ކޯލިޝަން މަޝްވަރާއަށް ރައީސާއި މައުމޫން ބައްދަލުކުރައްވަނީ
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއުވާން މިއަދު "ސަން"އަށް ވިދާޅުވީ މައުމޫނާއި ރައީސް ޞާލިޙް މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމަކުރައްވައިފައެއް ނުވެއެވެ. ރައީސްގެ ވިސްނުންފުޅަކީ މި އަހަރުގެ އިންތިޚާބުގައި ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކާ އެކު ވާދަކުރުމެވެ. އެހެންވެ، މިހާރު ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ތިބި ޕާޓީތަކަށް އެ މަނިކުފާނު ވަނީ ދައުވަތު ފޮނުއްވައިފައެވެ. އެ ކަމާ ގުޅިގެން މައުމޫންގެ އެމްއާރްއެމުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމައިފައެއް ނުވެއެވެ. އެ މަނިކުފާނުގެ ދައުވަތާ ގުޅިގެން މީގެ ކުރިން އެމްއާރްއެމުން ބުނެފައިވަނީ އެ ކަމާ މެދު ގޮތެއް ނިންމަވާނީ މައުމޫން ރާއްޖެ ވަޑައިގެންނެވުމުން ކަމަށެވެ. ދެ މަހެއްހާ ދުވަހު، ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު، އެ މަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ރައީސާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައިވަނީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނާއި ކުރިން އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އަދި، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙާ އެކު ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މި އިންތިޚާބުގައި ޖޭޕީއާ އެކު މަސައްކަތް ކުރުމަށް އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ