މެނިންގޮކޯކޮލްގެ އިތުރު ކޭސްއެއް މިހާތަނަށް ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖެއިން މެނިންގޮކޯކޮލް ކޭސްއެއް ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށާއި މިހާތަނަށް އެ މަސައްކަތް އެއްކޮށް ނިމިފައި ނުވާ ކަމަށެވެ.
ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ އެ ބަލި ފެނުނު 24 އަހަރުގެ ދިވެހި ޒުވާނަކު މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފައި ކަމަށް އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާ މެލޭޝިއާއިން މާލެ އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވަރަށް ގަދައަށް ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން އެޑްމިޓްކުރި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ރާއްޖެއިން މެނިންގޮކޯކޮލް ފެނި އެކަކު މަރުވި އެވެ. އެފަހަރު ވެސް ކޮންޓެކްޓް ޓްރޭސިން ހަދައި، ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދިނެވެ.
އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ އެ ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ. އެ ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.
އެ ބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.
އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.
މެނިންގޮކޯކޮލް ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ.
މެނިންގޮކޯކޮލްގެ އިތުރު ކޭސްއެއް މިހާތަނަށް ނުފެންނަ ކަމަށް އެޗްޕީއޭއިން ބުނެފި މެނިންގޮކޯކޮލްގެ އިތުރު ކޭސްއެއް މިހާތަނަށް ނުފެންނަ ކަމަށް އެޗްޕީއޭއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ