ޝަމްއާން ސްޓޫޑަންޓް ލޯނު ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށް އޭނާގެ މައިންބަފައިން ހެކިބަސް ދީފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ދިފާއުގައި އޭނާގެ މައިންބަފައިން މިއަދު ޝަރީއަތުގައި ހެކިބަސް ދީފި އެވެ.
މައްސަލައިގެ ފެށުން -  މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗު 2025ގަ އެވެ. އޭރު ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ.
އެއީ އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ.
އޭގެ ތެރެއިން އޭނާގެ ނަމުގައި ނަގާފައިވާ ސްޓޫޑަންޓް ދެ ލޯނަަކަށް ފައިސާ ދެއްކުމުގެ ގޮތުން ބީއެމްއެލްގެ ލޯނު އެކައުންޓަކަށް 149،491ރ. އަދި އެހެން ލޯނު އެކައުންޓަކަށް 110،345ރ. ޖަމާކުރި ކަމަށް ދައުލަތުން ކުރާ ދައުވާގައިވެ އެވެ.
ވީކިހިނެއް؟ - ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އެ ފައިސާއަކީ ޝަމްއާން އެހެން ގޮތްގޮތުން ހޯދި ނަގުދު ފައިސާކަން ސާބިތުކުރުމަށް އޭނާ ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެ ގޮތުން ހެކިބަސް ދިނީ:
ޝަމްއާންގެ ބައްޕަ އިބްރާހީމް ވަހީދު
ޝަމްއާންގެ މަންމަ މުރުޝިއާ
ޝަމްއާންގެ އަނބިމީހާ އިދުފާ ފާއިޒު
ޝަމްއާންގެ އެކުވެރިން ކަމަށްވާ އާމިނަތު ނަޝާޔާއާއި ފާރިހު މުހައްމަދު
ތަފްސީލް - ޝަމްއާންގެ ބައްޕަ ހެކިބަސް ދެމުން ބުނީ އޭނާ ހިންގާ ކެފޭއާއި ފިހާރައިގެ އިތުރުން އެޕާޓްމަންޓް ކުއްޔަށް ދީގެން ކޮންމެ މަހަކު ވެސް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ. އެ ގޮތަށް ނަގުދު ފައިސާއިން ލިބޭ ބައި ގޭގައި ރައްކާކޮށްފައި ބަހައްޓާ ކަމަށް ބުންޏެވެ.
ޝަމްއާންގެ ލޯނުތަކަށް ފައިސާ ހަމަޖައްސައިދޭން އެދުމުން ނަގުދު ފައިސާއިން 300،000 ރުފިޔާ ކަޅު ކޮތަޅަކަށް ލާފައި ހަވާލުކޮށްދީފައިވާނެ ކަމަށް އިބްރާހީމް ވަހީދު ބުންޏެވެ.
މަންމަ މުރުޝިއާ ވެސް ހެކިބަސް ދެމުން ބުނީ އޭނާގެ ފިރިމީހާ އިބްރާހީމް ވަހީދަށް ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި ޝަމްއާނަށް ފައިސާ ހަވާލުކޮށްދިން ތަނުގައި އޭނާ ވެސް ހުރި ކަމަށެވެ.
ޝަމްއާންގެ އަނބިމީހާ ބުނީ އެ ފައިސާގެ އިތުރުން އޭނާގެ ކާރެއް ވެސް އެ ދުވަސްވަރު ވިއްކާލައިގެން އެޑްވާންސް ޕޭމަންޓް ލިބުނީ ނަގުދު ފައިސާއިން ކަމަށެވެ. އެއީ 10،000 ޑޮލަރާއި 250،000ރ. އެވެ.
ކާރު ވިއްކާލުމުގެ އެއްބަސްވުމުގެ އިތުރުން އެ އެއްބަސްވުމުގައި ސޮއިކުރި ޝަމްއާންގެ އެކުވެރިން ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެއީ ނަޝާޔާ އާއި ފާރިހެވެ. އެ ދެ މީހުން ވެސް ހެކިބަސް ދެމުން ބުނީ ފައިސާ ހަވާލުކުރިއިރު އެ ތަނުގައި ހާޒިރުވެގެން ތިބި ކަމަށެވެ.
ފާހަގަކޮށްލެވޭ - ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 250،000ރ. ދައުލަތަށް ނަގައިދިނުމަށާއި ބިދޭސީ މީހާ އަތުން ފޭރުނު ކަމަށް ބުނާ ފައިސާގެ ބަދަލު ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދިފައިވެ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ޝަމްއާން ހައްޔަރުކުރިތާ ނުވަ މަސް ފަހުން މިދިޔަ 25 ޑިސެމްބަރުގައި އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އޭރުން ފެށިގެން އޭނާ ބަންދުން ދޫކޮށްލާފައިވީ ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ