ޔުއެފާ ނޭޝަންސް ލީގު ފައިނަލުގައި އާދިއްތަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެންޕިއަން ސްޕެއިން އާއި ޕޯޗުގަލް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ޕޯޗުގަލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޖަރުމަނު ބަލިކުރުމަށްފަހު އެވެ. އަދި ސްޕެއިން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 5-4 ގެ ނަތީޖާއަކުން ފްރާންސް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އެވެ.
ޖަރުމަނުގެ ވެރިރަށް އެލިއަންޒް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްޕެއިނުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އެވެ.
ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޕޯޗުގަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނޫނޯ މެންޑޭސް އެވެ. މިއީ އެޓީމުގެ ފޯވާޑް ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ސްޕެއިނުން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ މިކެއިލް އޮޔަޒެބެލް އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ޕޯޗުގަލް އިން ފެށީ ދެބަދަލާއެކުގައެވެ. އަދި އެޓީމުން ދެވަނަ ފަހަަރަށް މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ފަހުހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މިމުބާރާތުގައި ކުޅުނު ނުވަ މެޗުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.
މިލަނޑާއެކު މެޗުގެ 90 މިނެޓުގެ ކުޅުންނިމި އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފުގެ ކުޅުން ވެސް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕޯޗުގަލް އިން އެޓީމުގެ ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، ސްޕެއިންގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-7 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. އަދި މިއީ ޕޯޗުގަލް އިން މިމުބާރާތުގެ ޗެންޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.
ޗެންޕިއަން ސްޕެއިން ބަލިކޮށް ޕޯޗުގަލް އިން ނޭޝަންސް ލީގު ދެވަނަ ފަހަރަށް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ