ޕެރިސް (ޖޫން 9) - ވަރުގަދަ ކުޅުމެއް ދައްކައި، ދުނިޔޭގެ ރޭންކިން އެއް ވަނަ، އިޓަލީގެ ޖަނިކް ސިނާ ބަލިކޮށް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
މި މެޗުގައި، ސިނާ އަތުން ކުރި ހޯދަން އަލްކަރާޒް ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ދެ ސެޓު އަނބުރާލައި، ތިން ފަހަރެއްގެ މަތިން ޗެމްޕިއަންޝިޕް ޕޮއިންޓް ސަލާމަތްކޮށް ކުރިހޯދީ އަލްކަރާޒް އެވެ.
މިއީ، 2019 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލުގައި ރޮޖާ ފެޑެރާ އަތުން މޮޅުވިއިރު، ނޮވަކް ޖޮކޮވިޗް މެޗު ޕޮއިންޓު ސަލާމަތްކުރި ފަހުން، ގްރޭންޑް ސްލޭމް ފައިނަލެއްގައި މިކަން ފެނިގެންދިޔަ ފުރަތަމަ ފަހަރެެވެ.
ފްރެންޗް އޯޕަން ތާރީހުގައި އެންމެ ދިގު ދެމިގެންދިޔަ މި ފައިނަލު، ހަތަރު ގަޑިއިރާއި ބައި ވަންދެން ކުޅުނުއިރު، މެޗުގެ ސެޓުތައް ދިޔައީ، 4-6 6-7 (4-7) 6-4 7-6 (7-3) 7-6 (10-2) އިންނެވެ.
މިއީ، އަލްކަރާޒްގެ ކެރިއަރުގައި އޭނާ ހޯދި ފަސް ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. ފްރެންޗް އޯޕަން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މިިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލުގައި ޖަރުމަނުގައި، އަލެކްސަންޑަ ޒްވެރެވް ބަލިކޮށްފަ އެވެ.
ސިނާ، ފުރަތަަމަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކުރަން ކުރާ މަސައްކަތް ދިގުލައިދިޔައިރު، އަލްކަރާޒް މި ވަނީ، ކެރިއަރުގައި އަނެއްކާ ވެސް ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފަ އެެވެ.
ސިނާ ބުނީ، މަނާބޭހުގެ މައްސަލައެއްގައި، ތިން މަހުގެ އަދަބެއް ތަންފީޒުކޮށް އެނބުރި އައިސް މިއީ އޭނާ ކުޅުނު ދެ ވަނަ މުބާރާތް ކަމަށާއި ޖުމްލަކޮށް ހިތްހަމަޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް، "މިރޭ ނިދާނީ އެންމެ ހިތްހަަމަޖެހިގެންނޭ،" ނުބުނެވޭނެ ކަމަށެވެ.
ކޯޓް ފިލިޕޭގެ 15000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފްރެންޗް އޯޕަން ކާމިޔާބުކޮށް، އަލްކަރާޒް ބުނީ، ވަރުގަދަ ފައިނަލެއް ކުޅެގެން މޮޅުވުމުގެ ހިތްހަމަޖެހުމެއް އެބައޮތް ކަމަށެވެ. އަދި، ކުރިއަށް އޮތްތާގައި މި މުބާރާތުގެ ޗެމްޕިއަންކަން، ގިނަ ފަހަރުތަކެއް ހޯދާނެ ލެވަލެއްގައި ހުރި ސިނާގެ އަތުން މޮޅެއް ހޯދުނީ ވަރަށް އުނދަގުލުން ކަމަށް އަލްކަރާޒް ވަނީ ބުނެފަ އެވެ.
ވަރުގަދަ ފައިނަލަކުން ސިނާ ބަލިކޮށް އަލްކަރާޒް ފްރެންޗް އޯޕަން ތަށި ދިފާއުކޮށްފި ވަރުގަދަ ފައިނަލަކުން ސިނާ ބަލިކޮށް އަލްކަރާޒް ފްރެންޗް އޯޕަން ތަށި ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ