"ކަޅު ދިގުން" ފެށިގެން ކައްޒާބު އާއި ބިއްލޫރި ޓަނަލް، ފޭކް ޕްރިންސް، ޑޮލަރާއި ވޭޕްގެ މައްސަލައިގެ އިތުރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ ސިޔާސަތު ތަކަށް ހދ. ކުޅުދުއްފުށީގައި ޕެރޭޑުގައި ޖޯކު ޖަހާފައިވާ މާލިތައް ދައްކާލައިފި އެވެ.
އެ ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ މަށި ކުޅިން މަށި ނެގުމަށް ފަހު ގައިގައި އުގުޅައިގެން މާލި ހެދިގެން ބާއްވަމުން އައި ޕެރޭޑް، މިހާރު ބަދަލު ވެފައިވަނީ ވަރުގަދަ ސިޔާސީ މެސެޖުތަކެއް ވެރިންނަށް ދޭ ޕެރޭޑަކަށެވެ.
ކޮންމެ އަހަރަކު ވެސް ރައީސް އާއި ސަރުކާރަށް މި ޕެރޭޑުގައި ޖޯކު ޖަހަ އެވެ. އެފަދަ ޝުއޫރުތަކާއެކު މާލިތައް ނެރެ އެވެ. ފުލުން ގޮސްފައިވާ ސިޔާސަތުތަކާއި ވެރިން ކުރާ ތާކުންތާކު ނުޖެހޭ ކަންކަމާމެދު މީހުން ދެކޭ ގޮތް ތަމްސީލުކޮށްދެ އެވެ.
ރައީސް މުއިއްޒު އިއުލާން ކުރެއްވި އެތައް ކަމެއް ބަދަލުކޮށްފައިވާތީ، ޔޫ ޓާން ނަންގަވާ ކަމަށް ބުނެ، ސިޔާސީ ވެރިން، އަދި ނޫސްތަކުން ފާޑުކިޔާފައިވެ އެވެ. އެފަދަ ކަންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވި ނަމަކީ "އުނބު ޓާން" އެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީގައި ބޭއްވި ޕެރޭޑުގައި ނެރުނު ރަށު ޕިކަޕެއްގައި ވަށައިގެން އުނބު އެލުވާފައި، އޭގައި ހަރުކޮށްފައި ހުރި ބޯޑުގައި އޮތީ "2.0 އުނބު ޓާން" އެވެ. އެގޮތަށް ލިޔެފައި އެވަނީ ސަރުކާރުގެ މަސައްކަތްތައް ޑިޖިޓަލްކުރުމަށް ކުރީ ސަރުކާރުން ފެށިގެން ކުރަމުން އައިސްފައިވާ މަސައްކަތަށް ރައީސް މުއިއްޒު ދެއްވި "ދިވެހިރާއްޖެ 2.0" ނަމާ ގުޅުވައިގެންނެވެ.
"2.0 އުނބު ޓާން" އިން އެ ބުނެދެނީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ބަދަލުވާލެއް ހަލުއި ކަމެވެ.
އެކަން ދައްކުވައި ދީފައި ވަނީ ހަމައެކަނި އެންމެ މާއްޔެއް ނޫނެވެ. ހިކި ގޮފިގަނޑަކަށް އުނބުތަކެއް އަމުނާފައި ހުރި މާއްޔެއް ވެސް ޕެރޭޑުގައި ހުއްޓެވެ. އެ މާއްޔަށް ދީފައިވާ ނަމަކީ އުނބަށް ޖަހާ މާލި އެވެ.
ރައީސް މުއިއްޒުގެ ފެއިލްވެފައިވާ ބައެއް ސިޔާސަތުތައް ޕެރޭޑު ފެނިގެން ދިޔަ އެވެ. އަހަރަކު 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ވިދާޅުވެ ފެށްޓެވި ބަންކަރިންގެ ހިދުމަތަށް ޖޯކު ޖަހައި މާލި ނެރުނީ އެ މަޝްރޫއު ފެއިލްވެފައި ވާކަމަށް ގަބޫލު ކުރެވޭތީ އެވެ.
ބަންކަރިންގެ ހިދުމަތް ދެމުން ދަނީ، ކުރިން އަދި މިހާރު ވެސް ރާއްޖޭގެ ތެޔޮ ކުންފުނިތަކުން ކަނޑު އުޅަނދުފަހަރަށާއި، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބޭރުގައި ބޯޓު ފަހަރުގެ ކައިރިޔަށް ގޮސް ތެޔޮ އަޅައިދޭ ގޮތަށެވެ.
މާލެ އާއި ރަސްމާލެ ޒަމާނީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލެވޭނެ ކަމާއި ކަނޑުއަޑީގެ މަންޒަރުތައް ފެންނާނެ ފަދަ ޓަނަލަކުން ދެ ރަށް ގުޅުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިތާ ދެ މަސް ފަހުން، ޖެނުއަރީ 2024 ގަ އެވެ.
"އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރެއިން (ރޭލު) ގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް، އެތައް މިލިއަން ޓުއަރިސްޓުން އިތުރު ވެގެން ދާނެ މަޝްރޫއަކަށް، އަޅުގަނޑުމެން ގެންދާނީ ފޭރާން ހެޔޮ ސިޔާސަތެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ސިޔާސަތަކަށް ބިއްލޫރި ޓަނަލް ވެގެން ގޮސްފައިވާތީ، ސެލޯފިން އަޅައިގެން އެތެރެފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ ޓަނަލެއް ގާޑިޔަލެއްގައި ގެންދިޔަ އެވެ. އޭގެ ތެރެއިން ކުޅޭކުޅޭ ވެހިކަލްތައް ފެނެ އެވެ.
މި ސަރުކާރުގެ ހިންގުމާއި ކަންކަމުގައި ދޯދިޔާކަން ހުރި ވަރު ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށްފަހު، ސައުދީ ޝާހީ އާއިލާގެ އަމީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުން އެކަން އާންމު ކުރުމުން އެނގެ އެވެ.
ރާއްޖޭގެ އެންމެ މަތީ އޮފީހުން ސައުދީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ފޭކް ޕްރިންސެއްގެ ވާހަކަ އާންމު ކުރުމުން، ސައުދީ އަރަބިއްޔާގެ ސަރުކާރުން ހިތްހަމަ ނުޖެހުން އޮއްސާލުމުގެ ނަތީޖާއަކަށްވީ މިފަހަރު ރައީސް މުއިއްޒު ހައްޖުގެ އަޅުކަމަށް ވަޑައިގަތުމުގެ ކުރިން ފޭކް ޕްރިންސްގެ ހަބަރުތަކާއި ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ނަގަން ޖެހުމެވެ.
އެންމެ މަތީ އޮފީސް، އެފަދަ ދަށުދަރަޖައަކަށް ވެއްޓިގެން ދިޔުމުން ކުޅުދުއްފުށީ ޕެރޭޑުގައި ފޭކް ޕްރިންސެއް ދެއްކި އެވެ.
ފޭކް ޕްރިންސެއްގެ ގޮތުގައި ރައީސް މުއިއްޒުއާ ބައްދަލު ކުރި ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫން ކަން އެއިރު ވެސް ނޫސްތަކުން ބުންޏެވެ.
ޕެރޭޑުގައި މިފަހަރު "ހުސްގަނޑި" ވެސް ހުއްޓެވެ.
ޕީޕީއެމްގެ އާންމު މެންބަރުންގެ ލޯތްބާއި ތާއިދު އޮތީ ޔާމީނަށްކަން ރިޔާސީ ޓިކެޓު ލިބިވަޑައިގަތުމުގެ ކުރިން މުއިއްޒަށް އަދި ޕީޕީއެމް، ޕީއެންސީގެ ވެރިންނަށް އެނގެ އެވެ. އެހެންވެ، އެމަނިކުފާނު ޖަލުގައި ހުންނެވިއިރު ބޭއްވީ ޕާޓީގެ ޖަލްސާތަކާއި، ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޖަލްސާތަކުގައި އެ މަނިކުފަށް ހާއްސަ ހުސްގޮނޑިއެއް ބެހެއްޓި އެވެ.
ޖަލުގައި އެ މަނިކުފާނު ބަހައްޓާފައި ހުންނެވީ ހަރާން ހުކުމެއްގައި ކަމަށް މުއިއްޒު އާއި ޕާޓީގެ ވެރިން ކުރިން ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ވުމާއެކު ރައީސް މުއިއްޒު، ޔާމީންއާ ގުޅުން ކަނޑާލައްވައި، އެ މަނިކުފާނު ބާކީ ކުރެއްވި އެވެ.
ފުރަތަމަ މައްސަލައިން ޔާމީން މިނިވަންވުމާއެކު އުފަލުގެ ކަރުނަ ޕީޕީއެން/ޕީއެންސީގެ ވެރިންގެ ލޯތަކުން ފޭދިގެން ދިޔަސް، ހިތުގައި އޮތީ ޔާމީން އައުމަށް ހުރަސް އެޅުމުގެ ރޭވުމެވެ. ޕީޕީއެމްއާ ފެޔަށް ޖެހުމަށް ފަހު، ޔާމީން ވެސް އެފަދަ ތުހުމަތެއް ކުރެއްވި އެވެ. އަދި ހައިކޯޓުގައި އޮތް މައްސަލަ ލަސްވެގެން ދިޔައީ ޕީޕީއެމްގެ ބައެއް ވެރިންގެ ނުފޫޒު ކަމަށް ޔާމީން ތުހުމަތު ކުރެ އެވެ.
ކުޅުދުއްފުށީ ޕެރޭޑުގައި ބަހައްޓާފައިވާ ފިޔައިތޮށި ކުލައިގެ ހުސް ގޮނޑިން ރަމްޒުކޮށް ދެނީ މަކަރުވެރިކަމާއި، އޮޅުވައިލުމެވެ.
މި ސަރުކާރުން ކުރާ ކަމަށް ތުހުމަތު ކުރެވޭ ވައްކަންތަކުގެ ތެރެއިން ޕެރޭޑުގައި މޯލްޑިވް ގޭސްއިން ގެއްލުނު ލާރީގެ މައްސަލަ މާލިތަކާއެކު ތަމްސީލުކޮށް ދިނެވެ. ބަރޯ ގަޑިޔާ އަކަށް ބާ ގޭސްފުޅިއެއް ލައިގެން ދާއިރު، އެ ބަރޯގައި ޖަހާފައިވަނީ "ގޭސް ވަގު" އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިގުތިސޯދާއި މާލީ ކަންކަން ވެސް ރަނގަޅުކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިއިރު ޑޮލަރު ރޭޓު ހުރި މިންވަރު މާބޮޑަށް ވެސް މައްޗަށް އުފުލިއްޖެ އެވެ.
ސަރުކާރުގެ އިސްރާފު ގިނަވުމާއެކު މާލީ ކަންކަން ފުލުން ދާވަރުވެގެން ޓެކްސް ބޮޑުކޮށް، އެންމެ ފަހުން ޓޫރިޒަމް ދާއިރާއިން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަށް ފަހު، މުއިއްޒު ވިދާޅުވީ ދެނެއް ޑޮލަރުގެ އަގު ބޮޑެއް ނުވާނެ ކަމަށެވެ.
ނަމަވެސް އެއަށް ފަހު ރޭޓު ދަށް ނުވެ، ޑޮލަރެއް 19.30ރ އަށް ވެސް ލިބުން ވަނީ ދަތިވެފަ އެވެ. ބައެއް ފަހަރު 19.50ރ އަށް ވެސް އަރާފައި އެބަ ހުއްޓެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓިފައި އޮތް ކޮވިޑު ދުވަސްވަރު ވެސް ޑޮލަރު ރޭޓު މި މިންވަރަށް މައްޗަށް އުފުލި، ގިނަ ދުވަސްތަކެއް ވަންދެއް ހިފެހެއްޓިފައެއް ނެތެވެ.
އެހެންވެ، ކުޅުދުއްފުށިން އެކަމަށް ހާއްސަ ކުރި މާލި ހުރީ ބޮޑު ގޮފިގަނޑެއްގައި ޑޮލަރުތަކެއް އެލުވައިގެން، އެ ގޮފިގަނޑު ގޮނޑުމަތީގައި ބާއްވައިގެންނެވެ. އޭގައި ހަރުކޮށްފައި ހުރި ބޯޑުގައި ލިޔެފައި އޮތީ "އެރިޔަކަ ނުދޭނަން" އެވެ.
މި ފަހަރު ވެސް ކުޅުދުއްފުށީ ޕެރޭޑުން ސިޔާސީ މަސްރަހުގެ ހުރިހާ ޖޯކެއް ފުރިހަމައަށް ދައްކައިލި އެވެ. އެއީ ހަމައެކަނި އެރަށުގެ ޝުއޫރެއް ނޫނެވެ. އެއީ މުޅި ރައްޔިތުންގެ ޝުއޫރު ހުރި ގޮތެވެ.
ކުޅުދުއްފުށީ ކުދި ބޮޑު އެންމެންގެ ބައިވެރިވުން އޮންނަ މި ޕެރޭޑު މިހާރު ވެފައިވަނީ ކޮންމެ އަހަރެއްގެ ބޮޑު އީދުގައި އެންމެ ގިނަ ބަޔަކު، އިންތިޒާރުކުރާ އެއް ހަރަކާތަށެވެ.
ކުޅުދުއްފުށީ މާލި ޕެރޭޑުން ރައީސް މުއިއްޒަށް ވަރުގަދަ މެސެޖުތަކެއް ކުޅުދުއްފުށީ މާލި ޕެރޭޑުން ރައީސް މުއިއްޒަށް ވަރުގަދަ މެސެޖުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ