ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްއެންޕީން ކެންޑިޑޭޓެއް ނެރެނީ

ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކ. ގުރައިދޫ ދާއިރާ ގޮނޑިއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރަން ނިންމައި، އެ ޕާޓީގެ ޓިކެޓުގައި ބައި އިލެކްޝަނުގައި ވާދަކުރަން ޝައުގުވެރިވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, ފެބްރުއަރީ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15 ގައި ބާއްވަން ނިންމާފައިވާއިރު، މިދިޔަ ފެބްރުއަރީ 27 ގައި ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެމްއެންޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ޓިކެޓުގައި ބައި-އިލެކްޝަނުގައި ވާދަކުރަން ޝައުގުވެރިވާ ކެންޑިޑޭޓުން މި މަހުގެ 7ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނައިން ފޯމު ހުށަހަޅައިފި ހާލަތެއްގައި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މާޗް 10 ގައި ކަމަށްވެސް ބުންޏެވެ.
ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރާން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ހަތަރު މީހަކު ވާދަކުރެ އެވެ. އެ ޕްރައިމަރީ އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ