ރޭޕް ކުރުން ފަދަ ކުށްކުރާ މީހުންނަށް މާފް ނުލިބޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ: އަހުމަދު އަބްދުﷲ

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމާއި އަދި ރޭޕްކުރުން ފަދަ ކުށްތައް ކުރާ މީހުންނަށް މާފް ނުލިބޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ. 
ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ދެ ދިވެއްސަކު ވެގެން ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައަށް ވާހަކަ ދައްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބްކަން ވެސް ކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހުން މުޖުތަމައު ތެރެއަށް ދޭކޮށްލެވިގެންދާ ވާހަކަ އިތުރުވެފައިވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 
އަހުމަދު ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނާ ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވޭނީ ޖިންސީ ގޯނާ ކުރާ މީހުންނާއި ރޭޕްކުރާ މީހުންނަށް ދޭން ޖެހޭ ހައްގު އަދަބު ދީގެން ކަމަށާއި އެ ނޫން ގޮތަކަށް މިފަދަ މައްސަލަތައް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖިންސީ ގޯނާކުރާ މީހުންނާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަންނަ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބުދީ އެ މީހުންނަށް މާފް ނުދެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ. 
އަހުމަދު އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ އަދި ރޭޕްގެ މައްސަލަތައް ގިނަވެގެން ދިއުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އަންހެނުންނާއި ކުޑަކުދިން މިފަދަ ނުބައި އަމަލުތައް ހިންގާ މީހުންގެ ކިބައިން ސަލާމަތް ކުރުމަށް މިފަދަ މައްސަލަތައް ފުރިހަމައަށް ތަހުގީގުކޮށް ހައްގު އަދަބް ދިނުމަށް އޭނާ ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ