މިދިޔަ ދެ ރިޔާސީ ބަޔާނުން %90 ފުރިހަމަނުކުރޭ، މި ވީ ގޮތް ރައީސް ސާފުކޮށްދޭން ޖެހޭ: އެމްޑީޕީ

މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ދެއްވި ދެ ރިޔާސީ ބަޔާނުގައި އިއްވެވި ކަންކަމުގެ %90 ފުރިހަމަނުކުރެވޭ ކަމަށާއި މާދަމާ ބާއްވާ ރިޔާސީ ބަޔާނުގައި އެ ކަންކަން ފުރިހަމަ ނުކުރެއްވި ސަބަބު ރައީސް ސާފުކޮށްދެއްވުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
ވީކިހިނެއް؟ - ރައީސް މުއިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ. އެހެންވެ އެކަމާ ގުޅިގެން އިދިކޮޅު ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރީ މިދިޔަ ދެ ރިޔާސީ ބަޔާނުގައި ރައީސް ވެވަޑައިގެންނެވި ވައުދުތަކެވެ. އެއިން ބައެއް ވައުދުތައް އެމަނިކުފާނު ވިދާޅުވާ މަންޒަރުގެ ވީޑިއޯ ވެސް އެޅުވި އެވެ.
ތަފްސީލް - އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވިދާޅުވީ މިދިޔަ ތިން އަހަރު ބަޖެޓުގެ ގޮތުގައި ޖުމުލަ 174 ބިލިއަން ރުފިޔާ މި ސަރުކާރާ ހަވާލުކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރު އެކަނި ވެސް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް އެ ހުރިހާ ފައިސާއެއް ހުސްކޮށް އޭގެ އިތުރަށް ދަރަނި ވެސް ނަގައިގެން އަހަރު ނިމުނު އިރު ގިނަ ކަންކަން ނުވާކަން ފެންނަން އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި ވަރަށް ފައިސާ ހަރަދުކުރާއިރު މަޝްރޫއުތައް މަޑުޖެހި، ރައްޔިތުންނާއި އިގުތިސޯދަށް ރަނގަޅު އަސަރެއް ކުރާ ތަނެއް ނުފެންނަ ކަމަށް ގަފޫރު ވިދާޅުވި އެވެ.
"ދެ ގަޑިއިރެއްހާ ދިގުކޮށް ރިޔާސީ ބަޔާން ގެންދިޔައިރު އެތައް ކަމަށް ވައުދުވެވަޑައިގެން ނިންމެވީ. [ނަމަވެސް] 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ %90 ކަންތައް ހުރީ ނުނިމި. އެ އަހަރުގެ ހުރިހާ ފައިސާއެއް ހުސްކޮށް ކޮންމެ ވެސް ވަރަކަށް ދައުލަތް ދަރައިގެން އެ އަހަރު ނިމުނީ،" ގަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާ އިއްވަވާ ރިޔާސީ ބަޔާނުގައި ރައީސް އެންމެ ފުރަތަމަ ވެސް ފާހަގަކުރައްވަން ޖެހޭނީ ދައުލަތުގެ ފައިސާއަށް ވަމުންދާ ގޮތާއި، ވައުދުތައް ނުފުއްދުނު ސަބަބުތައް ކަމަށެވެ.
"އެއް އަހަރުގެ ރިޔާސީ ބަޔާނުގައި ކޮށްދެއްވަން ވިދާޅުވި ކަންކަން ކޮށްނުދެވުނީމާ އަނެއް އަހަރުގެ ރިޔާސީ ބަޔާނުގައި އެ ކަންކަން ކޮށްނުދެވުނީ ކީއްވެގެންކަން ވިދާޅުވާން ޖެހޭނެ. ސާފުކޮށް ވިދާޅުވާން ޖެހޭނެ،" ގަފޫރު ވިދާޅުވި އެވެ.
މިދިޔަ ދެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އަދި ނުކުރެއްވި ކަމަށް، އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ބައެއް ކަންކަން:
ޑޮލަރުގެ އަގު އުފުލަ ނުދީ، ދިވެހި ރުފިޔާގެ އަގު ބާޒާރުގައި ހިފެހެއްޓުން
ވައިޓް ބޮޑީ އެއާކްރާފްޓެއް ގެނެސް ޔޫރަޕްގެ ބައެއް މަންޒިލްތަކަށް އުދެހުން
ގައުމީ އުފެއްދުންތެރިން އެންމެ ދަށް ވެގެން %7ގައި އިތުރުވާނެ
ސަރުކާރު ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކަކަށް ބަދަލުކުރުން
އިގުތިސޯދަށް ގެއްލުންވާނެތީ ފައިސާ ޗާޕުނުކުރުން
ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫއުތައް ޖެހިގެން އަންނަ މަސްތަކުގައި ފަށައި ގިނަ މަޝްރޫއުތައް ނިންމުން
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވައުދުވީ މާލޭގައި ހުރި އަތޮޅު ފިހާރަތައް ހިންގުން އަތޮޅު ކައުންސިލްތަކާ ހަވާލުކޮށް ކަންކަން ހަރުދަނާކުރުމަށް ކަމަށެވެ.
ނަމަވެސް އެކަން ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރި ކަމަކީ އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު ފިހާރަތަކުގެ ބެލެނިވެރި ފަރާތަކީ ކޮބައިކަން ސާފުނުވާނޭހެން ކަންކަން ކުރުން ކަމަށް ވިދާޅުވި އެވެ.
"އަތޮޅުތަކުގެ ހުރިހާ ރައްޔިތުން ވެސް އަންނަ ކައުންސިލް އިންތިހާބުގައި މި ކަންކަމަށް ވިސްނާފައި ވޯޓު ދެއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން،" އަމީން ވިދާޅުވި އެވެ.
މިދިޔަ އަހަރު ފާސްކުރި ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ރައީސް ރިޔާސީ ބަޔާނުގައި ސިފަކުރައްވައި އެކި ރަށްތަކުގައި12،000އަށް ވުރެ ގިނަ ފްލެޓް އަޅަން ވައުދުވި ނަމަވެސް އެ ކަން ކުރިއަށްނުދާ ކަމަށް އެމްޑީޕީން މިއަދު ބުންޏެވެ.
"ބޯހިޔާވަހިކަމަށް ބަޖެޓްކުރި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ހަރަދުކުރީ 340 މިލިއަން ރުފިޔާ. މި ފައިސާ ހަރަދުކުރީ ސަރުކާރު ކުންފުނިތަކަށް ސިޔާސީ ބޭނުމަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް އުފެއްދި ވަޒީފާތަކަށް." ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ