ގުދުރަތީ މާހައުލުގެ ޑޮކިއުމެންޓްރީތަކުގެ 'ރަން އަޑު'، ޑޭވިޑް އެޓެންބޮރޯއަށް 100 އަހަރު
ތިމާވެއްްޓާއި ޖަނަވާރުންނާ ގުޅޭ ގިނަ ޑޮކިއުމެންޓްރީތައް ހުށަހެޅުމަށް މަޝްހޫރު، އިނގިރޭސިވިލާތަށް އުފަން ޑޭވިޑް އެޓެންބޮރޯއަށް 100 އަހަރު ފުރިއްޖެއެވެ. މުޅި ދުނިޔެއަށް ވެސް މަޝްހޫރު އެޓެންބޮރޯއަށް އިއްޔެ 100 އަހަރު ފުރުން، އިނގިރޭސިވިލާތާއި އެހެން ގައުމުތަކުގައި ވެސް ވަނީ ފާހަގަކޮށްފައެވެ. އިނގިރޭސި ރަސްގެފާނު ޗާލްސް ވެސް ވަނީ އުފަންދުވަހުގެ ތަހުނިޔާގެ މެސެޖް އޭނާއަށް ފޮނުއްވާފައެވެ. މީގެ އިތުރުން ސައިންސުވެރިން ވަނީ އަލަށް ހޯދުނު ކުޅަނދުރުގެ ވައްތަރަކަށް އެޓެންބޮރޯއާ ގުޅުވައި ނަން ވެސް ދީފައެވެ. ގުދުރަތީ މާހައުލަށް އެޓެންބޮރޯގެ ޝައުގުވެރިކަން އުފެދުނީ ކުޑައިރު ކަމަށްވާއިރު އޭނާ ވަނީ ކެމްބްރިޖްގެ ކްލޭއާ ކޮލެޖުން ނެޗުރަލް ސައިންސަސްގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައެވެ. އެޓެންބޮރޯ ބީބީސީއާ ގުޅުނީ 1947އިން 1949 އަށް ރޯޔަލް ނޭވީގައި ޚިދުމަތް ކުރުމަށްފަހުގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެޓެންބޮރޯގެ ދަތްތައް ޓީވީއަށް ފެންނަ ގޮތް މާ ބޮޑު ކަމަށް ބަލައި، ބީބީސީގެ ވެރިންނަށް ފުރަތަމަ އޭނާ އެހާ ކަމަކު ނުދިޔައެވެ. ނަމަވެސް، 1954 ވަނަ އަހަރު އެޓެންބޮރޯއާއެކު ޒޫ ކުއެސްޓް ސީރީޒް ލޯންޗުކޮށް، 70 އަހަރަށް ވުރެ ދިގު މުއްދަތަަކަށް އެ ޕްރޮގްރާމް ބްރޯޑްކާސްޓްކޮށްފައިވެއެވެ. ޑޭވިޑަށް އިއްޔެ ވަނީ 100 އަހަރު ފުރިފައި. ފޮޓޯ/ބީބީސީ އެ ޕްރޮގްރާމްތަކުގައި އެޓެންބޮރޯ ވަނީ ދިރޭ ތަކެއްޗާ ގުޅޭ ޝައުގުވެރި އެތައް ވާހަކަައެއް ގެނެސްދީފައެވެ. ބީބީސީ ޓޫގެ ކޮންޓްރޯލަރެއްގެ ގޮތުގައި 1965 ވަނަ އަހަރު އޭނާ ވަނީ އިނގިރޭސިވިލާތަށް ކުލަ ޓީވީ ތައާރަފްކޮށްފައެވެ. ފަހުން އެޓެންބޮރޯ ހުރީ ބީބީސީގެ ދެ ޓީވީ ޗެނަލް ވެސް ބެލެހެއްޓި ޑިރެކްޓާ އޮފް ޕްރޮގްރާމްސްގެ މަގާމުގައެވެ. އެ މަގާމުގައި ހުރި ނަމަވެސް މެދުކެނޑުމަކަށްފަހު 1973 ވަނަ އަހަރު އޭނާ އަނެއްކާވެސް ވަނީ ޕްރޮގްރާމްތައް ހަދަން ފަށާފައެވެ. އޭރު ގެނެސްދިން ޑޮކިއުމެންޓްރީތަކުގެ ތެރޭގައި 1979 ވަަނަ އަހަރު ގެނެސްދިން "އޮން އާތް" އާއި 1984 ވަނަ އަހަރު ގެނެސްދިން "ދަ ލިވިން ޕްލެނެޓް" އަދި 1990 ވަނަ އަހަރު ގެނެސްދިން "ދަ ޓްރައިއަލްސް އޮފް ލައިފް" ފަދަ މަޝްހޫރު ޑޮކިއުމެންޓްރީތައް ހިމެނެއެެވެ. އެޓެންބޮރޯގެ ވާހަކަ ކިޔައިދިނުން އިތުރަށް ފުޅާ ދާއިރާއެއްގައި ބެލުންތެރިންނާ ހަމައަށް ފޯރާފައިވަނީ 2001 ވަނަ އަހަރު ގެނެސްދިން "ދަ ބްލޫ ޕްލެނެޓް" އާއި 2002 ވަނަ އަހަރު ގެނެސްދިން "ދަ ލައިފް އޮފް މެމަލްސް"އިންނެވެ. އަދި 2006 ވަނަ އަހަރު ގެނެސްދިން "ޕްލެނެޓް އާތް" އާއި 2016 ވަނަ އަހަރު ގެނެސްދިން "ޕްލެނެޓް އާތް 2"އަށް ވެސް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެޓެންބޮރޯ ވަނީ، ގުދުރަތީ ތަންތަން ހިމާޔަތްކޮށް އެ ތަންތަނަށް އިހްތިރާމްކުރުމުގެ މައްޗަށް އަލިއަޅުވާލައި، އެ ކަންކަމަށް ބާރުއަޅައިފައެވެ. އެގޮތުން 2000 ވަނަ އަަހަރު ގެނެސްދިން "ސްޓޭޓް އޮފް ދަ ޕްލެނެޓް" އާއި 2006 ވަނަ އަހަރު ގެނެސްދިން "އާ ވީ ޗޭންޖިން ޕްލެނެޓް އާތް" ފަދަ ސީރީޒްތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމުގެ މައުޟޫއަށް ވަނީ އަލިއަޅުވާލާފައެވެ. އެޓެންބޮރޯއަށް 100 އަހަރު ފުރުނު ނަމަވެސް، ދުނިޔެއާ މެދު އޮތް ޝައުގުވެރިކަމާއި އެކަން ހިއްސާ ކުރުމަށް އޮތް ޝައުގުވެރިކަން ވެސް ފަނޑުނުވާ ކަމަށް ގިނަ ބަޔަނު ބުނެއެވެ. އެޓެންބޮރޯ 1950ވަނަ އަހަރު އެލިޒަބަތް އެބްސްވޯތް އޯރިއަލްއާ ކައިވެނިކޮށްފައިވާއިރު، އެ ދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ