ބީއެމްއެލްގެ އެކައުންޓުތަކުން ވާނުވާ ނޭނގި ފައިސާ ގެއްލޭ މައްސަލަ މަޖިލީހަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވާނުވާ ނޭނގި ގެއްލޭތީ އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް މި މައްސަަލަ ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހެޅި މި ކުއްލި މައްސަލައާއި ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރުމަށް ފެންނަ ކަމަށް 33 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފަވެ. އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް ހަތަރު މެންބަރަކު ވޯޓުދެއްވި އެވެ.
މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވައި މޮސްޓާ ވިދާޅުވީ މިހާރަކަށް އައިސް ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބައެއްގެ އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދާކަމަށެވެ. އަދި މިފަދަ ގިނަ މައްސަލަތައް ކުރިމަތިވަނީ ބީއެމްއެލްގައި ރައްކާކުރެވިފައި ހުންނަ އާންމުގެ ވަރަށް ހައްސާސް އަދި ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ފޯނުންނާއި އިންޓަނެޓުގެ މެދުވެރިކޮށްކަމަށް ވިދާޅުވި އެވެ.
“ބުރަ މަސައްކަތުން އާއްމުން ގުލާނުކޮށްގެން ހޯދާ ލާރިކޮޅު ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލުމާއެކު އެ މައްސަލަ ބީއެމްއެލް އަށާއި ފުލުހުންނަށް ހުށަހެޅި ނަމަވެސް، އެ ގެއްލުނު ފައިސާ ލިބޭނެ ގޮތެއް ނުވުމުގެ އިތުރުން އެކަން ރިޕޯޓު ކުރުމުގެ ސަބަބުން ގިނަގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ،” އޭނަ ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކުގައި އެހެން ބޭންކުތަކުގައި ކުރިމަތިނުވާކަމަށް ފާހަގަކޮށް މޮސްޓާ ވިދާޅުވީ މި ތުހުމަތުގެ އިނގިލިތައް އަމާޒު ވަނީ ބީއެމްއެލްއަށް އެކަނިކަމަށެވެ. އަދި ސްކޭމް ކޯލްތަކާއި، އިންޓަނެޓު ލިންކު މެދުވެރިކޮށް  އިޔާދަނުކުރެވޭފަދަ ބޮޑެތި މާލީ ގެއްލުންތައްވެސް ލިބެމުންދަނީ ބީއެމްއެލްގެ ކަސްޓަމަރުންނަށް އެކަނިކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ