ޔޫރަޕުގައި ހޯދި ތިން ރަން މެޑަލާއެކު ލައިބާ ތާރީޚުގެ ތެރެއަށް

'އަރުމީނިއާ ޔޫތު އޯޕަން 2025'ގެ ތިން ކެޓަގަރީން ހޯދި ރަން މެޑަލްއާއެކު ރާއްޖޭގެ އުންމީދީ ތަރި ލައިބާ އަޙްމަދު މަޙްލޫފް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. މިއީ ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ ޖޫނިއާ މުބާރާތެއްގެ ތިން ކެޓަގަރީއަކުން ދިވެހި އެތުލީޓަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިިދިޔަ އަހަރުވެސް ލައިބާ މި މުބާރާތުގައި ވާދަކުރިއެވެ. އެފަހަރު ލައިބާ ވަނީ ރިހި މެޑަލްއަކާއި ބްރޯންޒް މެޑަލްއެއް ހޯދާފައެވެ. މިއަހަރުގެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ފައިނަލުގައި ސައިޕްރަސްގެ އެއްވަނަ ކުޅުންތެރިޔާ އެމީލިއާ އާ ވާދަކޮށް 21-15، 21-11 އިންނެވެ. މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ލައިބާ-- ސިންގަލްސް ކުއާޓާގައި ލައިބާ ވާދަކުރީ ޖޯޖިޔާގެ އެއްވަނަ ރޭންކުގައި ހިމެނޭ ކުޅުންތެރިޔާ ޝަހުބާޒިއަން ބަލިކޮށްފައެވެ. އަދި ސެމީގައި އަރުމީނިއާގެ އެއްވަނަ ގަޔާނޭ ބަލިކޮށްގެންނެވެ. މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ސައިޕްރަސްގެ ޕެއާ އާ ވާދަކޮށް 21-11، 25-23 އިންނެވެ. މިކްސް ޑަބަލްސްގައި ލައިބާގެ ޕެއާއަކީ އަރުމީނިއާގެ އެރިކް އެވެ. ޑަބަލްސް ޗެމްޕިއަންކަން ހޯދި ލައިބާގެ ޕެއާ-- މީގެ އިތުރުން ޑަބަލްސް ޗެމްޕިއަންކަން ލައިބާގެ ޕެއާ ހޯދީ ފައިނަލުގައި ޖޯޖިއާ އާއި ސައިޕްރަސްގެ ޕެއާ އާ ވާދަކޮށް 21-11 އަދި 21-11 އިންނެވެ. މި އިވެންޓުގައި ލައިބާގެ ޕެއާއަކީ ސައިޕްރަސްގެ އެއްވަނަ އެމީލިއާ އެވެ. ބެޑްމިންޓަން ޔޫރަޕަކީ ޔުއެފާ ފަދައިން ޔޫރަޕްގައި ވެސް ބެޑްމިންޓަންގެ ހިންގާ އިދާރާއެވެ. މިއީ ޔޫރަޕް ކަލަންޑަރުގައި އެމީހުން ހުއްދަ ދީފައިވާ ބެޑްމިންޓަން މުބާރާތެއް ކަމަށްވާއިރު މި މުބާރާތް އިންތިޒާމު ކުރަނީ ބެޑްމިންޓަން ފެޑެރޭޝަން އޮފް އަރުމީނިއާއިންނެވެ. މި މުބާރާތުގައި އަރުމީނިއާ، ރާއްޖެ، ޖޯޖިއާ، ސައިޕްރަސް، ރަޝިއާ އަދި ޔޫކްރެއިންގެ 92 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ