ޑްރަގު ޓްރެފިކިންގެ ހަތަރު ދައުވާއެއް އޮތްއިރު އެދުނީ ޓެގު އަޅުވާފައި ދޫކޮށްލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ މައްޗަށް ޑްރަގު ޓްރެފިކިންގެ ހަތަރު ދައުވާއެއް އުފުލާފައިވަނިކޮށް، އޭނާ ޓެގް އަޅުވައި ދޫކޮށްދޭން އެދެން ނިންމައިފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ސ. މަރަދޫފޭދޫ ނަސީމީހިޔާ، އުމުރުން 46 އަހަރުގެ މުހައްމަދު ޝާނީޒެވެ. އޭނާގެ އިތުރުން މ. ސައިރިއަސް، އުމުރުން 39 އަހަރުގެ މުހައްމަދު ތިބާގާއި، ވ. ރަކީދޫ، ޖަންބުގޭ، އުމުރުން 35 އަހަރުގެ ފަރީދާ އަބްދުއްރަހުމާން ވެސް ހައްޔަރުކުރިއެވެ. ދޮޅު ކިލޯ މަސްތުވާތަކެއްޗާއެކު މި މީހުން ހައްޔަރުކުރީ، ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޔުނިޓުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާފަންނުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުއެވެ. މަސްތުވާތަކެތީގެ މައްސަލައިއެއްގައި ހައްޔަރުކުރި މުހައްމަދު ތިބާގާއި ފަރީދާ އަބްދުއްރަހްމާނާއި މުހައްމަދު ޝާނީޒް -- ފޮޓޯ/ ޕޮލިސް މީގެ ތެރެއިން ޝާނީޒުގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތި ޓްރެފިކު ކުރިކަމަށެވެ. މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުގައިވާ ގޮތުން ޝާނީޒުގެ މައްޗަށް ކުރެވޭ ތުހުމަތަކަށް އެކަށީގެންވާ މިންވަރަށް ހެކި ކޯޓަށް ހުށަހަޅާފައިވެއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި މި ވަގުތު މި މައްސަލަ އޮތީ ރެޖިސްޓްރޭޝަން މަރުހަލާގައެވެ. ޝާނީޒުގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ދައުލަތުން ކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު ދައުވާއަކީ ޑްރަގް ޓްރެފިކިންގެ ދައުވާތަކެވެ. މި މައްސަލަ ބައްލަވާނެ ސެކްޝަނެއް އަދި ކަނޑައެޅިފައި ނުވާތީއާއި، އޭނާގެ ފަރާތުން ޝަރުުތުކޮށް، ޓެގު އަޅުވައިދިނުމަށް އެދެން ބޭނުންވާތީ، މި ވަގުތަށް ޝަރީއަތް ނިމެންދެން ބަންދު ނުކުރުމަށް ވަކީލު އެދުނު ކަމަށް ކޯޓު އަމުރުގައިވެއެވެ. މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުމަކީ، އަދި އެ ފަދަ ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމަކީ ވެސް ކުށެކެވެ. ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކުކޮށްފި ނަމަ، އުމުރު ދުވަހަށް ޖަލަށްލުމާއެކު، 100،000އިން ފެށިގެން 10،000،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ ފަދަ ކަމެއްގައި ބައިވެރިވެއްޖެނަމަ، 18 އަހަރަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. https://sun.mv/206776 ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ ބަންދު' ޖަހައިފައި ތިބި މީހުން އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ޓެގް އަޅުވައި ދޫކުރުމުގެ މަސައްކަތް ފަށަން ޕީޖީ އޮފީހުން ނިންމީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އޭގެ ތެރެއިން މިހާރުދަނީ ޝަރުތު ކުރުމަށްފަހު ޓެގު އަޅުވައި، ބައެއް މީހުން ދޫކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ. ނަމަވެސް ބަންދަށް ލުއިނުދެވޭނެ މީހުންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ