ތާރީޚީ ގޮތުން ވެސް ޗާގޯސްގެ ގުޅުން އޮތީ ރާއްޖެއާ، މޮރިޝަސްއަށް ދައުވާނުކުރެވޭނެ: ފަރާޖު

ފޯޅަވަހީގެ ރަށްތަކާ ނުވަތަ ޗާގޯސް އައިލެންޑްސްއާ ގުޅުން އޮތް ތާރީޚެއް އޮތީ ރާއްޖެއާ ކަމަށާއި، އެ ރަށްތަކުގެ މައްޗަށް މޮރިޝަސްއަށް ދައުވާ ނުކުރެވޭނެ ކަމަށް އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު އޮތް އިނގިރޭސި ޕާލަމެންޓުގެ ހައުސް އޮފް ކޮމަންސްގައި ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ ހައްގުވެރިއަކީ ރާއްޖެ ކަމަށް ބުނެ ރާއްޖެއިން އައިސީޖޭ އަށް މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވެއެވެ. އެހެންވެ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް އެ ރަށްތަށް ދިނުމަށް ކުރާ މަސައްކަތްތައް މިހާރުން މިހާރަށް މަޑުޖައްސާލުމަށް އޭނާ އިނގިރޭސި ސަރުކާރަށް ގޮވާލެއްވިއެވެ. https://sun.mv/218224 "މިދިޔަ ހަފުތާ ބަންދުގައި އަޅުގަނޑު ރާއްޖެއަށް ކުރި ދަތުރުން އެނގުނު ކަމެއް ހިއްސާކޮށްލާނަން. މިއީ އަޅުގަނޑަށް ކުރިން އެނގިފައިވާ ކަމެއް ނޫން، އަދި އިނގިރޭސި ސަރުކާރަށް ވެސް މިކަން އެނގޭހެން ހިއެއް ނުވޭ،" "ފޯޅަވަހީގެ ރަށްތަކާ ތާރީޚީ ގޮތުންނާއި، ވިޔަފާރީގެ ގޮތުންނާއި، އަދި އާސާރީ ގޮތުންވެސް ގުޅުން އޮތީ ރާއްޖެއާ. ހަގީގަތުގައި، ފަރަންސޭސިން ކުރިހާވެސް ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔާފައިވާ ނަންތައް ބަދަލުކޮށްލުން،" މޮރިޝަސްއަށް އެ ރަށްތަކުގެ މައްޗަށް ދައުވާކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން ފާހަގަކުރައްވާ ފަރާޖު ވިދާޅުވިއެވެ. ފަރާޖު ވިދާޅުވި ގޮތުގައި އިނގިރޭސި ސަރުކާރުގެ ނިންމުމާ ގުޅިގެން ރާއްޖެއިން ކަންބޮޑުވަނީ ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ އެ ސަރަހައްދުގައި އެތައް އަހަރެއް ވަންދެން އޮތް ހަމަޖެހުން ގެއްލިދާނެތީއެވެ. ދެވަނަ ކަމަކީ އެ އެއްބަސްވުން ކުރިއަށް ގޮސްފިނަމަ، އެ ސަރަހައްދުގައި އިންޑިއާއާއި ޗައިނާގެ ނުފޫޒު ގަދަކުރުމުގެ ކުރިމަތިލުމެއް ފެށިގެންދާނެތީއެވެ. https://sun.mv/218235 އިތުރަށް ވިދާޅުވީ، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ރާއްޖެއިން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށެވެ. ޗަގޯސްއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދަތުރެއްގައި ދިއުމަށްކަމަށް ވިދާޅުވެ މިދިޔަ ހަފުތާ ބަންދުގައި ފަރާޖު ރާއްޖެ ވަޑައިގަތެވެ. ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، އޭނާ އެ ތަނަށް ދިއުމަށް އިނގިރޭސިވިލާތުން ވަނީ ހުރަސްއަޅާފައެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ، ގާޑިއަންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރާޖު ރާއްޖޭގައި ހުންނެވިކަން އެ ސަރުކާރަށް އެނގުނީ އޭނާގެ ވީޑިއޯ އާންމުކުރުމުންނެވެ. އަދި ފޯޅަވަހި ފަދަ ހުއްދަ ނެތި ވަނުން މަނާ ސަރަހައްދަކަށް ދިއުމަށް އޭނާ އެއްވެސް ހުއްދައަކަށް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް އެ ގައުމުން ބުނެއެވެ. މިހާރު އެ ރަށްތައް އިނގިރޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ނަމަވެސް، އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް މިދިޔަ އަހަރު ވަނީ މުއާހަދާއެއްގައި ސޮއިކޮށްފައެވެ. https://sun.mv/218268 މޮރިޝަސްއަށް އެ ރަށްތަށް ދިނުމާ މިހާރު ރާއްޖެއިން ދެކޮޅެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ވިދާޅުވަމުންނެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ، މި މަހު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އެއާއެކު ދިވެހި ސިފައިންގެ އަސްކަރީ މަނަވަރެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވެސް ވެއެވެ. ނަމަވެސް އޭގެ ފަހުން އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ޗާގޯސްއަކީ އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ