޓުން ބުނޭ
ޖެހިޖެހިގެން ގިނަ ދުވަހު ހީޓް އިންޑެކްސް މަތި ނަމަ، 'ހީޓް ސްޓްރެސް' ކުރިމަތިވޭ؛ އެއީ ގަދަ ހޫނަށް ހަށިގަނޑު ބަރުދާސްތު ކުރަން ދަތިވެ ކުރިމަތިވާ ހާލަތު
މީގެ ސަބަބުން ބޮލުގައި ރިއްސުމާއި ބޯއެނބުރުމާއި ހަށިގަނޑުން ވަރަށް ބޮޑަށް ފެންމަދުވޭ އަދި އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވޭ
އެހެންވެ، އެންމެ ރައްކާތެރިގޮތަކީ ހޫނުގަދަ ވަގުތުގައި ބޭރުގައި ނޫޅުމާއި ރޯދަ ވީއްލުމަށް ފަހު ގިނައިން ދިޔާ އެއްޗެހި ބުއިން ކަމަށް ސިއްހީ މާހިރުން އިރުޝާދުދޭ
މިއީ ރާއްޖެއަށް އިރުވައިގެ އެންމެ ހޫނު ގަދަ ދުވަސް ވަރަށް ވިޔަސް، ދޭތެރެއަކުން ވިއްސާރަކޮށްލަ އެވެ. މެޓުން ބުނީ ދެތިން ދުވަސް ފަހުން، ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް ކެރިކޮޅެއް އައިސްދާނެ ކަމަށެވެ. އަދި ފަސް ދުވަސް ފަހުން ދެކުނުގެ އަތޮޅުތަކަށް ވެސް ވިއްސާރަ ވެދާނެ ކަމަށް އެ ތަނުން ލަފާ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ