ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ޝާޒް ކާމިޔާބުކޮށްފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް، އިބްރާޙީމް ޝާޒް ކުރި ހޯދައިފިއެވެ.
މި އިންތިޚާބުގައި ދެން ވާދަކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރި އަލީ އާރިފް އެވެ.
މިހާތަނަށް ސާފުވި ވަގުތީ ނަތީޖާ އަށް ބަލާއިރު ޝާޒް އާއި އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ހުސައިން އާއި ދެމެދު 114 ވޯޓުގެ ފަރަގެއް ހުރިކަމަށް ދައްކައެވެ. މިގޮތުން ޝާޒަށް 1340 ވޯޓު ލިބިވަޑައިގެންއިރު ހުސެން އަށް ލިބުނީ 1226 ވޯޓެވެ. ނަމަވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި ވަގުތީ ނަތީޖާ ރަސްމީކޮށް ޢިއުލާނެއް ނުކުރެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި މީގެކުރިން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިނުވާއިރު، ޝާޒް މި ގޮނޑި ކާމިޔާބު ކުރެއްވުމުން މަޖިލީހުގައި އެމްޑީޕީގެ ތަމްސީލް ކުރާ މެންބަރުންގެ ޢަދަދު ވަނީ 68 އަށް އުފުލިފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ މެލޭޝިޔާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ