ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުވުމުގެ ފަސް އަހަރުގެ މަގުޗާޓު އިފުތިތާހުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އެކި ދާއިރާތަކުގައި ކަށަވަރުކުރުމަށް އެކުލަވާލި ގައުމީ މަގުޗާޓު މިއަދު އިފުތިތާހުކޮށްފިއެވެ. މި އަހަރުން ފެށިގެން 2030ވަނަ އަހަރުގެ ނިޔަލަށް ތަންފީޒުކުރާ އެ މަގުޗާޓު އިފުތިތާހުކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ. ސޯޝަލް މިނިސްޓްރީން ބުނީ، މި މަގުޗާޓު އެކުލަވާލުމުގައި އެކި ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން ލިބުނު ކަމަށެވެ. މި މަގުޗާޓުގެ އަލީގައި ފަސް ދާއިރާއަކުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ދާއިރާތަކުގެ ތެރޭގައި، ތައުލީމާއި ވަޒީފާގެ މައިދާން ހިމެނެއެވެ. އަދި މާލެއާއި ރަށްރަށުގައި ހުންނަ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށް، އިމާރާތްތަކަށް ވަދެ ނިކުތުމުގައި ހުރި ދަތިތައް ނައްތާލުމުގެ މަސައްކަތް ވެސް އެ މަގުޗާޓުގައި ހިމެނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރާ ޕްރޮގްރާމް ހިންގުން: ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުވުމުގެ ފަސް އަހަރުގެ މަގުޗާޓެއް ވަނީ އިފުތިތާހުކޮށްފައި -- ފޮޓޯ/ ސޯޝަލް މިނިސްޓްރީ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޯޝަލް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ 300އަށް ވުރެ ގިނަ ވަޒީފާ ހޯދައިދެވިފައިވާ ކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެ ފަރާތްތަކުގެ ޝާމިލުވުން އިތުރުކުރުމަށް ކަމަށެވެ. މިދިޔަ މަހު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ކުޑަކުދިންނާއި މީހުންގެ އަދަދު 15،059އަށް އަރައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެންދުތެރިކަން ހުންނަ މީހުންނެވެ. އެއީ 4،223އެވެ. އެ ދަފުތަރުގައި ހިމެނޭ އިތުރު މީހުންގެ ތެރޭގައި: މަލްޓިޕަލް ޑިސްއެބިލިިޓީ: 3،336 މީހުން ނަފުސާނީ ނުކުޅެދުންތެރިކަން: 2،116 މީހުން ވިސްނުމުގެ/ ސިކުނޑީގެ ނުކުޅެދުންތެރިކަން: 1،871 މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެންމެ އާންމުކޮށް ދައުލަތުގެ އެހީގައި ދޭ ތެރަޕިއުޓިކް ފަރުވާގެ ތެރޭގައި ބިހޭވިއާ ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗް ތެރަޕީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ