ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު 50.88 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖަކީ މާލެ ސަރަހައްދުގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ބްރިޖުގެ މަސައްކަތުގެ 50.88 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ. މި ބްރިޖު އެޅުމަށް ފުން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ނިމުން ލަސްވެފައި ވިޔަސް، ސަރުކާރުން ރާވާފައިވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް މިހާރު ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ލަސްވެ އެތައް ބައެއްގެ ޝަކުވާތައް ކުރަމުން ދިޔަ އިރު، ނޮވެމްބަރު 16، 2023 ގައި ނިމިދިޔަ ސަރުކާރުން ވަނީ އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ މިހާތަނަށް ވިލިމާލޭގައި ވިހި ސެގްމަންޓް ލޯންޗް ކޮށްފައިވާ އިރު، މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާލެއިން ގުޅިފަޅަށް ދާ ސެގްމަންޓެވެ. އެބައި ނިންމާލެވޭނެ ތާރީހަކީ މާޗް 31، 2026 ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
120 އަހަރުގެ އުމުރުގެ މި ބްރިޖު ނިންމުމަށް ދީފައިވާ ފަހުގެ މުއްދަތުގެ ކުރިން ވެސް މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަން ހާމަކުރައްވަމުން މުއްތަލިބް ވިދާޅުވީ، އެފްކޯންސްގެ ފަރާތުން ބޭނުންވާ މެޝިނަރީޒްތަކާއި އުޅަނދުތައް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި މަސައްކަތް ދަނީ ވަރަށް ބާރުގައި ކުރިއަށް ކަމަށެވެ.
އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަުގެ ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ 500.20 މިލިއަން ޑޮލަރަށެވެ. މިހާތަނަށް އެ އަދަދުގެ 37.33 ޕަސެންޓަށް ވާ 186.72 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އެފްކޯންސްއަށް ދައްކާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން ދެން ބާކީ ދައްކަން ޖެހޭ އަދަދީ 313.48 ޑޮލަރެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
ތިލަމާލެ ބްރިޖްގެ 50 ޕަސެންޓް ނިމިއްޖެ، ލަސްވިޔަސް މުއްދަތަށް ނިންމާލެވޭނެ: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ