ފަސް އަހަރު ނިމެންދެން ބްރިޖުގެ ވާހަކަ ނުދައްކާ: މެމްބަރު އީސަ

ވެރިކަމުގެ ފަސް އަހަރު ނިމެންދެން ބްރިޖުގެ ވާހަކަ ނުދެއްކުމަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު އީސަ އެދިވަޑައިގެންފިއެވެ.
މެމްބަރު އީސަ މިކަމަށް އެދިވަޑައިގަތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގައުމީ ސަލާމަތާ ބެހޭ ބިލަށް ބަހުސްކުރައްވަމުންނެވެ.
އީސަ ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރުމަށް ކަމަށާއި އެހެންކަމުން ތިލަމާލޭ ބުރިޖް ނޭޅިގެން އެކަމާ އިދިކޮޅު މެމްބަރުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހަމައެކަނި ކުރެވުނު މަސައްކަތަކީ އެންމެ ބުރިޖެއްގެ މަސައްކަތްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ރައްޔިތުން ތިބީ މީގެ ކުރިން ނަޖިސް ފެނުން ފެން ވަރައިގެން ކަމަށެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ރައްޔިތުންގެ މުދަލާއި ފައިސާއިން ވައްކަން ކުރީ ބެލުމެއް ނެތި ކަމަށާއި ހިނގަމުން ދަނީވެސް އެމަނިކުފާނުގެ ކޮރަޕްޝަންގެ މައްސަލަކަން މެމްބަރު އީސަ ފާހަގަކުރެއްވިއެވެ.
އަދި ރައީސް ޔާމީން އަބަދުވެސް ދައްކަވަނީ ފައިސާގެ ވާހަކަ ކަމަށާއި ރައްޔިތުން މިހާރު އިދިކޮޅަށް ވެރިކަންދޭން ރައްޔިތުން ފޫހިވެއްޖެ ކަމަށްވެސް އީސަ ވިދާޅުވިއެވެ.
އީސަ ވަނީ އިދިކޮޅުގެ ލީޑަރޝިޕް ބަދަލުކޮށްގެން ނޫނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް- ޕީއެންސީ ދެމި ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ