ހެޔޮލަފާ ކަމުގަ ނަމޫނާ އަންތބެއްގެ ވާހަކައާ އަނބިމީހާ ނޫން އަންހެނަކަށް ބަލައިވެސް ނުލާ ދިރިއުޅުމުން ބޮޑު ތަނަވަސްކަމެއް ލިބުނު މީހެއްގެ ވާހަކަ-

އަޅުގަނޑަކީ ކުޑަވަރެއްގެ ފިހާރައެއް ހިންގާ މީހަކީމެވެ. ލިބޭ އާމަދަނީން ދިރިއުޅެވެނީ ހަމަކިރިޔާއެވެ. އެވަރަށްވެސް ފުދެނީ އަނބިމީހާގެ ރަނގަޅުކަމުންނެވެ. ލިބޭ އެއްޗަކުން ހަމަޖައްސައިގެން ކަންކަން ކުރާތީއެވެ. މިބުނަނީ ލިބޭ މިންވަރުން ފުއްދަން މަސައްކަތްކުރާތީއެވެ.  
މިހެންއުޅުމުގެ ތެރޭގައި ބައްދަލުވި އެކުވެރިއަކު ދަރަންޏަށް މުދައުކޮޅެއް ދިނެވެ. އެމުދައުކޮޅު ދަރަންޏަށް ނެތީ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. އެއިގެ ތެރެއިން ބައެއް ބާވަތްތައް ވިކެނީ ވަރަށް ލަހުންނެވެ. އެހެންވެ އެއްބަސްވި މުއްދަތުގައި އަގުއަދާކުރެވޭނެ ގޮތެއް ނުވިއެވެ.  
މުދައުދިން އެކުވެރިޔާގެ އުނދަގޫބޮޑުވެ ދެން ހަދާނެ ގޮތެއް ނެތުމުން ވިސްނަން ފިހާރައިގައި އިންދައި އަނބިމީހާއަށް ފެނުމުން އެހައި ބޮޑަށް ކަންބޮޑުވެގެން އިންސަބަބާއިމެދު ސުވާލުކުރުމުން އަނބިމީހާ ފުރތަމަ އައީ ރުޅިއެވެ. އެއީ ދަރަނިވެރިނުވުމަށް އަބަދުވެސް އަހުރެންނަށް ނަޞީޙަތްދޭއިރުވެސް ދަރަންޏަށް އެއްޗެތި ނެގީތީއެވެ.  
ޒުވާބެއް ނުކުރެއެވެ. އަނގައިން ނުބުނެ ހުރެފައި ނުކުމެގެން ދިއައީއެވެ. ގަޑިއެއްހާއިއރު ފަހުން އެނބުރި އައިސް ދަރަނި އަދާކުރެވޭވަރަށް އަތަށް ފައިސާދީފައި ބުންޏެވެ. "އަވަހަށް ދަރަނިއަދާކުރާށެވެ! އަހުރެން ފައިސާ ހޯދި ގޮތާއިމެދު ކަންބޮޑުނުވާށެވެ! ދަރަންޏަކަށް ނުނަގަމެވެ. ޒުހައިރާއަތުގައި އަހުރެންގެ ގަހަނާތައް ބަހައްޓާފައި ފައިސާކޮޅެއް ހޯދީއެވެ. އެކަމަކު ވިސްނާށެވެ! އިތުރަށް ހޯދޭނެ ގޮތެއް ނެތެވެ. އިތުރަށް ދަރަނިވެރިނުވާށެވެ. އަހުރެންނަށް ނުއަންގައި މިބާވަތުގެ ކަންކަން ނުކުރާށެވެ!" އަހުރެން ހަމަ އެދުވަހު ދަރަނިއަދާކުރީމެވެ.  
ދެން ކަންތައްވީގޮތް އެނގޭހެއްޔެވެ؟ ކުރިން ނުވިކިފައި ހުރި ތަކެތި ވިކެންފަށައިފިއެވެ. 10 ވަރަކަށް ދުވަހުގެ ތެރޭގައި ހުރިހާ އެއްޗެއް ވިކިހުސްވެއްޖެއެވެ. ފައިސާ ލިބުމުން އަނބިމީހާއަށް ދީފައި ގަހަނާތައް އަނބުރާ ގެންނަން ބުނީމެވެ.  
އަނެއްދުވަހު ހެނދުނު ސައިބޯން އިނދެފައި ތެދުވެގެން ގޮސް ކުޑަ ކޮތަޅެއް ހިފައިގެން އައިސް މޭޒުމަތީގައި ބާއްވާފައި ބުންޏެވެ. ގަހަނާކޮޅު ގެނެސްފީމެވެ. ތިއޮތީ ޒުހައިރާ ދިން އެއްލަކަ ރުފިޔާއެވެ. ބުނީ އަތުގައި ބަހައްޓައިގެން ވިސްނުންތެރިކަމާއިއެކު ބޭނުންކުރުމަށެވެ. ތަނަވަސްކަން އިތުރުވުމުން އަނބުރައި ދިނުމަށެވެ. ދިން ޢަދަދަށްވުރެ އިތުރަށް އެއްވެސް ފައިސާއެއް ބޭނުން ނޫން ކަމަށެވެ.  
އެއީ މީގެ 3 އަހަރުކުރިއެވެ. މިއަދު އަހުރެންގެ ފިހާރައަކީ ކުޑަފިހާރައެއް ނޫނެވެ. ބޮޑު ފިހާރައެކެވެ. ލިބޭ ނަފާއިން ދެމަފިރިންނާއި 3 ދަރިންނަށް ފުދިގެން އުފާވެރިކަމުގައި އުޅެލެވޭވަރުވެއެވެ. ޒުހައިރާ ދިން ފައިސާ އަނބުރާ ދެވިއްޖެއެވެ. އެކަމަކު އަނބުރާ ދެއްކުމުގައި ފަރުވާތެރިވީވަރަށް ބަލައި ބުނެފައި އޮތީ ބޭނުންވެއްޖެ ނަމަ އަދިވެސް އެހީތެރިވާނެ ކަމަށެވެ.  
އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހަށް ޙިއްޞާ މިކުރީ ދެބޭނުމަކުއެވެ. އެއީ އަޅުގަނޑުގެ އަނބިމީހާގެ ރަނގަޅު ކަމެވެ. ފިރިމީހާއަށް ލިބޭމިންވަރުން ފުއްދައިގެން އުޅުމާއި ކަމެއް ކުރިމަތިވެއްޖެނަމަ އެއްބާރުލުން ދިނުމުގައި ނަމޫނާ އަންތބެއްކަން މިއޮތީ ފެންނާށެވެ.  
ހަމައެއާއިއެކު އިތުރު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ކައިވެނިކުރުމުގެ ފަހަކުން ނޫނެވެ. ލޯބިވެގެން އުޅެން ފެށީންސުރެ ކަތިގޮތަކަށް ހިލޭ އަންހެނަކަށް ބަލައިވެސް ނުލަމެވެ. މިމިންވަރަށް ތަނަވަސްކަން ލިބުމުންވެސް މެއެވެ.  
ދެން ފާހަގަކޮށްލަން ބޭނުންވަނީ ދެމަފިރިން ލޯބިން އުޅުމުގެ ފައިދާއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގެ ފައިދާއެވެ. އެއިރުން ﷲ ލައްވަވާ ރަޙްމަތުގެ ބޮޑުކަމެވެ. ފިހާރައިގައި ނުވިކި ހުރި މުދައުކޮޅު އެހާފަސޭހައިން ވިކުނުކަން އެއީ ލެއްވެވި ކިހައި ބޮޑު ރަޙްމަތެއްކަން އަބަދުވެސް ހަނދާންކުރަމެވެ.
 
- ޝަރީފް / މިއަދުނޫހުގެ ކިޔުންތެރިއެއް  
- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ