”ބޮޑު ބަދަލު“ ގެ ބޭނުމަކީ ރައްޔިތުންނަށް އަލުން ހައްގުތަށް ހޯދައިދިނުންކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލު ކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ކެމްޕެއިނަށް ލަންކާއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގަ އެވެ. ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި މި ބައްދަލުވުމުގައި، ރައީސް ނަޝީދާއި އެކު ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގަތެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ހަގީގީ ކުރިއެރުމަކީ ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވެ މިނިވަންކަން މަތީ ތިބުން ކަމަށެވެ. އަދި ހާއްސަކޮށް ގާނޫނުއަސާސީ ކަށަވަރުކޮށްދޭ ހައްގުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ލިބެންޖެހޭކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެ، މިނިވަންކަމާއި ތަރައްގީއަށް ހުރަސްއެޅެމުންދާކަމަށެވެ.
ރައީސް ނަޝީދު ވަނީ މީގެ އަހަރުތަކެއް ކުރިން އީވާން ނަސީމް ޖަލުގައި މަރާލުމާ ގުޅިގެން މާލޭގައި ހިނގި ހަމަނުޖެހުންތަކާއި، އެމްޑީޕީ އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ކޮޅުނބަކީ ދިވެހިން ތައުލީމާއި ބޭސްފަރުވާއަށް އަންނަ މުހިންމު މަންޒިލަކަށް ވީއިރު، އެމްޑީޕީގެ ފުރަތަމަ އޮފީހާއި ކައުންސިލްވެސް އުފެދުނީ ލަންކާގައި ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލަންކާގައި ތިބި ދިވެހިންނަށް ބިރުދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެމަނިކުފާނު މީގެ ދުވަަސްތަކެއް ކުރިން ލަންކާއަށް ކުރި ދަތުރުފުޅުގައި ބައްދަލުވުމަށް ވަޑައިނުގެންނެވި ދިވެހިންގެ ބަޔަކަށް ބިރު ދެއްކިކަމުގެ ތުހުމަތު ކުރެއްވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލުވި ގޮތަށް، ރައީސް މުއިއްޒުވެސް ވެރިކަމުން ބޭލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފާއިތުވި އަށާރަ އަހަރު ތެރޭގައި ގާނޫނުއަސާސީގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމާއި، އާސަންދަ، ޕެންޝަން އަދި ހިލޭ މަތީ ތައުލީމު ފަދަ އިޖުތިމާއީ ރައްކާތެރިކަން ހިމެނުނު ނަމަވެސް، މިހާރު ތަކެތީގެ އަގުބޮޑުވެ، ފިހާރަތަކުން މުދާ ހުސްވަމުންދާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައިކަމަށް ވިދާޅުވި އެވެ.
މައުމޫން ވެރިކަން ވެސް ބަދަލު ކުރި ގޮތަށް، މި ވެރިކަން ވެސް ބަދަލު ކުރާނަން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ