މިނާގެ ޓެންޓުތަކުގައި ބާބަކިއު ހަދަނީ އައްޔާމުއް ތަޝްރީޤުގައި
އައްޔާމުއް ތަޝްރީޤުގައި ޙައްޖުވެރިން ކަތިލާ މަސްތައް މުޅަވިޔަނުދީ ބެހެއްޓުމަށް ޓަކައި ލޮނުއަޅައި ބާބަކިއު ވެސް ހަދައެވެ. އަދި އެނބުރި ރަށަށް ދާއިރު އެ މަސްތައް ގެންދޭ ވެސް މެއެވެ. ތަޝްރީޤުގެ މި ދުވަސްތަކަކީ އަޟުޙާ ޢީދާ ވިދިގެން އަންނަ ތިން ދުވަހެވެ. އެއީ ޙައްޖުމަހުގެ 11، 12 އަދި 13އެވެ. މި ދުވަސްތަކަކީ ކަނޑައެޅިފައި ހުރި ދުވަސްތަކެކެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ لِمَنِ اتَّقَىٰ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ﴾ (البقرة: ٢٠٣) މާނައީ: "އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް (ތަކްބީރުކިޔައި) އުޅޭށެވެ! ފަހެ، ދެ ދުވަހުގެ ތެރޭގައި (އެ ކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތް މީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިން ދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށް ވެސް ފާފައެއް ނެތެވެ. އެއީ، ތަޤުވާވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން މަޙްޝަރަށް ފޮނުއްވާނީ، އެކަލާނގެ ޙަޟްރަތަށް ކަން، ތިޔަބައިމީހުން ދަންނާށެވެ!" މި ދުވަސްތަކަށް އައްޔާމުއް ތަޝްރީޤޭ ކިޔުނު ސަބަބާމެދު ބުނެވޭ އެންމެ ރަނގަޅު ބުނުމަކީ، މަސް ފިނިކުރެވޭ ނިޒާމު ޤާއިމުވެފައި ނެތް ޒަމާނުގައި މީސްތަކުން ޙައްޖަށް އަންނައިރު ގެންނަ އެ މީހުންގެ ޤުރުބާނީތައް ކަތިލާފައި އެއިން ބައެއް ރަށަށް ގެންދިޔުމަށް ލޮނުއަޅާ ހިއްކާހިއްކުމާ ގުޅުވައިގެން ކިޔޭނަމެއް ކަމުގައި ބުނާބުނުމެވެ. އެ ތަކެތި ރައްކައުތެރިކުރުމަށް މަސްތަކަށް ލޮނު އަޅާފައި އަވީގައި ބަހައްޓަނީއެވެ. މި ގޮތަށް މަސްރައްކާކޮށްގެން އެ ތިން ދުވަހު އޭގެ މަސް ކައިފައި އެނބުރި ރަށްރަށަށް ދާއިރު އެ މީހުން ދަނީ އެ މަސްތައް ހިފައިގެންނެވެ. މި ގޮތަށް މަސް ލޮނުން ހިއްކުމަށް ޢަރަބި ބަހުން ކިޔަނީ "يُشَرِّقُونَ" (އަވިން ހިއްކުން) މިހެންނެވެ. މި ބަސް ނެގިފައި މި ވަނީ "تَشْرِيقُ" މި ބަހުންނެވެ. މާނައަކީ އިރުއެރުން ނުވަތަ އަވިދިނުމެވެ. އިޝްރާޤު ނަމާދޭ ކިޔާ އަޑު އަހަމު ނޫންހެއްޔެވެ؟ އެއީ ފަތިސްނަމާދުކޮށްގެން ﷲގެ ޒިކުރުމަތީ އިނދެފައި އިރު ބޮންތިއަކަށް އެރުމުން ކުރާ ނަމާދެވެ. ޙައްޖަށް އަންނަ މީހުންގެ ޤުރުބާނީއަށް ބަލާއިރު އެއީ ވަރަށް ގިނަ އަދަދެއްގެ މަސް ކަމުގައި ފެންނާނެއެވެ. އެ ޒަމާނުގައި ވެސް އެ ހުރިހާ މަހެއް ބޭނުން ކުރެވޭނޭ ގޮތެއް ނެތިއްޔާ ދެން ވާނީ މުޅިންހެން އިސްރާފުވާ ތަކެއްޗަށް ނޫންހެއްޔެވެ؟ އެ ތަކެތި ކުނި ވިޔަނުދީ ރައްކާތެރިކޮށް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. މިއަދު ރެފްރިޖަރޭޝަންގެ އީޖާދު ތަރައްޤީވެފައި އޮތުމުން މި ކަން ކުރާ ބަޔަކު ތިބުމަކީ ނާދިރު ކަމެކެވެ. އެހެނަސް މިއަދުގެ ޙާލަތު ވެސް ކައިރިން ބަލައިފި މީހަކަށް މި ކަން ކުރާތީ ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބައެއް ޤައުމުތަކުގެ ބައެއް މީހުން މިއަދު ވެސް މިނާގެ ޓެންޓުތަކުގެ ބޭރުގައި މަސް ހިއްކަން އަވީލާފައި ހުންނަކަން އެކަމާވެގެން ބަލައިފި މީހަކަށް ފެންނުމަކީ ދުރު ކަމެއް ނޫނެވެ. މި ދުވަސްތަކަކީ އުފާކުރުމާއި މަޖާކުރުމުގެ ދުވަސްތަކެވެ. ކެއުމާއި ބުއިމުގެ ދުވަސްތަކެވެ. މި ދުވަސްތަކުގައި ރޯދަ ހިފުމަކީ ވެސް ޙަރާމްކުރައްވައިފައި ވާ ކަމެކެވެ. ޙައްޖުވެރިންނާއި އެ ނޫން މީހުންނަށް ވެސް މެއެވެ. އެހެންކަމުން މި ދުވަސްވަރު ކެއުންބުއިން ވަނީ އިތުރު ވެގެންނެވެ. ޙައްޖާޖީން ކަތިލި މަސް ކެއުމަށް ކުރީގެ މީހުން އެ ތަކެތި ރައްކާތެރި ކުރީ ލޮނުއަޅައިގެންނެވެ. މިހާރު އެނޫން ގޮތްގޮތަށެވެ. ކުރީ ޒަމާނުގައި މިނާގެ ޓެންޓުތަކުގެ ކައިރިން ހިނގާއިރު މަސް ލޮނުއަޅާފައި ހުންނަ މަންޒަރާއި ދުންއަރުވައިގެން އެ ތަކެތި ހިއްކާ މަންޒަރަކީ އާންމު މަންޒަރެކެވެ. އެންމެން ކުރާކަންތަކެވެ. މުޅި މިނާ އޮންނާނީ ގެރިބަކަރިޖަމަލުގެ ބަރބަކިއު ވަހުން އެއްވަސްވެފައެވެ. ކުރީގެ ދަތުރުފަތުރު އޮންނަ ގޮތުންނާއި ތަނަވަސްކަން ހުންނަ މިންވަރުން މީސްތަކުންނަށް އެ މީހުން ކަތިލާ މަހުން ކައި އުޅުމާއި އެ ތަކެތި އަނބުރާ ރަށަށް ގެންދިޔުން އޮންނަނީ ވަރަށް މުހިންމުވެފައެވެ. މިއަދު ބޭނުން ވަރަކަށް ކާބޯތަކެތި ލިބިފައި އޮތުމުން އެ ތަކެއްޗަށް ފަރުވާކުޑަކޮށް އިސްރާފު ކުރާކަމީ ހިތާމަހުރި ދެރަކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ