އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ހުކުމް ކޮށްފި އެވެ.
މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމުގައި ވިދާޅުވީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނާ ބުނުމަކީ އިލެކްޝަންސް ކޮމިޝަންގެ އިދާރީ އޮޅުމެއްކަން އެނގެން އޮންނަކަން ހުށަހެޅި ކަންކަމުން އެނގެން އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވެސް އަމްޖަދުގެ ނަން އޮތް ކަމަށް، އޭނާގެ ވަކީލް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވާތީ ހުކުމުގައި ބުނެފައި ވަނީ އެ ލިސްޓުގައި ނަން އޮތް ނަމަވެސް އޭރު ވެސް އަމްޖަދު އޮތީ އިލެކްޝަންސްގެ ދަފްތަރުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައިކަން އެނގެން އޮންނަ ކަމަށެވެ. އަދި މި އިދާރީ އުނިކަން ފިލުވައި އިލެކްޝަންސް އިން އެކަން އަންގާފައިވާކަން ފާހަގަކުރެއްވި އެވެ.
މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް ކުރެއްވީ މި ކަންކަމުގެ އިތުރުން، ކޯޓެއްގެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތުމާ ގުޅޭ ގޮތުން ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ބައެއް ނިންމުންތަކަށް ރިއާޔަތްކުރައްވަ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެކަމަކު ނަޝީދުގެ ފެކްޝަނުން ބުނަމުން ދަނީ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށް، ނަޝީދަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ޕާޓީން ވަކިކޮށްފައި ވާތީ ޕްރައިމަރީ ސައްހަ ނުވާނެ ކަމަށެވެ. މިއީ އެކަމާ ގުޅުވައިގެން ކުރި ދައުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ