ޖިބްރީލް ޢަލައިހިއްސަލާމް ކުރެއްވެވި މިސުވާލަށް މާތް ﷲ ދެއްވެވި ޖަވާބު އެނގޭނަމަ ޢާއިލާގެ އެކަކުވެސް ނުބައިމަގުން ދާން ދޫކޮށެއް ނުލާނެ!

އެމީހަކުން ކުރާ ނުބައި ކަމެއް އެމީހަކަށް ކަމަށް ބަލައި އަޅައި ނުލަމުން ގޮސް އަނބިން، ފިރިން އަދި ދަރިންވެސް ކުރާ ނުބައި ކަންކަމަށް ބަސްނުބުނެ ތިބޭ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. މުޖުތަމަޢުގައި ފާފަތައް ކުރުމާއި ނުރަނގަޅު ކަންކަން ޢާންމުވަމުން މިހައި ބޮޑަށް މިދަނީ އެކަމުގެ ސަބަބުންނެވެ.
އެހެން ކަމުން މިޙަދީޘްފުޅަށް ވިސްނައިލާށެވެ! ބިރުވެތިވާށެވެ! އެމީހަކަށް ވެވުނު ވަރަކުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާކުރަން މަސައްކަތްކުރާށެވެ! މަސައްކަތް ފަށަންވީ އަމިއްލަ ޢާއިލާ އާއި ހަމައިންނެވެ. 
މުޖްތަމަޢުގައި ނުބައިކަންތައް ޢާއްމުވެ، ފެތުރިގެންގޮސް، އެކަންމަނާކުރުމުގައި އެންމެން ނުކުޅެދިއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމު ކޯފާ އެއް ފޮނުއްވަފާނެއެވެ. ޖާބިރު-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ރަށެއްގެ އަހުލުވެރިން ބަންޑުން ޖެއްސެވުމަށް މާތް ﷲ ޖިބްރީލް ޢަލައިހިއްސަލާމް އަށް އެންގެވިއެވެ. އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް ދެންނެވިއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އެރަށުގައި އިބަﷲ އަށް އެއްގޮތަކަށްވެސް އުރެދިފައިނުވާ ޞާލިޙް މީހަކު އެބަހުއްޓެވެ. ﷲ ވަޙީ ކުރެއްވިއެވެ. އެމީހާއިން ފަށްޓަވާށެވެ. އޭނާ  ދުވަހަކުވެސް ހެޔޮކަމަކަށް އަމުރުކޮށް މުންކަރާތެއް ނަހީއެއް ނުކުރެއެވެ". 
އުއްމުލްމުއިމިނީނަ ޒައިނަބު ބިންތި ޖަޙްޝް ގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ އަށް ދެންނެވީމެވެ. "ތިމަންމެންގެ ތެރޭގައި ޞާލިޙް ރަގަޅުމީހުން ތިއްބާ އަހަރުމެން ހަލާކުވެ ހިނގައިދާނެހެއްޔެވެ؟"، ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ. ނުބައިކަންތައް ގިނަވެއްޖެ ނަމައެވެ".
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ