13 ރަށެއްގައި 2100 ހައުސިން ޔުނިޓް އެޅުން ބީލަމަށް، %40 ވިއްކާނީ މާކެޓް ރޭޓްގައި

މިނިސްޓްރީ އޮފް އިނފްރާސްޓްރަކްޗަރ، ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) މޮޑެލްގެ ދަށުން 13 ރަށެއްގައި 2,100 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްގީކުރުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
މި މަޝްރޫއުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބައެއް އިނާޔަތްތައް ވެސް އިއުލާނުކޮށްފައެވެ. އެގޮތުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކުން ގަންނަ ސޯޝަލް ހައުސިންގް ޔުނިޓްތަކާއި މާކެޓް ރޭޓް ޔުނިޓްތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީ އިމްޕޯޓްކުރުމުގައި ޑިއުޓީ އިސްތިސްނާ ކުރެވޭނެއެވެ. މީގެ އިތުރުން، މަޝްރޫއުގެ 20 އިންސައްތަ މަސައްކަތް ނިމުމުން، މިނިސްޓްރީގެ ހުއްދައާއެކު ފައިނޭންސް ހޯދުމަށްޓަކައި ތަރައްގީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތު ވެސް ޑިވެލޮޕަރުންނަށް ލިބޭނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ހޮވޭ ޑިވެލޮޕަރުންނަކީ މާލީ ގޮތުން ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު، އަދި ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައާ ގުޅޭ ރެސިޑެންޝަލް މަޝްރޫއުތަކެއް ހިންގާނެ ފަރާތްތަކަކަށް ވާންޖެހޭނެއެވެ. ޢިމާރާތްތަކުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ވިޔަފާރިތަކަށާއި، ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތަކުގެ އިތުރުން ޕާކިންގް އަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ ކަންކަން ލިޔުމުން [email protected] މެދުވެރިކޮށް 4 އޮގަސްޓް 2026 ގެ މެންދުރު 1:00 ގެ ކުރިން ހުށަހެޅޭނެއެވެ. ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް އިލެކްޓްރޯނިކްކޮށް ހުށަހަޅަންޖެހޭނީ 17 އޮގަސްޓް 2026 ގެ މެންދުރު 1:00 ގެ ކުރިންނެވެ. ގަޑިޖެހިގެން ހުށަހަޅާ ނުވަތަ މައުލޫމާތު ފުރިހަމަނުވާ ޕްރޮޕޯޒަލްތައް ބަލައެއް ނުގަނެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ